الإمام مالك
(93 - 179هـ)
މާލިކުގެފާނު އުފަންވެ ވަޑައިގަތްކަމަށް ގިނަ ޢިލްމުވެރިންގެ
އަރިހުގައި މަޝްހޫރު ވެފައިވަނީ ހިޖުރައިން ނުވަދިހަ ތިންވަނަ (93) އަހަރު ކަމުގައިއެވެ. މިއަހަރަކީ މާތް
ރަސޫލު صلى الله عليه وسلم ގެ ޚާދިމް އެކަލޭގެފާނުގެ
ބައްޕާފުޅު( އަނަސް ބުނު މާލިކު ) ދުނިޔެ ދޫކުރެވި އަހަރުވެސް މެއެވެ.
ތުއްޕުޅުއިރުގައި ކީރިތި ޤުރުއާން
ހިތުދަސްކުރެއްވެވިއެވެ. އަދި ކޮތަރުގެންގުޅެން އަހަމިއްޔަތުކަން ދެއްވިއެވެ. އެއަށްފަހު
މިކަލޭގެފާނު ޢިލްމަށް ހުސްވެވަޑައިގަތް ކަމަށް ބުނެވެނީ މިކަލޭގެފާނުގެ ބައްޕާފުޅު،
އެކަލޭގެފާނުގެ އަޚަކަށާއި އެކަލޭގެފާނަށް ހުށަހެޅުއްވި މައްސަލައެއްގައި އެކަލޭގެފާނުގެ
އަޚު ރަގަޅު ޖަވާބު ދެއްވައި ކުރިހޯއްދެވުމުން ބައްޕަ ވިދާޅުވި ބަހަކާއި
މެދުގައެވެ. ބައްޕަ ވިދާޅުވިއެވެ. " ކަލޭގެފާނު ޢިލްމު ހޯދުމަށްވުރެ ކޮތަރުގެންގުޅުމުގައި ޣާފިލުވެއްޖެއެވެ." މިބަހަކާއި މެދު ހިތްޕުޅާނުވެ އިމާމު މާލިކު ޢިލްމު
ހޯއްދެވުމަށް މަސައްކަތްޕުޅު ފެއްޓެވިއެވެ. މިގޮތުން اِبْنُ هُرُمُزْ އަރިހުން 7 އަހަރު ނުވަތަ 8 އަހަރު ވަންދެން ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެއަށްފަހު
رَبِيعَةُ الرّأْيُ ގެ އަރިހުން ޢިލްމު ހޯއްދެވިއެވެ. އަދި ބުނެވެއެވެ.
އިމާމު މާލިކު ޢިލްމު ހޯއްދަވަން ފެއްޓެވީ رَبِيعَةُ ފަރާތްޕުޅުންނެވެ.
އެއީ އެކަލޭގެފާނުގެ މަންމާފުޅު رَبِيعَةُ الرّأْيُ
ގެ އަރިހަށް ގޮސް ޢިލްމު އުގެނުމަށްވުރެ ކުރިން އަދަބު އުނގެނުމަށް ވަސިއްޔަތް ކުރާތީއެވެ.
ޢިމާމު މާލިކު ބޮޑެތި ޢިލްމުވެރިންގެ އަރިހުން
ޢިލްމު ހޯއްދެވުމަށް ލޯބިކުރެއްވެވިއެވެ. މިގޮތުން سَعِيدُ بْنُ المُسيِّبُ، އާއި
عُرُوَةُ އާއި القَاسِمُ، އާއި حَمِيْدُ
ފަދަ ބޭކަލުންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. މިއިން ކޮންމެ ބޭކަލެއްގެ ފަރާތްޕުޅުން
ގާތްގަނޑަކަށް 50 ފެށިގެން 100 ހަދީޘް އާއި ހަމައަށް އަޑުއައްސަވާ އެއްވެސް އޮޅުމެއް ނެތް މިންވަރަށް ހިތު
ދަސްކުރެއްވިއެވެ. އަދި އެކަލޭގެ ފާނަކީ ލިޔުމަށް އިސްކަންދެއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން
ވާރިދުވެފައިވެއެވެ. " ތިމަންކަލޭގެފާނުގެ އަތްޕުޅުން އެއްލައްކަ ހަދީޘް ލިޔުއްވީމެވެ."
