الإمام أحمد بن حنبل
(164ހ –
241ހ)
އަބޫ ޢަބްދު ﷲ އަޙުމަދު ބިން މުޙައްމަދު ބިން ޙަންބަލް
އައްޝައިބާނީގެ މައިކަނބަލުންނަކީ ޞަފިއްޔާ ބިންތު މައިމޫނާ ބިންތު ޢަބްދުލްމަލިކުއެވެ.
މިކަލޭގެފާނާއި ކީރިތި ރަސޫލާގެ ނަސަބުފުޅާއި ގުޅިފައިވަނީ ނިޒާރު ބިން މަޢިދު
ބިން ޢަދުނާނާއި ހިސާބުންނެވެ. އުފަންވެ ވަޑައިގަތީ ބަޣްދާދުގައި ހިޖުރައިން
164ގައެވެ. أَحْمَدُ بن حَنْبَلُ ގެ ޢުމުރުފުޅުން 3 އަހަރުފުގައި
ބައްޕާފުޅު ނިޔާވެއްޖެއެވެ. އެހިސާބުން މައިކަނބަލުން އެކަލޭގެފާނު ތަރުބިއްޔަތު
ކުރުމުގެ މަސައްކަތާއިގެން ތެދުވެ ވަޑައިގެންނެވިއެވެ.
الإمام أحمد بن حنبل ގެ
ޢިލްމީ ޙަޔާތްޕުޅު
އިމާމު ޢަހުމަދު ވަރަށް ތުއްޕުޅުއިރުގައި ޤުރުއާން
ހިތުންދަސްކުރެއްވެވިއެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން 15 އަހަރުފުޅުގައި ޢިލްމު
ހޯއްދެވުމަށް ދަތުރުފެއްޓެވިއެވެ. މިގޮތުން ކީރިތި ރަސޫލާގެ ޙަދީޘް އުނގެނިވަޑައިގަތުމަށް ހަދީޘް ޢިލްމުގެ
މަޖިލިސްތަކަށް ވަޑައިގަންނަވަން ފެއްޓެވިއެވެ.
ބުނެވޭގޮތުގައި މިކަލޭގެފާނު ފުރަތަމަ ޙަދީޘްޢިލްމު އުނގެނިވަޑައިގަތީ އަބޫ
ޔޫސުފުގެ އަރިހުންނެވެ. އެއަށްފަހު އިތުރަށް ހަދީޘްތައް ހޯއްދަވާ، ޖަމްޢު ކުރެއްވުމަށް ޝާމުކަރަ، މަޣުރިބު، އަލްޖަޒާއިރު، مَكَّة المُكَرَّمَة، المَدِيْنَةُ المُنَوَّرَة، ޔަމަން، ޢިރާޤު، ފާރިސް އަދި
ޚުރާސާނަށް ދަތުރުކުރެއްވިއެވެ.
މިދަތުރުތަކުން ޙިޖާޒު ކަރަޔަށް ކުރެއްވި ދަތުރެއްގައި އިމާމުއްޝާފިޢީ އާއި
ބައްދަލުވެ ޢިލްމު އުނގެނި ވަޑައިގަތެވެ. ރިވާވެގެންވާ ގޮތުގައި އިމާމު އަޙުމަދު
ހަދީޘްތައް އުގަންނަވައި ދެއްވައި އަދި ފަތުވާތައް ދެއްވަވަން ފެއްޓެވީ
އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރު ވުމަށްފަހުގައެވެ. އޭގެ ކުރިން
އެކަލޭގެފާނުގެ އަރިހަށް ފަތުވާއެއް ހޯދަން ބަޔަކު އަޔަސް ފަތުވާއެއް
ނުދެއްވަވައެވެ.
އުއްމަތައް
ކޮށްދެއްވި ޚިދުމަތް :
އިމާމު އަޙުމަދުގެ ދަރުސްތައް ދެބަޔަކަށް ބެހެއެވެ.
