Thursday, September 21, 2017

المسجد النبوي ބިނާކުރުން

المسجد النبوي  ބިނާކުރުން

      ހިޖުރައިގެ ކުރިން މާތް ނަބިއްޔާ صلى الله عليه وسلّم މައްކާގައި ނަމާދު ކުރެއްވީ ބައިތުލް މަގުދިސް އާއި ދިމާލަށް ކުރިމަތި ލައިގެންނެވެ. މައްކާެއިން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު ޤުބާ ކިޔުނު ސަރަޙައްދައް ވަޑައިގެންނެވުމުން އެތަނުގައި މަޑުކުރައްވައި އެދުވަސްކޮޅު އިސްލާމީ ތާރީޚުގެ ފުރަތަމަ މިސްކިތް ( ޤުބާ މިސްކިތް ) ބިނާކުރެއްވިއެވެ. އަދި އެމިސްކިތުގެ ޤިބުލައެއްކަމުގައިވެސް އަޤުޞާ މިސްކިތް ހަމަޖެއްސެވިއެވެ.
ދެން އެކަލޭގެ ފާނު މިސްރާބު ޖެއްސެވީ މަދީނާގެ ހިތަށެވެ. (އެތެރެއަށެވެ.) މަދީނާގެ ކޮންމެ ޤަބީލާއަކާއި އަރާ ހަމަވުމުން އެޤަބީލާއެއް ތިބި ތަނަށް ފައިބައި ވަޑައި ގަތުމަށް ރަސޫލާ صلى الله عليه وسلّم އައް އެބޭކަލުން ދަންނަވަމުން ގެންދެވިއެވެ.

އަދި އެކަމަށް މީސްތަކުން ބޭނުންވެފައި ތިބިލެއް   ބޮޑުކަމުން އެކަލޭގެފާނު ސަވާރުވެ އިންނެވި ޖަމަލުގެ ލަގަނުގައިވެސް  ބައެއް ބޭކަލުން ޙިއްފެވިއެވެ. އެހިނދު އެމީހުނާއި މުޚާތަބުކޮށް ރަސޫލުﷲ صلى الله عليه وسلّم ހަދީޘް ކުރެެއްވިއެވެ. " އޭތި ދޫކޮށްލާށެވެ." އެއަށް ވަނީ އަމުރު ކުރެވިގެންނެވެ."
 ޖަމަލު ގޮސް ބަނޫ ނައްޖާރު ވަންހައިގެ ބިމަށް ވާޞިލުވި ހިނދު އެތަނުގައި ބަނޑުޖައްސައިލިއެވެ. ދެން ނަބިއްޔާ صلى الله عليه وسلّم ހަދީޘް ކުރެއްވިއެވެ." މާތް ﷲ އިރާދަކުރެއްވިއްޔާ މަންޒިލަކީ މިއީއެވެ. "ދެން އެޖަމަލުން ފައިބާ ވަޑައިގެންނެވިއެވެ.
އެހިނދު އަބޫ އައްޔޫބުލްއަންސާރީ އަވަހަށް ވަޑައިގެން ރަސޫލު صلى الله عليه وسلّم އަށް މެހެމާންދާރީ  އަދާކުރެއްވިއެވެ. ސަބަބަކީ އެކަލޭގެފާނުގެ ގެކޮޅު ހުރީ އެޖަމަލު ބަނޑުޖެހިތަނާ ވަރަށް ކައިރި ހިސާބެއްގައި ކަމުގައި ވާތީއެވެ.
ދެން ޖެހިގެން އައި ދުވަހު ރަސޫލު صلى الله عليه وسلّم އަލައިހި ވަސައްްލަމް އެކަލޭގެ ފާނުގެ ޖަމަލު މަޑުކުރެއްވި ބިން ބައްލަވައި ގަތުމަށް ޢަޞްޙާބު ބޭކަލުންގެ އަރިހުން އެދިވަޑައިގަތެވެ. އެހިނދު  އަންޞާރިއްޔަ ބޭކަލުން އެބިން ހިބަކޮށްދޭން ނަބިއްޔާ صلى الله عليه وسلّم އަށް ހުށަހެޅުއްވިއެވެ. ނަމަވެސް  އެކަލޭގެ ފާނު އެކަމާއި ދެކޮޅު ހައްދަވައި އެދިވަޑައިގަތީ އެބިން ވިއްކުމަށެވެ.
ދެން އަބޫބަކުރު ރަޟިޔަﷲ  އަންހު އެބިމުގެ އަގެއްކަމުގައި 10 ދީނާރު (ރަނުގެ ފައިސާފޮތީގެ 10 ފޮތި) ދެއްވިއެވެ.

