Thursday, May 14, 2020

އުޞޫލުލްފިޤުގެ މުއައްސިސް (الاِمَامُ الشَّافِعَي )

الاِمَامُ الشَّافِعَي
(150- 204هـ)

الاِمَامُ الشَّافِعَيގެ ފުރިހަމަ ނަންފުޅަކީ އަބޫ ޢަބުދުﷲ މުޙައްމަދު ބިން އިދުރީސްއެވެ. އިމާމު ޝާފިޢީގެ ނަސަބު ކީރިތި ރަސޫލާގެ ނަސަބުފުޅާއި  ޢަބްދު މަނާފުއާއި ހިސާބުންވަނީ ގުޅިފައެވެ. ބައްޕާފުޅުވަނީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ކުރިން އަވަހާރަވެފައެވެ. މައިކަނބަލުންނަކީ އަޒަދު ވަންހައިގެ فَاطِمَةُ بنتُ عَبْدُ الله އެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ދެއަހަރުގައި މަންމާފުޅު އެކަލޭގެފާނު ގޮވައިގެން މައްކާއަށް ދިރިއުޅުން ބަދަލު ކުރެއްވެވިއެވެ. އެކަލޭގެފާނުގެ ބޮޑުފުޅުވެގެން އައީ ޔަތީމު އަދި ފަޤީރު ހާލުކޮޅުގައެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރައިން 150 ވަނަ އަހަރު ފަލަސްތީނުގެ ޢައްޒާގައެވެ.
الاِمَامُ الشَّافِعَي ގެ ޢިލްމީ ހަޔާތްޕުޅު:  
އިމާމު ޝާފިޢީ މައްކާގައި ހުންނަވާ ޢުމުރުން 7 އަހަރުފުޅުގައި ޤުރުއާން ހިތު ދަސްކުރައްވާ 10 އަހަރުގައި އިމާމު މާލިކުގެ ހަދީޘް ފޮތް المُوَطّأُ ހިތްޕުޅުން ދަސްކުރެއްވިއެވެ. އެކަލޭގެފާނަކީ ޢިލްމު އުނގެނުމުގެ އިތުރަށް، ތީރު ޖެއްސެވުމަށް ލޯބިކުރެއްވި ބޭކަލެކެވެ.
އެކަލޭގެފާނު ކީރިތި ރަސޫލާގެ ޙަދީޘް ދަސްކުރެއްވެވިއިރު އެކަލޭގެފާނަށް ކަރުދާސް ގަތުމުގެ ތަނަވަސްކަން ލިބިފައި ނެތުމުން ޖަނަވާރުގެ ހަމާއި  ކަދުރު ރުކުގެ ތޮށި އެއްކުރައްވައި ލިޔުއްވެވިއެވެ. އޭގެ ފަހުން ބަނޫ ހުޒައިލަށް ވަޑައިގެން އެތަނުގައި އުމުރުފުޅުން ސަތާރު އަހަރުވަންދެން އުޅުއްވިއެވެ. އެބައިމީހުންނަކީ ޢަރަބިންގެ އެންމެ ފަޞާހަތްތެރި މީހުންނެވެ. އިމާމު ޝާފިޢީ އެތަނުގައި ހުންނަވާ ޢަރަބި ބަހާއި ބަހުގެ އަދަބު އަދި ޅެންވެރިކަން ދަސްކުރައްވާ ކުޅަދާނަ މޮޅު ފަޞާހަތްރެރިއަކަށް ވެވަޑައިގެންނެވިއެވެ. ހަމަ މިޔާއި އެކު ތާރީޚަށް ވެސް މޮޅު އުންމަތްތަކުގެ ޚަބަރުތައް ދެނެލައްވާ ބޭކަލަކަށްވެވަޑައިގެންނެވިއެވެ.  އެއަށްފަހު އެނބުރި މައްކާއަށް ވަޑައިގެން  ހަދީޘް އިލްމާއި ފިޤުހުގެ ޢިލްމު ދަސްކުރެއްވެވިއެވެ. މިހިސާބުން މައްކާގައި އެއިރު ހުންނެވި  އެކަލޭގެ ފާނުގެ އުސްތާޛު މައްކާގެ މުފްތީ مُسْلِم بْنُ خَالِدُ الزَّنْجِيْ ، الاِمَامُ الشَّافِعَيއަށް ވިދާޅުވިއެވެ. " އޭ އަބާ ޢަބްދުﷲ އެވެ. ކަލޭގެފާނު ފަތުވާދެއްވަން ފައްޓަވާށެވެ. ފަހެ ކަލޭގެފާނު އެކަންކުރަންވީ ވަގުތު ޖެހިއްޖެއެވެ. " ބުނެވޭ ގޮތުގައި އެއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 18 އަހަރެވެ. މިދުވަސްވަރު ދުނިޔޭގައި އެންމެ ވިދާ ބަބުޅަމުންދިޔަ ޢިލްމުވެރިޔަކީ އަލްއިމާމު މާލިކެވެ. އެހެންވެ އެކަލޭގެފާނުގެ އަރިހުން ޢިލްމު ހޯއްދެވުމަށް މަދީނާއަށް ދަތުރު ކުރެއްވިއެވެ. އިމާމު މާލިކުގެފާނާއި  އެކަލޭގެފާނު ބައްދަލުވެވަޑައިގަތް ހިނދު އެކަލޭގެފާނުގެ  