މިގޮތުން ފުރަތަމަ ބަޔަކީ އާންމުންނަށާއި ދަރިވަރުންނަށް މިސްކިތުގައި
ނަންގަވައިދެއްވާ ކުލާސްތަކެވެ. ދެވަނަ ބަޔަކީ އެކަލޭގެފާނުގެ ގެކޮޅުގައި ޚާއްސަ
ބައެއް ދަރިވަރުންނަށް ނަންގަވައި ދެއްވާ ކުލާސްތަކެވެ. މިސްކިތުގައި ދަރުސްތައް ދެއްވަނީ އަޞްރުނަމާދަށް
ފަހުގައެވެ. އެކަލޭގެފާނު ދަރުސް ދެއްވާ މަޖުލިސް ފާހަގަ ކޮށްލެވެނީ
ސަމާސާކުރުމާއި، މަޖާކުރުމާއި ދުރު ހަމަހިމޭން
ތަނެއްގެ ގޮތުގައެވެ. ސަބަބަކީ އިމާމު އަޙުމަދު ދެކެވަޑައިގަންނަވާ ގޮތުގައި
ނަބިއްޔާ صلى الله عليه وسلم ގެ ހަދީޘްތައް ރިވާކުރުމަކީ އަޅުކަމެކެވެ. މިކަލޭގެފާނުގެ
މަޖުލީސްތަކުގައި ގާތްގަޑަކަށް 5 ހާސް ދަރިވަރުން ބައިވެރިވެއެވެ.
ފައްސަތޭކައެއްހާ ދަރިވަރުން އެކަލޭގެފާނު ކިޔައިދެއްވާ ހަދީޘްތައް ލިޔުއްވައެވެ.
މިމަޖުލީސްތަކުގައި ބައިވެރިވާ އެންމެހާ
ދަރިވަރުންނަކީ ހަދީޘްތައް ދަސްކުރެއްވުމަށް ބައިވެރިވާ ބައެއް ނޫނެވެ.
ނަމަވެސް ބައެއް ދަރިވަރުން މިމަޖުލީސްތަކުގައި ބައިވެރިވަނީ އަދަބާއި، އަޚުލާޤު ދަސްކުރުމަށެވެ.
އިމާމު އަޙުމަދު ބިން ޙަންބަލްގެ އެންމެ ފާހަގަ ކޮށްލެވޭ
މަސައްކަތްޕުޅަކީ އެކަލޭގެފާނު ލިޔުއްވާފައިވާ ހަދީޘްފޮތް " المُسْنَد " އެވެ. މިއީ ހަދީޘްތަކުގެ މަރުޖިއެކެވެ. މިފޮތުގައި
ހަދީޘްތައް ގެންނަވާފައިވަނީ ހަދީޘްތައް ރިވާކުރެއްވި އަޞްޙާބުބޭކަލުންގެ
ތަރުތީބުންނެވެ. މިފޮތަކީ ގާތްގަޑަކަށް 40
ހާސް ހަދީޘްގެ މަށްޗަށް އެކުލެވޭ ބޮޑުފޮތެކެވެ. މިފޮތުގައި 10 ހާސް ހަދީޘް
ތަކުރާރުވެފައިވެއެވެ. 300 ހަދީޘް ތިން
ސަނަދުން ގެންނަވާފައިވެއެވެ. އަދި
މިފޮތުގައި އެކުލޭ ޞަހާބީބޭކަލުންގެ ސަނަދު 904ކަށް އަރައެވެ. މިއީ 14
ފޮތުގެ މަށްޗަށް އެކުލެވޭ ބޮޑު ފޮތްބައެކެވެ. މިކަލޭގެފާނު ލިޔުއްވި މަޝްހޫރު
އިތުރު ފޮތްތަކަށް ބަލާއިރު النَّاسِخُ و المَنْسُوخُ އާއި العِلَلُ އަދި السُنَن فِي الفِقُه ފާހަގަ ކޮށްލެވެއެވެ.
ގޮންޖެހުން :
ޢައްބާސީ ދައުލަތުގެ ޚަލީފާ المأُمُون ގެ ޚިލާފަތުގެ ފަހު ދުވަސްކޮޅު، ކީރިތި ޤުރުއާނަކީ މަޚުލޫޤެއް
ކަމަށް ބުނެ އެއީ އެންމެ ރަގަޅު ގޮތްކަމަށް ކަނޑައެޅުނެވެ. އަދި މިމަޢުޟޫގައި
ޢިލްމުވެރިންނާއި މުޙައްދިޘުންނާއި ސުވާލުތައްކޮށް އިމްތިޙާނު ކުރެވުނެވެ.
