Monday, May 4, 2020

މަޛުހަބުތައް އުފެދުނީ ކިހިނެއް؟ ވަކި މަޛުހަބަކަށް ޢަމަލުކުރަން ޖެހޭތަ؟

ފިޤުހީ މަޛުހަބުތަކުގެ ތާރީޚު

 މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم  ޙަޔާތްޕުޅުގައި އިސްލާމީ ޝަރުޢީ ޙުކުމްތައް އެކަލޭގެފާނުގެ ޢަޞްޙާބުންނަށް އެކަލޭގެފާނުވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި އެއިރުގައި މީސްތަކުންގެ މެދުގައި ހުރި މައްސަލަތަކަށް ސީދާ އެކަލޭގެފާނު ވަނީ ޙައްލު ހޯއްދަވައި ދެއްވާފައެވެ. އަދި މައްސަލަތަކަށް ޙައްލު ހޯދުމުގެ މިންގަޑުތައްވެސް އަޞްޙާބު ބޭކަލުންނަށް އެކަލޭގެފާނު  ބަޔާންކޮށްދެއްވިއެވެ.
މިގޮތުން ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ ބަސްފުޅުތަކަކީ  ސުންނަތުލް ޤައުލިއްޔާއެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުތަކަކީ ސުންނަތުލް ފިޢުލިއްޔާއެވެ. އަދި އަޞްޙާބުބޭކަލުންގެ ޢަމަލުފުޅުތަކަށާއި ބަސްފުޅުތަކަށް އެކަލޭގެފާނު އިޢުތިރާފުވެ  އެއްބަސް ވެފައި ވާނަމަ އެއީ އެކަލޭގެ ފާނުގެ އިޤުރާރެވެ.
މާތްނަބިއްޔާގެ ޙާޔާތްޕުޅުގައި ޙުކުމްތަކުގެ ފުރަތަމަ މަޞްދަރަކީ އިލާހީ ވަޙުޔެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އިޤްރާރަކީ ސުންނަތެވެ. އަޞްޙާބުބޭކަލުން ނަބިއްޔާއަށް ހުށަހަޅާ ތަފާތު މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވައި  ޙުކުމްތައް ބަޔާންކޮށްދެއްވަމުން އެކަލޭގެފާނު ގެންދެވިއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ހަޔާތްޕުޅަށްފަހު ޙުކުމްތައް ބަޔާން ކުރެވުނު ގޮތް:
މިއުއްމަތުގެ މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވުމަށްފަހު ދީނުގެ ކަންކަން މީސްތަކުން އަންގަވައިދެއްވަމުން ގެންދެވީ އެކަލޭގެފާނުގެ މާތް އަޞްޙާބު ބޭކަލުންނެވެ. އެހެންކަމުން ފަތުވާދިނުމުގައްޔާއި ނިޔާކަނޑައެޅުމުގައި އެބޭކަލުންވަނީ ފުރިހަމަ ދައުރެއް އަދާކުރައްވާފައެވެ. ސަޙާބީބޭކަލުން ފިޤްހުގެ ޙުކުމްތައް ބަޔާންކޮށްދިނުމުގައި ބުރަވެ ވަޑައިގަތީ ކީރިތި ޤުރުއާނާއި ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ ސުންނަތާއި އެބޭކަލުން އެކިކަންކަމަށް ޤިޔާސް ކުރައްވައިގެން ބުރަވެ ވަޑައިގަންނަވާ އިޖުތިހާދަށެވެ. މިގޮތުން  އާޔަތްތައް ބާވައިލެއްވުނު ސަބަބުތަކާއި އަދި ހަދީޘްތައް ވާރިދުވި ސަބަބުތަކަކީ ޙުކުމްތައް ދެނެގަތުމުގައި މުހިއްމު އެހީތަކެއް ކަމުގައިވިއެވެ. މިގޮތުން އެބޭކަލުންނަށް ކަމެއްގައި އެއްބަސް ނުވެވޭނަމަ އެބޭކަލަކު ބުރަވާ ދަލީލެއްގެ މަށްޗަށް ބިނާކޮށް އިޖުތިހާދުކުރައްވައެވެ. ޞަޙާބީބޭކަލުން ކަމެއްގައި އިއްތިފާޤު ވެއްޖެނަމަ އެއީ އިޖުމާއުއެކެވެ.
ފިޤްހީ މަޒުހަބުތައް އުފެދުން :