އިމާމު މާލިކުގެފާނަކީ ޙަދީޘްތަކަށް ވަރަށްބޮޑަށް
މާތްކޮށްހިއްތެވި ބޭކަލެކެވެ. މިގޮތުން ޙަދީޘްތައް
ކިޔުއްވާއިރު ކޮޅަށް ހުންނެވުމަށް ނުރުހެންތެރިވެ ވަޑައިގަންނަވައެވެ.
އިމާމު މާލިކުގެފާނަކީ ހަދީޘާއި ފިޤުހު ޢިލްމުގެ
އިރުތުން، ޤުރުއާނާއި، ތަފްސީރާއި، ތަޖުވީދުއާއި،
ޤިރާއަތްތަކުގެޢިލްމާއި، ފަލަކީޢިލްމާއި، ޙިސާބު ދެނެލައްވާ ބޭކަލެކެވެ. އަދި
އެކަލޭގެފާނަކީ ބަހާއި އަދަބަށް ފަރިތަ ލިޔުންތެރިއެއްވެސް މެއެވެ.
އުއްމަތައް ކޮށްދެއްވި ޚިދުމަތް
އިމާމު މާލިކު މަސްޖިދުއްނަބަވީގައި
އެކަލޭގެފާނުގެ އަމިއްލަ ފުޅަށް ފަތުވާދެއްވައި މީސްތަކުންނަށް އުގަންނައި
ދެއްވަފެއްޓެވިއެވެ. ބައެއް ރިވާޔަތްތަކުގައިވަނީ އެއިރު އެކަލޭގެފާނުގެ ޢުމުރަކީ
17 އަހަރުފުޅު ކަމުގައިއެވެ. ޢިލްމުގެ
މައިދާނުގައި އެކަލޭގެފާނަކީ ދާރުލް
ޙިޖުރާގެ އިމާމެވެ. މަދީނާގެ އިމާމެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން ދަސްވެނިވި
ދަރިވަރުންގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކަށް އެކަލޭގެފާނުގެ މަޛުހަބު
ފެތުރިގެން ދިޔައެވެ. މިގޮތުން މުޅިޙިޖާޒު ކަރައާއި މިޞްރާއި މަޣުރިބާއި ސްޕެއިން
އަދި ޚާއްސަކޮށް ހުޅނަގު އެފްރިކާގެ ޤައުމުތަކުގައި މިމަޒުހަބު ފެތުރުނެވެ.
އިމާމު މާލިކުގެ ލިޔުއްވުންތަކުގެ ތެރެއިން އެންމެ
ފާހަގަ ކޮށްލެވޭ ފޮތަކީ އެކަލޭގެފާނު ލިޔުއްވި
ހަދީޘް ފޮތް الموطأ އެވެ. މިއީ ކީރިތި ޤުރުއާނަށްފަހު އެއިރު އެންމެ އިތުބާރު ކުރެވޭފޮތައްވިއެވެ.
އަދި މިފޮތައްފަހު
އެކަލޭގެފާނުގެ ފާހަގަ ކޮށްލެވޭ އިތުރުބައެއް ލިޔުއްވުން ތަކުގެ ތެރޭގައި
އަންނަނިވި ފޮތްތައް ހިމެނެއެވެ.
· كِتَابُهُ فِي النُّجُومِ وَحِسَابُ مَدَارُ الزَّمَانُ وَمَنَازِلُ الْقَمَرُ.
· رِسَالَتُهُ فِيْ الأَقْضِيَة.
·
رِسَالَتُه
فِيْ الفَتْوَى.
· رِسَالَتُهُ إِلَى هَارُوْنَ الرَّشِيدِ فِيْ الآدَابِ وَالْمَوَاعِظِ.
· كِتَابُهُ فِي التَّفْسِيرِ لِغَرِيْبِ القُرْآنَ.
·
كِتَابُ السِّيَرِ
مِنْ رِوَايَةِ القَاسِم عَنْهُ.