ޢިލްމާއި އަދި ކިޔެވުމާއި މެދު  އިމާމު މާލިކު އަޖައިބު ވެވަޑައިގަތެވެ. އިމާމު މާލިކުގެ އަރިހުން ޢިލްމު ހޯއްދެވުމުގައި الاِمَامُ الشَّافِعَي އިމާމު މާލިކު ދުނިޔެ ދޫކުރެއްވުމަށް ދާންދެން މަދީނާގައި ހުންނެވިއެވެ. އެއަށްފަހު  އަނެއްކާވެސް ޢިލްމުގެ ދަތުރުތައް  ފެއްޓެވިއެވެ. މިގޮތުން  ޔަމަނާއި ބަޣުދާދު  އަދި މިސްރަށް ވަޑައިގެންނެވިއެވެ. މިކަމުގެ ސަބަބުން މިކަލޭގެފާނުގެ އުގެނުމަށާއި  ޢިލްމަށް ވަރަށްބޮޑު ހެޔޮއަސަރުތަކެއްކުރިއެވެ. މިކަލޭގެފާނުގެ މަޛުހަބު މުޅިދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިގެން ދިޔައެވެ.
ޢިލްމު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅުތައް :
ހިޖުރައިން 184 ވަނައަހަރުގައި ބަޣުދާދަށް ވަޑައިގެން  مُحَمّدُ بْنُ الحَسَنُ ގެ އަރިހުން ޙަނަފީ މަޛުހަބުގެ ޢިލްމު ދަސްކުރައްވާ އެމަޛުހަބު ދިރާސާކުރައްވަންފެއްޓެވިއެވެ. އަދި އެނބުރި މައްކާއަށް ވަޑައިގެންނެވިއެވެ. މިފަހަރު މައްކާގައި 9 އަހަރުވަންދެން މަޑުކުރެއްވިއެވެ. މި މަޑުކުރެއްވި ކުރެއްވުމުގައި މައްކާގެ ޙަރަމުގައި މީސްތަކުންނަށް ފަތުވާދެއްވާ ޙަނަފީ މަޛުހަބު އުގަންނަވައިދެއްވިއެވެ. އަދި ދެވަނަ ފަހަރަށް ބަޣުދާދަށް ވަޑައިގަތެވެ.  މިދަތުރުގައި އެކަލޭގެފާނުގެ މަޝްހޫރުފޮތް " الرِّسَالَةُ " ލިޔުއްވިއެވެ. މިއީ އުޞޫލުލް ފިޤުހުގެ ޢިލްމުގެ ޝަރަހައިގެ މަށްޗަށް ލިޔުއްވި ފޮތެކެވެ.  
އެކަލޭގެފާނު ލިޔުއްވި މަޝްހޫރު ފޮތްތަކުގެ ތެރޭގައި  އުޞޫލުލް ފިޤުހުގެ "الرِّسَالَة "  އާއި  ފިޤުހު ފޮތެއްކަމުގައިވާ " الأُمُّ " އާއި ޙަދީޘް ފޮތެއްކަމުގައިވާ "جَمَاع العِلمُ "  ހިމެނެއެވެ. އިމާމު ޝާފިޢީއަކީ ތަފްސީރު ޢިލްމަށާއި ޙަދީޘް ޢިލްމަށާއި ޅެންވެރިކަމުގެ ޢިލްމަށް މޮޅު ބޭކަލެކެވެ. މީގެ އިތުރުން  ތާރީޚާއި ބޭސްފަރުވާގެ ޢިލްމުވެސްދެނެލައްވާ ތޫނުފިލި ބޭކަލެކެވެ.
ހިޖުރައިން 199 ވަނަ އަހަރު މިޞްރަށް ވަޑައިގެން ޢިލްމު ހޯއްދަވައި، ކުރިން އެކަލޭގެފާނު ބައެއް މައްސަލަތަކުގައި ދެއްވި ފަތުވާ ބަދަލުކުރެއްވިއެވެ. މިހިސާބުން އިމާމު ޝާފިޢީގެ އާ މަޛުހަބު އުފެދިގެންދިޔައެވެ.  އެއީ މިޞްރުން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ޢިލްމުގެ އަލީގައެވެ. އެހެންކަމުން ބަޣުދާދުގައި އެކަލޭގެފާނު ދެއްވި ފަތުވާތަކަށް؛ ޤައުލު ޤަދީމު އަދި މިޞްރުގައި އެފަތުވާ ބަދަލުކުރެއްވި ކުރެއްވުމަށް ޤައުލު ޖަދީދު ކިޔަންފެށުނެވެ. މިކަލޭގެފާނު ދުނިޔެ ދޫކުރައްވަންދެން ހުންނެވީ މިޞްރުގައެވެ. މިޞްރުގައި ހުންނެވި ހުންނެވުމުގައި އުގެންނެވުމާއި ފޮތްތައް ލިޔުއްވުމުގައި  ވަޤުތުތައް ހޭދަކުރެއްވެވިއެވެ. ޝާފިޢީގެފާނަކީ  މަދީނާގެ މަދްރަސަތުލްޙަދީޘާއި ޢިރާޤުގެ މަދްރަސަތުއްރައުޔުގެ ޢިލްމު ޖަމްޢުކުރެއްވި އަދި މިދެމަދަރުސާގެ ޢިލްމުގެ މެދުން އާ މަޛުހަބެއް އުފަންކުރުވި ތޫނުފިލި ވިސްނުންތެރި، އުޞޫލުލް ފިޤުހުގެ މުއައްސިސެވެ.