އަޞްޙާބުބޭކަލުންގެ ދުވަސްވަރަށްފަހު އައީ ތާބިޢީ ބޭކަލުންގެ ދުވަސްވަރެވެ. މިބޭކަލުން ތަޢުލީމު އުގެނިވަޑައިގެންނެވީ ބޮޑެތި  ޞަޙާބީ ބޭކަލުންގެ އަރިހުންނެވެ. މިބޭކަލުންވެސް ދީނުގެ ޙުކުމްތައް ދެނެގަތުމަށް ފުރަތަމަ ރުޖޫޢަވަނީ ކީރިތި ޤުރުއާނަށެވެ. ދެން ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތެށެވެ. އަދި މިދެމަސްދަރުން ވެސް ޙުކުމެއް ނުލިބިއްޖެނަމަ އަޞްޙާބު ބޭކަލުންގެ ފަތުވާތަކަށް މިބޭކަލުން ރުޖޫޢަވެއެވެ. އަދި އަލަށް އުފަންވާ މައްސަލަތަކުގައި ޙުކުމްތައް ނެރުމަށް މިބޭކަލުންވެސް އެބޭކަލުންގެ ޚާއްސަ އިޖުތިހާދުތަކަށްވެސް ބުރަވެވަޑައިގެންނަވައެވެ.
އިސްލާމްދީން ފުޅާވެ ތަފާތު ނަސްލުތަކާއި ޤަބީލާތައް އިސްލާމް ދީނަށް ވަދެ ދުނިޔޭގެ އެކިކަންކޮޅުތަކަށް އިސްލާމްދީން ފެތުރެން ފެށުމުން  މީސްތަކުންގެ ބޭނުންތައް ގިނަވެ ކުރިން ދިމާނުވާ އެތަކެއް މައްސަލަތަކެއްގެ ޙައްލު ހޯދަން ޖެހުމުން ފިޤްހު ޢިލްމުވެރިންނަށް އެމައްސަލަތަކަށް ޙައްލުހޯދުމަށް އިޖުތިހާދު ކުރަންޖެހުނެވެ.  އެހެން ކަމުން އެތަނެއްގައި އެއިރު ހުންނަ ޢިލްމުވެރިޔަކު ދެއްވާ ފަތުވާ އެތަނެއްގައި ބަލައިގަންނަން ފެށުނެވެ. އަދި މިޢިލްމުވެރިންގެ ދަރިވަރުންތައް ގިނަވެ ފިޤްހު ފުޅާވެ ތަނަވަސް ވެގެން ދިޔައެވެ.
މިގޮތުން ފިޤުހު ޢިލްމުގައި ކުރިއަރައިގެން ދިޔަ ދެސަރަޙައްދެއް ފާހަގަ ވެގެން ދިޔައެވެ. އެއީ ޙިޖާޒުކަރައިގެ މަދްރަސަތުލްޙަދީޘް އާއި ޢިރާޤްކަރައިގެ މަދްރަސަތުއްރައުޔުއެވެ. މި ދެމަދަރުސާއިން ގިނަ އަދަދެއްގެ ދަރިވަރުން ދަސްވެނިވެ ފިޤުހުގެ ޢިލްމުގައި އިމާމުވެރި ބޭކަލުންނަށް ވެގެން ދިޔައެވެ. މިބޭކަލުން މައްސަލަތަކަށް ޙުކުމްތައް ނެރުއްވުމުގައި މަންހަޖުތައް އެކަށައަޅުއްވައި  އިޖުތިހާދު ކުރެއްވުމުގައި ވަކިއުޞޫލުތަކެއް ގެންގުޅުއްވަން ފެއްޓެވިއެވެ.
މިހެންކަމުން ޙުކުމްތައް ދެނެގަތުމަށް ފިޤުހު ޢިލްމުވެރިން ގެންގުޅުއްވި ގޮތްތަކަށް މަޛުހަބު ކިޔަންފެށުނެވެ. އަދި ގިނަ އަދަދެއްގެ މަޛުހަބުތަކެއް އުފަންވި ކަމުގައި ވީނަމަވެސް މިއަދާއި ހަމަޔަށް މި މަޛުހަބުތަކުން ދެމިއޮތީ މަޝްހޫރު ހަތަރު މަޛުހަބެކެވެ. އެއީ :
1-   مذهب الإمام أبي حنيفة. ( ޙަނަފީ މަޛުހަބު ) މި މަޛުހަބު ނިސްބަތްވަނީ އަބޫ ޙަނީފާ އައްނުޢުމާނު ބިން ޘާބިތް އަށެވެ.
2-    مذهب الإمام مالك. ( މާލިކީ މަޛުހަބު ) މި މަޛުހަބު ނިސްބަތްވަނީ މާލިކު ބިން އަނަސްއަށެވެ.
3-     مذهب الإمام الشافعي. (ޝާފިޢި މަޛުހަބު ) މި މަޛުހަބު ނިސްބަތްވަނީ މުޙައްމަދު ބިން އިދުރީސްސުއް ޝާފީޢީ އަށެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި މި މަޛުހަބު ފާޅުވެ ފެތުރިގެންދިޔައެވެ.
4-  مذهب الإمام أحمد. ( ޙަންބަލީ މަޛުހަބު ) މި މަޛުހަބު ނިސްބަތްވަނީ ޢަހުމަދު ބިން ޙަންބަލްއަށެވެ. އެކަލޭގެފާނަކީ ޙަދީޘް ޢިލްމަށް އިސްކަންދެއްވި ބޭފުޅެކެވެ.
މަޛުހަބުތަކުގެ ދައުރު ފުޅާވުން :