މިގޮތުން ޢިމްލުވެރިން ކުރެ ކިރީތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅޭ ވިދާޅުވާ ކޮންމެ
ޢިލްމުވެރިޔަކު ޖަލަށްލައި އަދަބު ދެއްވަން ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން
އެއިރު ތިއްބެވި ގިނަ ޢިލްމުވެރިން އަދަބުން ސަލާމަތްވުމަށްޓަކައި ކިރީތި
ޤުރުއާނަކީ މަޚުލޫޤެއް ކަމަށް އެއްބަސް ވިއެވެ. ނަމަވެސް މިފިތުނައިގައި ޘާބިތުވެ ހުންނަވާ
ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅޭ ބުނެ އަދަބާއި ކުރިމަތިލެއްވި ބޭކަލެއް
ކަމުގައިވީ އިމާމު އަޙުމަދު ބިން ޙަންބަލެވެ. މިގޮތުން އެކަލޭގެފާނު
ހައްޔަރުކޮށްގެން ޚަލީފާ المأُمُون ގެ އަރިއަހަށް
ގެންދަވަނިކޮށް ޚަލީފާ އަވަހާރަވިއެވެ. ދެން ޢައްބާސީ ޚިލާފަތައް ވަޑައިގެންނެވީ ޚަލީފާ
المأُمُون ގެ އަޚު المُعْتَصِم بالله އެވެ. المعتصم بالله ޚަލީފާކަމަށް އިސްވުމަށްފަހު އެކަލޭގެފާނުގެ
އަޚުގެ ވަޞިއްޔަތް ދެމެހެއްޓެވިއެވެ. އެއީ ޤުރުއާނަކީ މަޚުލޫގެއްކަމަށް
ޤަބޫލުނުކުރާ މީހުންނަށް އަދަބު ދެއްވުމުގެ ސިޔާސަތެވެ. މިސިޔާސަތު އެކަލޭގެފާނު
ތަންފީޒު ކުރެއްވީ ކީރިތި ޤުރުއާނަކީ މަޚުލޫގެއްކަމަށް އެކަލޭގެފާނު ޤަބޫލުކުރާތީ
އެއްނޫނެވެ. ނަމަވެސް އެކަލޭގެފާނުގެ އަޚު
( المأمون ) ގެ ވަސިއްޔަތް ދެމެހެއްޓުމަށްޓަކައެވެ. މިގޮތުން
މިޚަލީފާގެ ދުވަސްވަރު އަލްއިމާމު ޢަޙުމަދު ބުނު ޙަންބަލް ހައްޔަރުކުރެވި، ޤުރުއާނަކީ މަޚުލޫގެއް ކަމަށް ބުނާ މީހުނާއި މުނާޛަރާ
ކުރެވުނެވެ. އަލްއިމާމު ޢަޙުމަދު ބުނު ޙަންބަލް ވިދާޅުވީ "ކީރިތި
ޤުރުއާނުންނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ކީރިތި ޤުރުއާނަކީ
މަޚްލޫގެއްކަން ސާބިތުކޮށްދިނުމަށެވެ." ނަމަވެސް މިކަމެއް ކީރިތި ޤުރުއާނަކީ
މަޚުލޫގެއް ކަމަށް ބުނާ މީހުނަށް (މުޢުތަޒިލާއިންނަށް) ނުކުރެވުނެވެ. އެހެންވެ އެމީހުން
އިމާމު ޢަހުމަދަކީ މަގު ގެއްލިފައިވާ މީހެއް ކަމަށް ބުނެ، ޚަލީފާ އަރިހުގައި އެދެމުން
ދިޔައީ އިމާމު ޢަޙުމަދު ޤަތުލުކޮށްލުމަށެވެ. المعتصم بالله، އިމާމު
އަޙުމަދުގެ އަރިހުން އެދެމުން ދިޔައީ އަދަބުން ސަލާމަތްވުމަށް ކީރީތި ޤުރުއާނަކީ
މަޚުލޫގެއް ކަމަށް ބުނުމަށެވެ. ނަމަވެސް އިމާމު އަޙުމަދު އެކަލޭގެ ފާނުގެ ބަހުގައި
ޘާބިތުވެ ހުންނެވިއެވެ. މިހެންވެ އެކަލޭގެފާނުގެ