·       ޖަދަލުކުރާ މީހަކަށް ދެއްވި ރައްދު:
އެއްދުވަހު ޖަދަލު ކުރާމީހަކު އިމާމު ޝާފިޢީގެ އަރިހަށްއައިސް ބުންޏެވެ. އިމާމު އާއިއަހަރެން ސުވާލެއްކުރަންބޭނުމެވެ. އެކަލޭގެފާނު ﷲ އަށްވަކީލުކުރަމޭ ވިދާޅުވެ ތިބާގެ ސުވާލު ކުރާށޭ ވިދާޅުވިއެވެ. ޖަދަލު ކުރާމީހާ ބުންޏެވެ. އިބިލީސް އަކީ އަލިފާނުން ހައްދަވާފައިވާ މަޚުލޫޤަގައް ވާއިރު އެއިބިލީހަށް ﷲ އަލިފާނުން ޢަޛާބު ދެއްވަނީ ކިހިނެއްހެއްޔެވެ؟ އިމާމު ކުޑަ އިރުކޮޅަކު ހަނު ހިމޭނުން އިންނަވާ ހިކިފައިއޮތް މަށިގަޑެއް ގެންނެވިއެވެ. އަދި އެމަށިގަޑުން އެމީހާގެ ގައިގާ ޖެއްސެވިއެވެ. ރުޅިވެރިކަމާ ތަދު އެވަޤުތު އޭނަގެ މޫނުމަތިން ފެންނަން ހުއްޓެވެ. އެވަގުތު އިމާމު ވިދާޅުވިއެވެ. ތިބާއަށް ތަދުވިހެއްޔެވެ؟ ޖަދަލު ކުރާމީހާ ބުންޔެވެ. އާއެކެވެ. އިމާމު ވިދާޅުވިއެވެ. މަށިން ހައްދަވާފައިވާ މަޚުލޫޤަގައް މަށިން އަނިޔާއެއްދެވޭނީ ކިހިނެއް ހެއްޔެވެ؟ އިމާމުގެ މަޤުޞަދު އެނގި އެއްވެސް ޖަވާބެއްނުދީ އެޖަދަލު ކުރާމީހާ ހުއްޓެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އިބިލީސްވެސް ހަމައެފަދައިންނެވެ. ﷲ އިބިލީސް އަލިފާނުން ހައްދަވާ  ހަމަ އެފަދައިން އެއަލިފާނުން ޢަޛާބު ދެއްވާނެއެވެ.