އަލްއިމާމު މާލިކުގެ ފާނުގެ ފަރާތްޕުޅުން މިއުންމަތު ބޮޑެތި އިމާމުން
ދަސްވެނިވެވަޑައިގަތެވެ. މިގޮތުން އެކަލޭގެފާނުގެ އަރިހުން ޢިލްމުހޯއްދެވި ދަރިވަރުންގެ
ތެރެއިން ފާހަގަކޮށްލެވޭ ދަރިވަރުންގެ ތެރޭގައި އިމާމުއްޝާފިޢީއާއި، އައްލައިޘްއާއި،
އިބްނު މުބާރަކު މެންފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މައްސަލަތަކަށް
ޙައްލުހޯއްދެއްވުމުގައި ކަންކުރައްވާ ގޮތް :
އެކަލޭގެފާނަށް
މައްސަލައެއް ހުށަހެޅުމުން އެމައްސަލައަކާއިމެދު ވަރަށްބޮޑައް ވިސްނަވައި ފިކުރުކުރައްވައެވެ.
އަދި ފަތުވާދެއްވުމުގައި ދެކޮޅުވެރިވުމާއި ޒުވާބުކުރުމާއި ކޯޅުންތަކުން ދުރުހެލިވެ
ހުންނަވައި ފަތުވާދެއްވައެވެ. ސަބަބަކީ އެއިން ކަމެއްގެ ސަބަބުން އެންމެރަގަޅު ފަތުވާ
ނުދެވިދާނެތީއެވެ.
އެކަލޭގެފާނުގެ ދަރިވަރު އިބުނުލްޤާސިމު
ވިދާޅުވިއެވެ." މާލިކުގެފާނު
ވިދާޅުވިއަޑު ތިމަން އެއްސެވީމެވެ. " ތިމަން ކަލޭގެފާނު މައްސަލައަކާއި މެދު
ވިސްނަވަން ފެއްޓެވިތާ ގާތްގަޑަކަށް 13 ވަރަކަށް އަހަރުވެއްޖެއެވެ. އަދި
މިހާތަނަށް އެމައްސަލައިގައި އެއްބަސްވެވޭ
ރައުޔެއް (ޙައްލެއް) ނުލިބެއެވެ."
އެއްފަހަރެއްގައި މީހަކު އެކަލޭގެފާނާއި ސުވާލެއް
ކުރުމަށްފަހު ބުންޏެވެ. "ވަރަށް ކުޑަ މައްސަލައެކެވެ." އެހިނދު ކޯފާ
އިސްކުރައްވައި ވިދާޅުވިއެވެ. " ފަސޭހަ މައްސަލައެއްތޯއެވެ.!! ޢިލްމުގައި
ލުއިކަމެއް (ފަސޭޙަކަމެއް) ނުވެއެވެ. ދަންނާށެވެ! ތިމަންކަލޭގެ ފާނު ﷲ
ވަޙީކުރައްވާފައިވާ މިއާޔަތް އަޑުއެއްސެވީމެވެ. ( إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا ) މާނައީ :" ހަމަކަށަވަރުން،
ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް
ބާވައިލައްވާހުށީމެވެ." ފަހެ ހުރިހާ
ޢިލްމަކީވެސް ބަރުއެއްޗެކެވެ. އަދި ޚާއްސަކޮށް ޤިޔާމަތްދުވަހު އެކަމަކާއި މެދު
ސުވާލުކުރެވޭނެއެވެ.
· القُرْآنُ الكرِيْم.
· السُّنّةُ النّبَوِيَة.
· الاِجْمَاعُ.
· القِيَاسُ.
· الاِسْتِحْسَانُ
· عمل أهل المدينة. ( މަދީނާގެ އަހުލުވެރިންގެ އަމަލުތައް )
· أَقْوَالُ الصَّحَابَة.
( ޞަޙާބީންގެ ބަސްފުޅުތައް )
· سَدُّ الزَّرَائِعُ
ކުރިމަތިވެ ވަޑައިގެންނެވި
ގޮންޖެހުން:
އިމާމުމާލިކަށް ޢައްބާސީ ޚިލާފަތުގައި ވަރުގަދަ
އިމްތިހާނަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. މިގޮތުން ހިޖުރައިން 146
ގައި އެކަލޭގެފާނުގެއަތުގެ ކޮނޑުހުޅު ނެއްޓެންދެން އެކަލޭގެފާނުގެ ގައިކޮޅުގައި އެއްތެލުން ތަޅުނެވެ.