ދެފަރާތުގައި ކަޑަޖެހުމަށްފަހު ދުއްރައިން ތަޅާ، އެކަލޭގެ ފާނުގެ ދެކޮނޑުހުޅު
ނެއްޓި ހޭނެތެންދެން އަދަބު ދެވުނެވެ. އެއަށްފަހުގައި މީސްތަކުން ޢައްބާސީ
ޚިލާފަތާއި ދެކޮޅަށް ނުކުމެ ހަމަނުޖެހުން ހިންގަފާނެތީ އެކަލޭގެ ފާނު
ދޫކޮށްލެވުނެވެ. އެއީ 28 މަސްވަންދެން ބަންދުގައި ހުންނެވުމަށްފަހުގައެވެ. އެކަލޭގެފާނު
ބަންދުން ދޫވުމުން ބޭސްފަރުވާކުރައްވާ ރަގަޅުވުމުން މިސްކިތުގެ ޖަމާޢަތަށް ޙާޟިރުވާން
ފެއްޓެވިއެވެ. ނަމަވެސް ޚަލީފާ
އަލްމުޢުތަޞިމް އަވަހާރަވެ خليفة الواثق ވެރިކަމާއި ޙަވާލުވެ އަނެއްކާވެސް އަދަބާއި ކުރިމަތި
ލައްވަން ޖެހިވަޑައިގަތެވެ. މިފަހަރު އެކަލޭގެ ފާނު ބަޣުދާދުން ފައްސާލުމަށް
އަމުރު ކުރެވުނެވެ. މިހެންކަމުން އެކަލޭގެ އުޅުއްވަން ޖެހިވަޑައިގެންނެވީ
ފިއްލަވައިގެންނެވެ. ޚަލީފާ އަލްވާޘިޤު އަވަހާރަވަންދެން އެކަލޭގެ ފާނު
ސިއްރިޔާތުގައި އެކުވެރިއެއްގެ ގެއެއްގައި ބޭރަށް ނިކުމެ ވަޑައިނުގެން ހުންނަވަން
ޖެހިވަޑައިގަތެވެ. މިކަމުން މިކަލޭގެ ފާނު ސަލާމަތް ވެ ވަޑަގަތީ المتتَوَكِّلُ ޚަލީފާކަމަށް
އިސްވެވަޑައިގަތުމުންނެވެ.
ޚަލީފާ المأمون ކީރިތި قرآن އަކީ މަޚުލޫގެއް ކަމަށް ޤަބޫލު ކުރި ސަބަބު:
ޚަލީފާ المأمون އަކީ ގިނަ ގުނަ ޢިލްމީ ބަހުޘްތަކާއި ޖަދަލުތަކަށް ލޯބިކުރެއްވި
ޚަލީފާއެއްކަމުން މިފަދަ މަޢޫޟޫއެއް ނެގި
ބަހުޘް ކުރެވުނު ހިނދުގައި ކައިރީގައި ތިއްބެވި ގިނަ ޢިލްމުވެރިންނަކީ
ބުއްދީގެ ދަލީލުތަކަށް ބަރޯސާވާ މުޢުތަޒިލާއިންކަމުގައި ވިއެވެ. އަދި މިމީހުންނަކީ
ﷲ ގެ ޞިފަފުޅުތައް ނަފީކުރާ
އަހުލުއްސުންނާގެ ޢަޤީދާ އާއި ދުރުބަޔެކެވެ. ވެރިކަމުގެ ކޮއިލުގައި
މީމީހުންގެ ނުފޫޒު ވަރުގަދަ ވުމުގެ އެއް ސަބަބަކީ ޚަލީފާ المَأْمُوْنُ އަކީ މުޢުތަޒިލާއިންގެ ފިކުރުގެ
އުސްތާޛެއްގެ ކަމުގައިވާ أَبُوهُذَيْلُ العِلاَفُ ގެ
ދަރިވަރަކަށްވުމުވެ. އަދި އެއިރު ގާޟީއަކަށް ހުންނެވީވެސް މިފިކުރު ފަތުރަން މަސައްކަތްކުރާ ޒަޢީމެއް
ކަމުގައިވާ أَحْمَدُ بن أَبِيْ دُؤَاُد އެވެ. މީނައަކީ ޚަލީފާ المَأْمُوْنُ ގެ އެންމެ އަރިސް އަދި އެންމެ
އިތުބާރު ކުރައްވާ އެކަކެވެ. އެހެންވެ އޭނަގެ މަޝްވަރާގެ މަތިން ކަންތައްތައް
ކުރުމަށް އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން ޚަލީފާ المُعْتَصِمُ އަށް
ވަޞިއްޔަތްކުރެއްވީއެވެ.