އެއިރު އެބިމަކީ ކަދުރު ހިއްކުމަށް ބޭނުން ކުރަމުން އައި ބިމެކެވެ. އެތަނުގައިވަނީ ހިކިފައިވާ ކަދުރު ރުއްތަކާއި ބައެއް ދުވަސްވީ ޤަބުރުތަކަކާއި ހިމުން ވެލިފުނިތަކެކެވެ.
ދެން ނަބިއްޔާ صلى الله عليه وسلّم އަޞްޙާބު ބޭކަލުންނަށް އެތަން ސާފުކުރެއްވުމަށް ޙަވާލުކުރެއްވިއެވެ. ޢަސްޙާބު ބޭކަލުން ކުރެ އަންޞާރިއްޔަ ބޭކަލުންނާއި، މުހާޖިރިއްޔަ ބޭކަލުން އެއްވިއެވެ. އަދި ގަބުރުތަކުން ކަށިތައް ނަންގަވައި، ހިކު ކަދުރު ރުއްތައް ކަނޑުއްވައި، ބިން އެއްވަރު ކުރެއްވިއެވެ.

މިހިސާބުން ނަބިއްޔާ صلى الله عليه وسلّم އެތަނުގައި ބިނާ ކުރެވުނު މުސްލިމުންގެ ތަޢުލީމުގެ ކިއްލާ المسجد النبوي ގެ މިން ކަޑައެޅުންވިއެވެ. އުތުރުން ދެކުނަށް 70 މުށެވެ. އިރުން ހުޅަނގަށް 60 މުށެއެވެ. ދެން އަޞްޙާބު ބޭކަލުން 3 މުށް ފުނަށް އިން ކޮންނަވައި ހިލަތައްލައްވައި އެމިސްކިތުގެ ބިންގާ އެޅުއްވެވިއެވެ. އަދި ބިމުން މަށްޗަށް އެބިންގާ އުފެއްލެވިއެވެ. އަދި މިސްކިތުގެ އިރުމަތީ ފަރާތުގައި ވެލިން ގާތަކެއް އަޅުއްވައި އެގާތައް ހިއްކުމަށްފަހު މިސްކިތުގެ ފާރު ރާނައްވަވަމުން ގެންދިއެވެ. މާތް ރަސުލު صلى الله عليه وسلّم އެއިރު ގާތައް އުފުއްލަވާ އަސްޙާބު ބޭކަލުންނާއި އެކުގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ.
މިސްކިތުގެ ވަށާފާރު 5 މުށަށް އުސްކުރައްވާ ކޮންމެ ކަނެއްގެ ތަނބު ހިލައިން ހެއްދެއްވިއެވެ. އަދި މިސްކިތުގައި 3 ދޮރުކޮޅު ލެއްވިއެވެ. މިގޮތުން ދޮރުލެވުނީ އިރުމަތީ ފަރާތުގައްޔާއި ހުޅަނގު ފާރާތުގައްޔާއި ދެކުނު ފަރާތުގައިއެވެ. އުތުރު ފަރާތުގައި ދޮރުކޮޅެއް ނުލެއްވީ އެއީ  އެވަގުތުގައި ޤިބުލަފަރާތް ކަމުގައި ވާތީއެވެ.
ދެން ޢަޞްޙާބު ބޭކަލުން އުތުރު ފަރާތުގައި 3 ޞަފު ކަދުރު ރުކުގެ ގަސްގަޑުން ހެއްދެވިއެވެ. ކޮންމެ ސަފެއްގައި ކަދުރު ރުކުގެ 6 ތަނބެވެ. އެއީ ފުރާޅު ހިފައްޓާ ކަޑަތަކެއްގެ ގޮތުގައެވެ. އަދި އެއަށްފަހު ފުރާޅުގައި ތޮނު އަޅުއްވައި އޭގެ މަތީގައި ކުނާއެޅިއެވެ. އަދި ކުނަލުގެ މަތީގައި ކަދުރު ރުކުގެ ފަން އެޅުއްވިއެވެ. އެއަށް ފަހު ވެލީގެ ފަށަލައެއް މަތީގައި އަޅުއްވައި މިސްކިތުގެ ތެރޭގައި ހިމުން ހިލަތަކާއި ވެލި އަޅުއްވައި ހަމަ ކުރެއްވިއެވެ.