އިސްލާމީ ފިޤުހު ކުރިއަރާ ފުޅާވެ ތަނަވަސް ވަމުން ދިޔައީ ފިޤުހު ޢިލްމުވެރިން އުޅުއްވި ތަންތަނުގައި އެބޭފުޅުންގެ އިޖުތިހާދީ ފަތުވާތައްގިނަވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިގޮތުން ފިޤުހުގެޢިލްމުވެރިންގެ ދަރިވަރުންތައް ގިނަވެ ފިޤުހު ޢިލްމު ހޯދުމަށް އެބޭފުޅުންގެ ޙަލަޤާތަކުގައި (ކުލާސްތަކުގައި) ބައިވެރިވަމުންދިޔަ ދަރިވަރުންދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
މިގޮތުން ކޫފާއާއި  ބަޞަރާގައި އަބޫހަނީފާގެ މަޛުހަބު ފެތުރި ދަރިވަރުން ގިނަވެގެން ގޮސްފައިވާއިރު، މަދީނާގައި އިމާމު މާލިކުގެ ޙަލަޤާތަކުގެ ބާރު އެހާމެ ބޮޑެވެ. ޝާމުކަރައިގައި އަލްއަވްޒާޢީގެ ދަރިވަރުންތައް އިތުރުވެ ގިނަވެގެން ދިޔައިރުގައި މިޞްރުގައި ލައިޘްބުނު ޞަޢުދުގެ ފިޤުހުގެ އަސަރު އެހާމެ ވަރުގަދަކޮށް ފެނުނެވެ. ހަމަ މިގޮތައް ޝާފިޢީގެ ފާނުގެ ޙަލަޤާތައް އެކަލޭގެފާނުގެ އެއިރު ހުންނެވި ތަނެއްގައި ބޮޑުވެ  އަބޫޙަނީފާގެ ފިޤުހާއި އިމާމު މާލިކުގެ ފިޤުހާއި ދެމެދުން މީސްތަކުން ބަލައިގަންނަ ފިޤުހަކަށްވެ ޝާފިޢީގެފާނުގެ ފިޤުހުވެ ފެތުރެންފެށުނެވެ.
ފިޤްހީ މައްސަލަތަކުގައި ޚިލާފު އުފެދެން މެދުވެރިވި ބައެއް ސަބަބުތައް:
1- ބައެއް ހަދީޘްތައް ބައެއް ޢިލްމުވެރިންނާއި ހަމަޔަށް ވާޞިލުވެފައި އަނެއްބައި ޢިލްމުވެރިންނަށް ވާޞިލުވެފައިނުވުން.
2- ހަދީޘްތަކާއި ހަމަޔަށް ޢިލްމުވެރިންނަށް ވާޞިލުވެވުނަސް އެހަދީޘްތަކުގެ ސައްޙަކަމާއި މެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން.
3- ޞައްޙަ ހަދީޘްތައް ފަހުމު ކުރުމުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން.
4- ބަހުގެ ގޮތުން އަންނަ ތަފާތު ތަކުގައި (އުބުފިލި ޖެހުމާއި އިބިފިލި ޖެހުން ފަދަ ކަންކަމާއި) ޚިޔާލުތަފާތުވުން.
5- ޤުރުއާނުގެ އާޔަތްތަކާއި އަދި ހަދީޘްތަކުގައި ޙުކުމް މަންސޫޚު ވެފައިވުމާއި ނުވުމުގެ މަށްޗަށް ޚިޔާލުތަފާތުވުން.
6- ދަލީލުތަކުގައި ޙުކުމް ޚާއްޞަވުމާއި ޙުކުމް ޢާއްމު ވުމުގައި ޚިޔާލުތަފާތުވުން.
·      ވަކި މަޛުހަބެއް އިޚުތިޔާރުކުރުން:
އަޅުގަނޑުމެންނަށް ދީނުގައި އައިސްފައިވާ ޙުކުމްތަކަށް ޢަމަލުކުރުމަށް ވަކިމަޛުހަބަކަށް ޢަމަލުކުރުން ވާޖިބެއް ނޫނެވެ. ނަމަވެސް ވާޖިބުވެގެންވަނީ ދީނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ރަސޫލު މުޙައްމަދު صلى الله عليه وسلم މެދުވެރިކުރައްވައި އަންގަވާފައިވާ ކަންތައްތަކަށް ޢަމަލުކުރުމަށެވެ. މިގޮތުން ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ސުންނަތުން ސާބިތުވާ ކަންތައްތަކަށް ޢަމަލުކުރުން މުސްލިމުންނަށް ލާޒިމް ވެގެންވެއެވެ. ދީނުގައި އައިސްފައިވާ ފިޤުހީ ޙުކުމްތައް ދެނެގަތުމުގައި މަޛުހަބުތަކަށް އަޅުގަނޑުމެން ރުޖޫޢުވާން ޖެހޭނީ އަޅުގަނޑުމެންނަށް  ޙުކުމްތައް ފަހުމުވުގައި ދަތިތަކެއް ދިމާވެއްޖެނަމައެވެ. އެޙާލަތުގައި މަޛުހަބުތަކުގެ ރައުޔުތައް ބަލައި އިތުރަށް އޮޅުންފިލުވަން ޖެހޭނެއެވެ.