الإمام أحمد بن حنبل ގެ ޢިލްމީ މަންހަޖު :
އިމާމު އަހުމަދު ބިން ޙަންބަލް އަކީ ފިޤުހު ޢިލްމު
ވެރިޔަކަށްވުރެ ބޮޑަށް ހަދީޘް ޢިލްމުވެރިއެކެވެ. އކަލޭގެފާނުގެ ލިޔުއްވުންތަކުގައި
ކީރިތި ޤުރުއާނާއި މާތްނަބިއްޔާ صلى الله عليه وسلمގެ ހަދީޘްތަކުން ޙުއްޖަތް ދައްކަވައިގެން މެނުވީ
ނުލިޔުއްވައެވެ. އެހެންކަމުން މީސްތަކުންނަށް އެކަލޭގެފާނުގެ ފިޤުހު އެނގިފައިވަނީ
އަޘަރުތަކުގެ ފިޤުހުގެ ގޮތުގައެވެ. އިމާމު އަޙުމަދު އަމިއްލަފުޅަށް ފަތުވާ ދެއްވުމުގެ
ބަދަލުގައި އެކަލޭގެފާނަށްވުރެ ކުރިން އެމައްސަލައަކަށް ފަތުވާ ދެއްވާފައިވާ
ޞަހާބީބޭކަލުން ނުވަތަ ތާބިޢީބޭކަލުންގެ ފަތުވާތައް ގެންނަވައެވެ. އަދި ފަތުވާ
ދެއްވުމުގައި ވަރަށް ރައްކާތެރިވެ ވަޑައިގަންނަވައެވެ. މިގޮތުން އެކަލޭގެފާނުގެ
ޚާއްސަ ފަތުވާތައް ލިޔުމަށް ދަރިވަރުންނަށް ހުއްދައެއް ނުދެއްވައެވެ.
ޙަންބަލީ
މަޛުހަބުގެ އަސާސްތައް:
1-
النُصُوْصُ : القُرْآنُ الكَرِيْم والسُنَّة النَبَوِيَّة.
2-
އަޞްޙާބުބޭކަލުންގެ
ފަތުވާތަކުގެ ތެރެއިން ޚިލާފުވިކަން އެނގެން ނެތް ފަތުވާތައް.
3-
އަޞްޙާބު ބޭކަލުންގެ
ފަތުވާތައް ޚިލާފުވެފައިވާނަމަ އެތަނުން ޤުރުއާނާއި އަދި ސުންނަތާއި އެންމެ ގާތްކުރާ
ރައުޔެއްގައި ހިއްޕެވުން.
4-
މުރުސަލު ހަދީޘާއި
ބަލިކަށި ހަދީޘްތައް (އަދި މިއީ މުންކަރު އަދި ބާޠިލު ހަދީޘެއްގެ ވާހަކަ އެއް
ނޫނެވެ.)
5-
މައްސަލައެއްގައި
އެއްވެސް ނައްސެއް އަދި ޞަޙާބީންގެ ބަސްފުޅެއް އަދި އެސްވެސް އަޘަރެއް މުރުސަލު
ހަދީޘާއި ޟަޢީފު ހަދީޘުންވިޔަސް ލިބެން ނެތްނަމަ ޤިޔާސް ކުރައްވައެވެ.