އަދި މިސްކިތުގެ އިރު ދެކުނު ފަރާތުގައި  މާތް ނަބިއްޔާގެ ދެ އަނބިކަނބަލުންނަށް (ޢާއިޝަތުގެ ފާނާއި  އާއި  ސައުދާގެ ފާނަށް )  ދެ ކޮޓަރިކޮޅު އެޅުއްވިއެވެ.
މިހިސާބުން މަސްޖިދުއްނަބަވީ ވެގެންދިޔައީ އަޅުކަމާއި، ލީޑާރޝިޕާއި މުސްލިމު މުޖުތަމައު ބިނާކުރުމުގެ މަޤައްރަކަށެވެ. އެތަނުގައި ޢަޞްޙާބު ބޭކަލުން ރަސޫލު صلى الله عليه وسلّم ފަހަތް ޕުޅުގައި ނަމާދުކޮށް އެކަލޭގެ ފާނުގެ އަރިހުން ވަޙީގެ ބަސްފުޅުތައް އަޑުއަހައި އަދިވެސް ދީނުގެ ކަންތައްތައް އޮޅުންފިލުވަމުން ގެންދެވެިއެވެ.

އަދި އޭގެ އިތުރައް އެތާގައި ދަމު ނަމާދާއި ރަމަޟާ މަހުގައި އިޢުތިކާފަށް ތިބުން އެތަނުގައި ކުރިޔަށް ދިޔައެވެ. އެއިރު އެ އެންމެ ބޭކަލުންގެ އިމާމެއް ކަމުގައި ހުންނެވީ މާތް ނަބިއްޔާ صلى الله عليه وسلّم އެވެ. އެކަލޭގެފާނު ގިނަ ވަގުތުތައް އެތަނުގައި ހޭދަކުރައްވާ ވަފުދު ތަކާއި ބައްދަލުކުރައްވާ ހައްދަވައެވެ. އަދި ލަޝްކަރުގެ ދިދައުފުއްލަވާ ބޭކަލުން ކަނޑައަޅުއްވައެވެ.

ބޮޑުކަމެއް އަދި އާކަމެއް މެދުވެރިވެއްޖެނަމަ " الصلاة جامعة " މިހެން ޙަދީޘް ކުރައްވައެވެ. ދެން އަޞްޙާބު ބޭކަލުން މިސްކިތައް ޖަމާވެލައްވައެވެ. އެހިނދު އެބޭަކަލންނާއި މުޚާޠަބުކުރައްވައެެވެ. އަދި މިހެން ގޮވާލެވޭ ގޮވާލުން ތަކުގައި އަންހެން ބޭކަނބަލުންވެސް ބައިވެރި ވެލައްވައެވެ. އަދި ފިރިހެން ޞަފުތަކުގެ ފަހަތުގައި ޖެހިގެން އެކަނބަލުންގެ ޞަފުތައް ހައްދަވައި ނަމާދުކުރައްވައެވެ.

އެއިރުގައި މަދީނާގައި އުޅުނު ޔަހޫދީން (بنو قريظةبنو النضيربنو قينقاع  ) ގެ މީހުން ދެކެމުންދިޔައީ މުސްލިމުން ނަމާދު ކުރާ ޤިބުލައަކީ އެމީހުންގެ ޤިބުލަކަމުގައިވާ ބައިތުލްމަގުދިސް ކަމުގައެވެ. އަދި އެމީހުން މުސްލިމުން ދެރަކޮށްލުމުގެ ގޮތުން ބުނަމުން ދިޔައެވެ. އަހަރެމެން ޙައްޤު ގޮތުގައި ނުވާނަމަ ކަލޭމެން އަހަރެމެންގެ ޤިބުލައަށް ކުރިމަތިލައި ނަމާދު ނުކުރީހެވެ. އަދި އެކަން ވެގެން ދިޔައީ މުސްލިމުންނަށް އުނދަގޫވެގެން ދިޔަ ވާހަކަ އަކަށެވެ. މާތްނަބިއްޔާ صلى الله عليه وسلّم މިކަމުގައި އަލިމަގެއް ދައްކާވާތޯ އެދޭޙާލު މައްޗައް ބައްލަވާލައްވާ ވަޙުޔަށް އިންތިޒާރު ކުރައްވަމުން ގެންދެވިއެވެ.