މަޛުހަބުތަކަށް ޢަމަލުކުރުމުގައި ބަލަންވީ ކޮންކަމަކަށް ؟
1- ކީރިތި ޤުރުއާނާއި މާތްނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ ސުންނަތުން ޙުކުމްތައް ނެރެވޭ ފަދަ ޢިލްމީ ޤާބިލުކަން ލިބިގެންވާ މީހެއްނަމަ އެއްވެސް މަޛުހަބަކަށް ބުރަވެގެން ނުވާނެއެވެ. ސަބަބަކީ އެފަދަ މީހަކަށް އަމިއްލައަށް ފިޤްހީ ޙުކުމްތައް ނެރުމުގައި އިޖުތިހާދު ކުރެވިދާނެތީއެވެ. ނަމަވެސް ފިޤުހީ ޙުކުމެއް ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވެއްޖެނަމަ ވަކިމަޛުހަބެއްގައި އައިސްފައިވާ ގޮތައް ޢަމަލުކުރެވިދާނެވެ.
2- ކީރިތި ޤުރުއާނާއި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ސުންނަތުން ޙުކުމްތައް ނެރެން ނޭނގޭ މީހުން، ފިޤުހުގައި މިހަތަރު މަޛުހަބަކުންކުރެ މަޛުހަބެއް އިޚުތިޔާރުކޮށް އެމަޛުހަބުގައިވާ ގޮތައް ޢަމަލުތައް ބެހެއްޓުމަކީ އެމީހަކަށް އެންމެ އެދެވިގެންވާ ގޮތެވެ. އަދި ފިޤުހު ޢިލްމުވެރިން ޚިލާފުވެފައިވާ އިޖުތިހާދީ މައްސަލަތަކުގައި އެމީހަކަށް ރަގަޅުކަމަށް ފެންނަ މަޛުހަބަކަށް ޢަމަލު ކުރެވިދާނެއެވެ.

3- ނަމަވެސް މަޛުހަބުތަކުގައި އައިސްފައިވާ ރައުޔަކާއި ނުވަތަ ގެނެސްދީފައިވާ ފަތުވާއަކާއި ޚިލާފަށް ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ ސުންނަތުން ކަމެއް ސާބިތުވެއްޖެނަމަ އެމީހަކު ތަބާ ވާންޖެހޭނީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ސުންނަތުން އެކަމެއް ސާބިތުވާ ގޮތަށެވެ.
މުޙައްމަދު މަންޞޫރު އާދަމް

No comments:

Post a Comment