ކިޔަވައި ދެއްވި ބައެއް އުސްތާޛުން :
-
إِبُرَاهِيْمُ بن سَعُدُ بن
إِبُرَاهِيْمُ أَبُو إِسْحَاقُ الزُّهُرِي
-
مُحَمَّدُ بن إِدْرِيْسُ أَبُو عَبُدُ
الله الشًّافِعِيْ
-
المُعُتَمِرُ بن سُلَيْمَانُ أَبُو مُحَمَّدُ التَّيْمِي
-
يَحْيَى بن سَعِيْدُ أَبُو سَعِيْدُ القِطَان
- عَبُدُ
الرَّحُمَنُ بن مَهُدِي أًبُو سَعِيْدُ الأَزُدِي
-
وَكِيْعُ بن الجَرَاحُ أَبُو سُفْيَانُ
الرُّؤَاسِي
-
يَزِيْدُ بن هَارُوْن أَبُو خَالِدُ الوَاسِطَي
-
عَبُدُ الرَّزَّاقُ بن هُمَام
-
الوَلِيْدُ بن مُسْلِمُ أَبُو العَبَّاس الدِمِشْقِي
-
هُشَيْمُ بن بَشِيْرُ أَبُو مُعَاوِيَة الوَاسِطَي
-
يَعُقُوبُ بن إِبُرَاهِيْمُ بن سَعْدُ
أَبُو يُوسُفُ الزَّهُرِيْ
-
سُفُيَانُ بن عُيَيْنَة أَبُو مُحَمَّدُ
الهِلاَلِيْ
·
ފާހަގަ ކޮށްލެވޭ ބައެއް ދަރިވަރުން :
-
أَحُمَدُ بن مُحَمَّدُ الكَحَال
-
أَبُو طَالِبُ المِشْكَاتِي
-
إِسْمَاعِيْلُ الشَّالِيْخِي
-
بَشِيْرُ بن مُوسَى
-
حَسَنُ بن ثَوَابُ
-
حَسَنُ بن زِيَادُ
-
مُثْنَى بن جَامِعُ
-
أَبُو الصَّقُر يَحْيَى
-
أَبُو بَكُرُ بن مُحَمَّدُ بن الحَكَم
އަވަހާރަވުން
އިމާމު އަޙުމަދު ބިން ޙަންބަލު
ދުނިޔެދޫކުރެއްވީ ހިޖުރައިން 241 ވަނަ އަހަރު ރަބީޢުލް އައްވަލު މަހު 12ވީ ހުކުރު
ދުވަހުގެ ޟުޙާ ވަޤުތުގައެވެ. އެއިރު ޢުމުރުފުޅަކީ 77 އަހަރުފުޅެވެ. އިމާމު
އަޙުމަދުގެ ކަށުނަމާދުގައި ބައިވެރިވުމަށް ގިނައަދަދެއްގެ މީސްތަކުން މަގުމަށްޗަށް
ޖަމާވިއެވެ.
މިކަލޭގެ ފާނުގެ ޖަނާޒާގައި ގަނޑުވަރުކޮޅުން
ހާޝިމު ވަންހައިގެ 100 އާއި ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވިއެވެ. ކަށުނަމާދު ކުރެވުނީ އެދުވަހުގެ ޢަޞުރު ނަމާދު
ވަޤުތުގައެވެ. ފަސްދާނު ލެވިފައިވަނީ ބަޣްދާދުގެ ބާބު ޙަރުބު މަޤުބަރާގައެވެ.
އިމާމު އަޙުމަދު ދިރިއުޅުއުއްވީ ލިބޭ އެތިކޮޅުން ފުއްދަވާލައްވައިގެން ފަޤީރު ހާލުކޮޅުގައެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކަންކަން
ހަމަޖައްސަވަމުން ގެންގޮސްފައިވަނީ ބައްޕާފުޅުގެ ފަރާތްޕުޅުން ވާރުތަވި ތަނެއް
ކުއްޔަށް ދެއްވައިގެންނެވެ.
އެކަލޭގެފާނަކީ މީސްތަކުން ދޭ ހަދިޔާ ހިއްޕެވުމަށް ލޯބި ނުކުރައްވާ އަމިއްލައަށް
ލިބޭ އެއްޗަކަށް ބަރޯސާވެ ދިރިއުޅުން ހަމަޖައްސަވައިގެން އުޅުއްވި ޒުހުދުވެރި
ބޭކަލެކެވެ. އިބުނު ކަޘީރު ލިޔުއްވާގޮތުގައި އިބުނު ޙަންބަލަށް ގެ ކުއްޔައް
ދޫކުރައްވައިގެން މަހެއްގެ މަށްޗަށް ލިބިވަޑައިގަންނަވަނީ 17 ދިރުހަމެވެ.
މުޙައްމަދު މަންޞޫރު އާދަމް