ހިޖުރައިން 2 ވަނަ އަހަރު ރަޖަބު މަހުގެ 15 ވީދުވަހުގައި ﷲ ގެ ވަޙުޔު ބާވައިލެއްވުނެވެ.( قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ) بقرة (144)
މާނައީ: އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވޮޑިގަންނަވާނޭ  قبلةއަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمةތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (އެބަހީ: قبلة އާމެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ) އެއުރެންގެ ވެރިރަސްކަލާނގެ حضرةން އެންގެވި حقގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެއުރެންކުރާ عملތަކާމެދު، غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ.

 މިހާ ހިސާބުން މާތްނަބިއްޔާ صلى الله عليه وسلّم އަށާއި މުސްލިމުންނަށް އުފާވެރިކަން އިހުސާސް ވެގެން ދިޔައެވެ. ދެން މިސްކިތުގެ ކުރިން ހިިޔާކޮށްފައިވާ އުތުރު ފަރާތުގެ ބައިން ބައެއް ނަންގަވާ ދެކުނު ފަރާތައް ބަދަލުކުރެއްވިއެވެ. 3 ވަނަ ސަފެއް އިތުރުކޮށް ދެކުނު ފަރާތް ފުރިހަމަ ކުރެއްވިއެވެ. ދެން މިސްކިތުގެ އުތުރު ފަރާތުގައި ނުނަގައިވާ  ހިޔާކުރި ބަޔަކީ އެމިސްކިތައް އަންނަ ބީރައްޓެހިންނަށާއި ފަޤީރުންނަށާއި މުހާޖިރުންނަށް ޚާއްސަ ބައެއް ކަމުގައި ހައްދަވައި  އެތަނަށް الصُّفَّة އޭ ކިޔައި ނަން ދެއްވައި ދެކުނު ފަރާތުގެ ދޮރު ބަންދުކުރައްވައި އުތުރު ފަރާތުން ދޮރެއް ކެޑުއްވިއެވެ. އަދި މާތް ރަސޫލާ صلى الله عليه وسلّم ޞުއްފާގެ އަހުލުނާއި ބައްދަލުކޮށް ވަގުތު ހޭދަކުރެެއްވިއެވެ. ގިނަ ޞަހާބީ ބޭކަލުން އެކަލޭގެ ފާނުގެ އަރިހުން ވަޙީގެ ބަސްފުޅު ތަކާއި  ދީނުގެ ކަންތައްތައް އޮޅުން ފިލުވަމުން ގެންދެވިއެވެ.

އޭގެ 5 އަހަރުފަހުން  މަދީނާގައި މުސްލިމުންގެ އަދަދު ގިނަވެ ތޮއްޖެހި މަސްޖިދުއްނަބަވީ އަކީ މުސްލިމުން ނަމާދު ކުރުމަށް ކުޑަ ތަނެއް ކަމުގައި ވެއްޖެއެވެ.
މަސްޖިދުއްނަބަވީ ކައިރީގައި އެއިރު ހުސްބިން އޮތެވެ. އެހެންވެ ރަސޫލު صلى الله عليه وسلّم އެބިން ގަތުމަށް މުސްލިމުންނަށް ހުށަހެޅުއްވިއެވެ. އެހިނދު މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އުޘްމާނު ބުނުޢައްފާނު އެބިން ބައްލަވައިގަތެވެ.
ދެން މިސްކިތް ކުރީގައި ހުރިވަރަށް ވުރެ ދެގުނައަށް ބޮޑުކޮށް މިސްކިތުގެ ފާރު ކުރިޔަށްވުރެ އުސްކުރައްވައި 7 މުއް ކަމުގައި ހެއްދެވިއެވެ. އެހެންކަމުން ކުރިޔަށްވުރެ މިސްކިތް ތަނަވަސްވެ މިސްކިތުގައި މުސްލިމުންގެ އަދަދު ގިނަވެގެން ދިޔައެވެ.
މާތް ނަބިއްޔާ صلى الله عليه وسلّم އަލައިހި ވަސައްލަމަ މީސްތަކުންނާއި މުޚާޠަބު ކުރައްވާ އިރު މިސްކިތުގެ ފުރަތަމަ ސަފުގެ  މެދުގައި ހުންނަވައެވެ. އަދި ގިނަ އިރު ކޮޅަށް ހުންނަން ޖެހިވަޑައިގެންފިނަމަ ކަދުރު ރުކުގެ ތަނބު ކައިރިޔަށް ޖެހިވަޑައި ގަންނަވައެވެ.

