الامام أبو حنيفة
އިމާމު އަބޫ ޙަނީފާގެ
ނަންފުޅަކީ އައްނުޢުމާނު ބިން ޘާބިތު ބިން އަލްމަރްޒުބާން އައްތައިމީ އަލްކޫފީއެވެ. (النُّعْمَانُ بنُ ثَابِتِ بنِ المَرْزُبَان التَّيْمِيُّ، الكُوْفِيُّ) ކުންޔާއަކީ (މަޝްޙޫރު
ނަމަކީ) أبو حنيفة އެވެ.
އެކަލޭގެފާނު އުފަންވެ ވަޑައިގަތީ عبد الله ބިން މަރުވާނުގެ ޚިލާފަތުގައި ހިޖުރައިން އައްޑިހަ (80)
ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނަކީ މޫނު ރިވެތި ހައިބަތު ބޮޑު ބޭކަލެކެވެ.
الإِمَامُ أَبُو
حَنِيْفَة އަކީ ޝަރަފުވެރި ތަނަވަސް
އާއިލާއަކަށް ނިސްބަތްވާ ބޭކަލެކެވެ. މިކަލޭގެފާނުގެ އާއިލާ އަސްލު ނިސްބަތްވަނީ
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށެވެ. މިކަލޭގެފާނުގެ ކާފާފުޅު އިސްލާމު
ވެވަޑައިގަތީ ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. އަދި އިސްލާމު
ވުމަށްފަހު ކޫފާއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ.
الامام أبو حنيفة އަކީ އަންނައުނާއި ފަށުއިފޭރާމުގެ ވިޔަފާރި ކުރެއްވި
އަތްމަތި ތަނަވަސް ބޭފުޅެކެވެ. ވިޔަފާރީގައި މިކަލޭގެފާނަކީ އަމާނާތްތެރި ތެދުވެރި
ބެކަލެކެވެ.
އަބޫ ޙަނީފާގެ ޢިލްމީ
ޙަޔާތްޕުޅު:
އެކަލޭގެފާނު
ތުއްޕުޅު އިރުގައި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަދި އުމުރުފުޅުން 16 އަހަރުފުޅުގައި
ބައްޕާފުޅުގެ އަރިހުގައި ފަރުޟު
ހައްޖުއަދާކުކުރެއްވިއެވެ. އަދި މި ދަތުރުފުޅުގައި މާތްނަބިއްޔާ صلى الله
عليه وسلم މިސްކިތަށާއި، އެކަލޭގެފާނުގެ ޤަބުރުފުޅަށް ޒިޔާރަތްކުރެއްވިއެވެ.
ޢިލްމުތަކުގެ
ތެރެއިން އެންމެ ފުރަތަމަ އެކަލޭގެފާނު ދަސްކުރައްވަން ފެއްޓެވީ
ދީނުގެއުޞޫލުތަކުގެ ޢިލްމެވެ. އަދި އެއަށްފަހު ފިޤުހު ޢިލްމު ހޯއްދެވިއެވެ.
މިގޮތުން ފިޤުހު ޢިލްމު އުނގެނިވަޑައިގަތް ޢިލްމުވެރިންގެ ތެރެއިން حَمَّادُ بْنُ أَبِي سُلَيمَان ފާހަގަ ކޮށްލެވެއެވެ. އަދި އަބޫޙަނިފާ މިކަލޭގެފާނުގެ އަރިސް ބޭކަލަކަށްވެވަޑައިގަތެވެ. ޢުމުރުން 20 އަހަރުންފެށިގެން ކޫފާގެ
މިސްކިތުގައި ދީނީޢިލްމު އުގަންނަވައި ދިނުމުގެ ޚާއްސަ ކުލާސްތަކެއް ފައްޓަވާ
ކުރިޔަށް ގެންދެވިއެވެ.
އެކަލޭގެފާނު
މުލްޙިދުންނާއި (އެތީސްޓުންނާއި) ޖަދަލުކުރައްވާ
އެމީހުން ދީނަށް އިޤުރާރުވެއްޖައުމަށްދާންދެން ބަހުޘްކުރައްވާ ކުރިހޯއްދަވައެވެ.
އަދި ޝުބުހާތުތަކަށް ރައްދުދެއްވާ ދީނުގެ ޝަރީޢަތް ބަޔާންކޮށްދެއްވަމުން
ގެންދެވިއެވެ. މިގޮތުން ޖަހުމު ބުނު ޞަފުވާނާއި ޖަދަލުކޮށް ( ބަހުޘްކޮށް ) އޭނަގެ
ބަސް ހުއްޓުވާލެއްވިއެވެ. ހަމަ އެގޮތައް معتزلة އިންނާއި
خوارج ންގެ މަށްޗަށް ހުއްޖަތް ޤާއިމުކުރެއްވިއެވެ.