މިކަމުގެ ސަބާބައި ގުޅޭގޮތުން މަޝްހޫރުވެފައިވަނީ އެކަލޭގެފާނު މީސްތަކުންނަށް
މާތްނަބިއްޔާ صلي الله عليه وسلمގެ މިހަދީޘް ކިޔައިދެއްވުމުވެ. ( ليسَ عَلَى مُسْتَكْرَهٍ طَلاَق ) މާނައީ
މަޖުބޫރުކުރެވޭ މީހަކަށް ވަރިއެއް ނުވެއެވެ. މުރާދަކީ މީހަކަށް
މަޖޫބޫރުކޮށްގެން އެމީހެއްގެ އަންހެނުން ވަރިކުރުވިޔަސް އެވަރި
ވަރިއަކަށްނުވާނެއެވެ.
ކޮންމެއަކަސް އިމާމުމާލިކު މިހަދީޘް
ކިޔައިދެއްވުމުން ޢައްބާސީ ޚިލާފަތާއި ދެކޮޅު ބައެއްމީހުން އެއިރުގެ ޚަލީފާ
އަބޫޖަޢުފަރުލް މަންޞޫރާއި ދެކޮޅަށް ޙުއްޖަތަކަށް މިހަދީޘް ނެންގެވިއެވެ. މިގޮތުން
މަޖުބޫރުން މީހުން ލައްވާ ބައިޢަތެއް ހިފުމެއް ނެތްކަމަށް އިމާމު މާލިކު
ފަތުވާދެއްވައިފި ކަމަށާއި އެހެން ކަމުން ޚަލީފާއަށްވެސް ނުރުހުމުގައި ބައިޢަތު
ހިފުމެއް ނެތްކަމަށް ގޮވި ގޮވުންތަކުގެ އަޑުގަދަވިއެވެ. ނަތީއްޖާ އަކަށްވީ އެއިރު
މަދީނާގެ ގަވަރުނަރަކަށް ހުންނެވި ޖަޢުފަރު ބުނު ސުލައިމާނުގެ އަދަބާއި، އިމާމު މާލިކު ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ. ބައެއް ރިވާޔަތްތަކުގައި
އަބޫޖަޢުފަރުލް މަންޞޫރު އިމާމުމާލިކުގެ އަރިހުން އެކަލޭގެ ފާނަނަށް ދެވުނު
އަދަބާއި މެދު އުޒުރުވެރިވެވަޑައިގަތްކަމަށް އައިސްފައިވެއެވެ. އަދި އިމާމު
މާލިކަށް ދެވުނު އަދަބަކީ އަބޫޖައުފަރުލް މަންޞޫރަށް އެނގިވަޑައިގެން ހިނގިކަމެއް
ނޫން ކަމަށް ވިދާޅުވިއެވެ.
އިމާމު މާލިކު އަވަހާރަވުން
އިމާމު މާލިކު އަވަހާރަވުމުގެ 22 އަހަރު ކުރިން
އެކަލޭގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އަދި އެކަމުގައި
އުޅުއްވަނިކޮން އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 179އަހަރުގެ ރަބީޢުލް އައްވަލު މަހު 10 ވީ އާދިއްތަ
ދުވަހުއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 85 އަހަރެވެ. އެކަލޭގެފާނު
ފަސްދާނުލެވިފައިވަނީ މަދީނާގެ ބަޤީޢުގައެވެ.
އަލްއިމާމު މާލިކާއި މެދު ޢިލްމުވެރިންގެ ބަސް :
އަބޫ ޙަނީފާ ވިދާޅުވިއެވެ."ﷲ ގަންދީ
ބުނަމެވެ. ޖަވާބު ދިނުމުގައި ފުރިހަމަ ޒުހުދުވެރިކަމާއި ތެދުވެރިކަމާއި އެކު
އަވަހަށް ޖަވާބުދެއްވާ ބޭކަލެއް އިމާމު މާލިކުނޫނީ ތިމަން ކަލޭގެފާނު
ދެކެވަޑައިނުގަންނަވަމެވެ."
ޝާފިޢީގެފާނު ވިދާޅުވިއެވެ." ޢިލްމުވެރިންގެ
ވާހަކަ ޛިކުރުކުރެވޭނަމަ މާލިކަކީ ޢިލްމުވެރިންގެ ތަރިއެވެ."
No comments:
Post a Comment