·       ފާހަގަކޮށްލެވޭ އުސްތާޛުން :
1-  مُسْلِم بْنُ خَالِدُ الزَّنْجِيْ مُفْتِيْ مَكَّةَ
2-  دَاوُدُ ابْنُ عَبْدُالرَّحْمَن العَطَارُ
3-  سُفِيَانُ بْنُ عُيَيْنَة .
4-   إِسْمَاعِيْلُ بْنُ جَعْفَرُ
5-  الاِمَامُ مَالِكُ بْنُ أًنَسْ فَقِيْهُ المَدِيْنَة
6-   مُحَمَد بْنُ الحَسَنُ، فقِيْهُ العِرَاقُ
7-  وَكِيْعُ بْنُ الجَرَّاحُ
8-  هِشَامُ بْنُ يُوسُفُ القًاضِيْ
·       ފާހަގަ ކޮށްލެވޭ ދަރިވަރުން :
1-   عَبْدُ اللهِ بْنُ الزُّبَيْرُ الحُمَيْدِيْ.
2-  أَبُوْ عُبَيْدُ القَاسِمُ بْنُ سَلَام .
3-  الإِمَامُ أَحْمَدُ بْنُ حَنْبَل
4-  سُلَيْمَانُ بْنُ دَاوُدُ الهَاشِمِيْ
5-  أَبُوْ يَعْقُوبُ يُوْسُفُ البُوَيْطِيْ
6-  أَبُو ثَوْرُ إِبْرَاهِيْمُ بْنُ خَالِدُ الكَلْبِيْ
7-  حَرْمَلَةُ بْنُ يَحْيَى
·       الاِمَامُ الشَّافِعَي ގެ ފާހަގަކޮށްލެވޭ އިތުރު ލިޔުއްވުންތައް:
1-  اِخْتِلَافُ الحَدِيْثِ.
2-  مُسْنَدُ فِي الْحَدِيْثِ، "مُسْنَدُ الشَّافِعِيْ".
3-  أَحْكَامُ القُرْآن.
4-  النَّاسِخُ وَالْمَنْسُوْخُ.
5-  كِتَابُ القَسَامَةُ
6-  كِتَابُ الْجِزِيَة.
7-  قِتَالُ أَهْلُ البَغْي.
8-  سَبٍيْلُ النَّجَاةُ.
9-  دِيْوَانَ شِعْرٍ "دِيْوَانُ الشَّافِعِيْ"
 ·       އިމާމު ޝާފިޢީގެ މަޛުހަބު  ބިނާވެގެންވާ އަސްލުތައް :
·       القُرْآنُ الكرِيْم
·       السُّنّةُ النّبَوِيَة.
·       الاِجْمَاعُ.
·       قَوْلُ الصَّحَابِيّ
·       القِيَاسُ.
އަވަހާރަވުން:
ޝާފިޢީގެފާނު ދުނިޔެ ދޫކުރެއްވީ ހިޖުރައިން 204 ވަނައަހަރު ރަޖަބުމަހުގެ އެންމެ ފަހު ދުވަހު ޢިޝާނަމާދު ވަޤުތުގައެވެ. އެކަލޭގެފާނުގެ ކަށުނަމާދު އޮތީ  ޝަޢުބާނު މަހު އެކެއްވީ ހުކުރު ދުވަހުއެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވިއިރު ހަތަރު ދަރިކަލުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނެނީ  އަންހެން ދެބޭފުޅުންނާއި ފިރިހެން ދެބޭފުޅެންނެވެ. އެއީ ފާތިމާ އާއި ޒައިނަބާއި ޢުޘްމާނު އާއި ޙަސަންއެވެ. އެކަލޭގެފާނު އަވަހާރަވިއިރު ޢުމުރުފުޅަކީ 54 އަހަރެވެ.

އަލްއިމާމު الشافعي އާއި މެދު ޢިލްމުވެރިންގެ ބަސް :
- ރަބީޢު ބުނި ސުލައިމާނު އަލްމަރާދީ އަލްމިޞްރީ ވިދާޅުވިއެވެ. " އިމާމުއްޝާފިޢީ ރަމަޟާން މަހުގައި 60 ފަހަރު ޚަތިމް ކުރައްވަވައެވެ.
- އިމާމު މާލިކު ވިދާޅުވިއެވެ." އޭ އަޚުގެ ދަރިފުޅާއެވެ. ތިބާފިޤުހުވެރިވާށެވެ. އެއިރުން ކުރިއަރައިދާހުއްޓެވެ".
- އިމާމު ޢަހުމަދު ވިދާޅުވިއެވެ " ޝާފިޢީގެފާނު ދުނިޔޭގައިވީ އިރެއްފަދައިންނެވެ. އަދި އެކަލޭގެފާނަކީ މީސްތަކުންނަށްވާ ފަރުވާއެކެވެ."
 މުހައްމަދު މަންޞޫރު އާދަމް


No comments:

Post a Comment