އަބޫ
ޙަނީފާ އަކީ ޒުހުދުވެރި ވަރަޢަވެރި ބޭކަލެކެވެ. ޣީބަބުނުމާއި ދުރު ބޭކަލެކެވެ.
ޢިލްމުގައި ތަނަވަސް، ފިޤުހުގައި އަރާހުންނެވި ބޭކަލެކެވެ. މިގޮތުން ފަހުން
ދިމާވެދާނެ މައްސަލަތައް އުފައްދަވައި އެފަދަ މައްސަލަތަކަށް ޤިޔާސްގެ އަލީގައި
ޙުކުމް ހޯދައްވައިދެއްވެވިއެވެ. މިއީ މަޝްހޫރު ހަތަރު މަޛުހަބުންކުރެ އެންމެ ފުރަތަމަ އުފެދުނު އެއްމެ ދޮށީ
މަޛުހަބެވެ.
އަބޫޙަނިފާގެ
އުސްތާޛުން :
އަބޫހަނީފާގެ
އުސްތާޛުންގެ އަދަދު ހަތަރުހާހަށް އަރާ
ކަމުގައި ބުނެވެއެވެ. މިގޮތުން މިބޭކަލުންގެ ތެރޭގައި ހަތް (7)
ޞަހާބީބޭކަލުންނާއި ނުވަދިހަތިން (93)
ތާބިޢީ ބޭކަލުން ހިމެނެއެވެ. ދެން ހިމެނެނީ އަތުބާޢުއްތާބިޢީ ބޭކަލުންނެވެ.
އަބޫ
ޙަނީފާގެ ޚާއްސަ އުސްތާޛަކީ ޙައްމާދު ބިން އަބީ ސުލައިމާނެވެ. މިއީ ކުފާގައި
އިތުބާރުހިފޭ ތާބީޢީ ބޭކަލެކެވެ. އަބޫހަނީފާ މިކަލޭގެފާނުގެ އަރިހުން 2000 ހަދީޘް
ރިވާކުރެއްވިއެވެ. އަބޫ ޙަނީފާ އަށް ޢިލްމު އުގަންނަވައި ދެއްވެވި މަޝްހޫރު
ޝައިޚުންގެ ތެރޭގައި ފާހަގަކޮށްލެވޭ ބޭކަލުންގެ ތެރޭގައި إبْرَاهيم بن مُحمّدُ المُنتَشرُ الكُوفِيْ އާއި إبْرَاهِيمُ بن يَزِيدُ النّخَعِي الكُوفِيْ އާއި أَيُّوبُ السَّخْتِيَانِيْ البَصَرِيْ، އަދި ވެސް މިނޫން އިތުރު ގިނަބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުންތައް :
ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުންތައް :
މައްސަލަތަކަށް
ޙައްލު ހޯއްދެވުމުގައި އަބޫޙަނީފާ އަކީ ނަމޫނާ މަންހަޖެއް ގެންގުޅުއްވި
ބޭކަލެކެވެ. މިގޮތުން ތަފާތު އެތަކެއް
މައްސަލަތަކެއް އެކަލޭގެފާނުގެ ދަރިވަރުންނަށް ހުށަހަޅުއްވައެވެ. އެއަށްފަހު
އެމައްސަލައަކަށް ދަރިވަރުން ހުށަހަޅާ ޙައްލުތައް ބައްލަވައި ހުއްޖަތް އެންމެ
ރަގަޅު ދަރިވަރަކަށް ހިއްވަރު ދެއްވައި އެކަލޭގެފާނު އެމައްސަލައެއްގައި ދެކޭގޮތް
ބަޔާންކުރައްވައި އެކަލޭގެފާނު ދަރިވަރުންނާއި އެއްބަސް ވެލައްވާ ކަންތަކާއި، އެއްބަސް ނުވެވޭކަންތައް ބަޔާންކުރައްވައެވެ. މައްސަލަތައް ރަގަޅަށް
ދިރާސާ ކުރައްވާ ދަލީލުތައް
ހޯއްދަވައި ދަރިވަރުންނާއި
މަޝްވަރާކުރައްވާ ހައްދަވައެވެ. މިގޮތުން ބައެއް މައްސަލަތައް ބައްލަވައި ޙައްލު
ހޯއްދެވުމަށް މަހެއް ނުވަތަ އެއަށްވުރެވެސް ގިނަދުވަސް ނަގައެވެ.
އަލްއިމާމު
އަބޫޙަނީފާ އަކީ އިސްލާމީ ދެޚިލާފަތް ދެކެވަޑައިގެންނެވި ޢިލްމުވެރިއެކެވެ.
މިގޮތުން އެކަލޭގެފާނުގެ ޢުމުރުން 52 ހޭދަކުރެއްވީ ޢުމަވީ ދައުލަތުގެ
ދުވަސްވަރުގައެވެ. އަދި ޢައްބާސީ
ދައުލާތުގައި 18 އަހަރު ހޭދަކުރެއްވިއެވެ.
އަލްއިމާމު
އަބޫ ޙަނީފާގެ ޢިލްމުވެރިކަމާއި ފަތުވާތައް މީސްތަކުން ބަލައިގަންނަލެއް
ބޮޑުކަމުން ޚަލީފާ އަބޫ ޖައުފަރުލް މަންޞޫރުވެސް އެކަލޭގެފާނަށް ޤަދަރު ކުރައްވާ
އެކަލޭގެފާނުގެ ފަތުވާ ގަބޫލުފުޅު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނަށް
ދައުލަތުގެ ފަނޑިޔާރުކަން ހުށަހެޅި އެކަން ޤަބޫލުފުޅު ނުކުރެއްވުމުން
ބަންދުކުރައްވާ އަދަބު ދެއްވިއެވެ. މިގޮތުން ދެ ފަހަރެއްގެ މަތިން
ޖަލަށްލެވުނެއެވެ. އަދި އަވަހާރަވިއިރުވެސް ހުންނެވީ ބަންދުގައިކަމަށް ތާރީޚީ ގިނަ
މަސްދަރުތަކުން ފެންނާން އެބަހުއްޓެވެ.
އަބޫޙަނިފާގެ
މަޛުހަބު ފެތުރުން:
الامام أبو حنيفة އެކަލޭގެ ފާނުގެ
މުޅިއުމުރު ހޭދަކޮށްފައިވަނީ އުނގެނުމާއި އުގަންނައިދިނުމުގައެވެ. އަބޫ ޙަނީފާގެ
މަދަރުސާއިން ދަރިވަރުވި ގިނަދަރިވަރުން ވެގެން ގޮސްފައިވަނީ ފަހުން އުފެދުނު ބޮޑެތި ޢިލްމުވެރި ފިގުހުވެރި ބޭކަލުންނަށެވެ. الامام أبوحنيفة އަކީ
ގިނައަދަދަކަށް ފޮތްލިޔުއްވާ އުޅުއްވި ބޭކަލެއްނޫނެވެ. އެޔާއެކުވެސް އެމަޛުހަބު ދުނިޔޭގެ
ކަންކޮޅުތަކުގައި ފެތުރިގެން ގޮސްފައިވަނީ އެކަލޭގެފާނު އެޅުއްވި ހަރުދަނާ
ބިންގާމަތީގައި ފައިތިލަ ސާބިތުކުރި އެކަލޭގެފާނުގެ ދަރިވަރުންގެ ފަރާތުންނެވެ.
މިގޮތުން الشَّيْخُ أَبُو يُوسُفُ يَعقُوبُ بن إِبْرَاهِيم އާއި مُحَمِّدُ بُن الحَسَنُ الشَّيْبَانِي ފާހަގަކޮށްލެވެއެވެ. އަބޫ ޔޫސުފު ޢައްބާސީ ދައުލަތުގެ އުއްތަމަ
ފަނޑިޔާރުކަމާއި ޙަވާލުވެވަޑައިގަތް ހިސާބުން ރަސްމީ ގޮތެއްގައި ޢައްބާސީ
ދައުލަތުގެ މަޛުހަބަކީ އަބޫޙަނީފާގެ މަޒުހަބުކަމުގައި ވިއެވެ. އަދި ސަލްޖޫޤީ
ދައުލަތާއި ޣަޛްނަވީ ދައުލަތާއި ޢުޘްމާނީ ޚިލާފަތުގައިވެސް ރަސްމީ
މަޛުހަބެއްކަމުގައި މިމަޛުހަބުވިއެވެ. ޚާއްސަކޮށް ނިޔާކަނޑައެޅުމުގެ މުޅިނިޒާމު
ބިނާވެފައިވަނީ މިމަޒުހަބުގެ މަށްޗަށެވެ.
މިމަޛްހަބުގެ
މަޝްޙޫރުފޮތްތަކުގެ ތެރޭގައި مُحَمِّدُ بُن الحَسَنُ الشَّيْبَانِي
އެކުލަވާލައިފައިވާ ހަފޮތެއް ފާހަގަކޮށްލެވެއެވެ. އެއީ : الْمَبْسُوطُ. ـ وَالزِّيَادَاتُ.-
وَالْجَامِعُ الصَّغِيرُ ـ الجامع الكبير. ـ وَالسِّيَرُ الصَّغِيرُ ـ وَالْسير الْكَبِيرُ މިފޮތްތަކަށް
ޢިލްމުވެރިން ظَاهِرُ الرِّوَايَة ނަމުން ނަންދެއްވާފައިވެއެވެ. ހަމަ މިގޮތައް އަބޫޔޫސުފު
ލިޔުއްވި މަޝްހޫރު ފޮތްތަކުގެތެރެއިން
"الآثار " އާއި " اِخْتِلَافُ أَبِيْ حَنِيفَة وَابْنُ أَبِيْ لَيْلَى" އަދި " الخَراج " އަކީ ހަނަފީ މަޒުހަބުގެ ފޮތްތަކުގެ ތެރެއިން
ފާހަގަކޮށްލެވޭ ފޮތްތަކެކެވެ.
· القرآن الكريم.
· أحاديث الرسول صلى الله عليه وسلم.
· القياس
· الإجماع
· الاستحسان
· العرف
· العادة
އަވަހާރަވުން:
އިމާމު އަބޫ ޙަނީފާ މިދުނިޔެ ދޫކުރެއްވީ އުމުރުފުޅުން 70 އަހަރުގައި ހިޖުރައިން
150 ވަނަ އަހަރުއެވެ. اِبْنُ كَثِيْرُ ވިދާޅުވެއެވެ. "މީސްތަކުން
ގިނަވެ ތޮއްޖެހުމުގެ ސަބަބުން އަބޫހަނީފާގެ މަށްޗަށް ބަޣުދާދުގައި 6 ފަހަރު
ކަށުނަމާދު ކުރެވުނެވެ." މިގޮތުން އެއިރު ހުންނެވި ޚަލިފާ އަބޫޖައުފަރުލް
މަންޞޫރުވެސް އެކަލޭގެފާނަށް ކަށުނަމާދު ކުރެއްވި ކަމަށް އައިސްފައިވެއެވެ. އިމާމު
އަބޫ ޙަނީފާ ފަސްދާނު ލެވިފައިވަނީ
ބަޣުދާދުގެ ޚައިޒަރާންގެ މަޤުބަރާގައެވެ.
އަބޫ ޙަނީފާ
ދުނިޔޭގައި 70 އަހަރު ހޭދަކުރެއްވި އިރުގައި
55 ފަހަރު ހައްޖު ވެވަޑައިގަތް ކަމަށްބުނެވެއެވެ. އަބޫޙަނީފާ އަވަހާރަވި އަހަރަކީ އަލްއިމާމުއްޝާފިޢީ
އުފަންވެ ވަޑައިގެންނެވި އަހަރެވެ.
އިމާމުއްޝާފިޢީ
ވިދާޅުވިއެވެ." ޞައްޙަ ހަދީޘްތަކަށް މީހަކު އެދޭނަމަ އެމީހަކަށްވަނީ
މާލިކެވެ. އަދި މީހަކު ޖަދަލަކަށް (ޢިލްމީ ގޮތުން ޙުއްޖައި ދައްކައިގެން ކުރެވޭ
ބަހުޘަކަށް ) އެދޭނަމަ އެމީހަކަށްވަނީ އަބޫޙަނީފާއެވެ. އަދި މީހަކު ތަފްސީރަށް
އެދޭނަމަ އެމީހަކަށްވަނީ مقاتل بن سليمان އެވެ."
އަދިވެސް ވިދާޅުވިއެވެ.
" މީހަކު ފިޤުހުގެ ކަނޑަކަށް އެދޭނަމަ އެމީހަކަށްވަނީ އަބޫ ޙަނީފާގެ
ދަރިވަރުންނެވެ." އިމާމު އަބޫޙަނީފާ ވެވަޑައިގަތީ ފިޤުހުގައި ރަގަޅުގޮތް ބަޔާންކުރުމުގެ ތައުފީޤު ލިބިގެންވީ
މީހުންގެ ތެރެއިންނެވެ.
މުޙައްމަދު މަންޞޫރު އާދަމް
ما شاء الله. تبارك الله
ReplyDelete