މިގޮތައް ތަނބުގައި ލެނގިލައްވައިގެން ހުންނަވާ ރަސޫލު صلى الله عليه وسلّم ޚުޠުބާ ދެއްވާތީ ޞަޙާބީ ބޭކަލުންގެ ތެރޭގައި ތިއްބެވި ވަޑިންތަކެއް ރަސޫލު صلى الله عليه وسلّم އަށް މެންބަރެއް ހައްދަވައިދެއްވިއެވެ. އެއީ ދެ ހަރުފަތާއި  ގޮނޑިއެއް އެކުލެވޭ ގޮތައް ހަދައިފައިވާ މެންބަރަކެވެ. އެމެންބަރުގައި ރަސޫލު صلى الله عليه وسلّم ހުންނަވަނީ ދެވަނަ ހަރުފަތުގައެެވެ. އަދި އެ މެންބަރުގައިވާ ގޮނޑީގައި އިށީދެ ވަޑައިގަންނަވައެވެ.
ރިވާވެގެންވެއެވެ. އެކަލޭގެފާނު އެންމެ ފުރަތަ މެންބަރުގައި ހުންނެވިއިރު މެންބަރާއި ކަރީގައިވާ ތަނބު ( ކުރިން ޚުޠުބާ ދެއްވުމަށް ލެނގިލައްވާ ތަނބު ) ގުޑިގެންދިޔައެވެ. މިގުޑުމުގު އަޑު ކުޑަކުއްޖަކު ހޭރިގަންނަފަދަ ބާރު ގޮތަކަށް  ޢަސްޙާބު ބޭކަލުންނަށް އިވި ވަޑައިގަތެވެ. އެހިނދު ރަސޫލު صلى الله عليه وسلّم މެންބަރުން ފައިބާ ވަޑައިގެން އެ ތަނބުގައި ފިރުމާ ލެއްވުމާއި އެކު އެގުޑުން ކެޑިގެން ހިގައްޖެއެވެ.

އެއިރު މިސްކިތުގައި އަލޮކޮށް އުޅުނީ ކަދުރުރުކުގެ ފުޅަފީގައާއި ކަދުރު ރުކުގެ ހިކި ފަން ބާރަށް ބަނދެ އެއިގައި ރޯކޮށްގެންނެވެ. އަޞްޙާބު ބޭކަލުން ކުރެ تميم الدّاري ވަޑައިގެން މިސްކިތުގެ ދެ ތަނބު ދެމެދުގައި ވާފަށެއް ދަންމަވާ އެވާފަށުގައި ތެލުން ދިއްލާލެވޭ ބައްތިތަކެއް އެލުވާލިއެވެ. ދެން އެހިދުން ފެށިގެން މިސްކިތް އެއިން ދިއްލަން ފެށިއެވެ. ޚާއްސަކޮށް ރަމަޟާން މަހުގެ ރޭތަކުގައި މާތް ނަބިއްޔާ ސައްލަﷲ އަލައި ވަސައްލަމަގެ ނަމޫނާގައި ހިއްޕަވަގެން މީސްތަކުން އިޢުތިކާފު ކުރަން ތިބޭ ހިނދުގައެވެ. އެއަށްފަހު އެމިސްކިތް ވެގެން ދިޔައީ ފަރުޟު ނަމާދާއި ސުންނަތް ނަމާދާއި ޤުރުއާން ކިޔެވުމާއި  ﷲ ގެ މަތިން ޒިކުރު ކުރުމާއި ރޭއަޅުކަން ކުރަން ތިބޭ މަންޒިލެއް ކަމުގައެވެ.

 އެމިސްކިތާއި ބެހޭ ގޮތުން މާތްރަސޫލާ صلى الله عليه وسلّم ހަދިޘް ކުރައްވައިފައި ވެއެވެ."« صَلاَةٌ فِى مَسْجِدِى هَذَا خَيْرٌ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِدَ الْحَرَامَ" رَوَاهُ الْبُخَارِىُّ فِى الصَّحِيحِ.
މާނައީ: މަސްޖިދުލް ޙަރާމް ފިޔަވައި ތިމަން ކަލޭގެ ފާނުގެ މި މިސްކިތުގައި ނަމާދުކުރުމަކީ އެހެން މިސްކިތެއްގައި އެއްހާސް ނަމާދުކުރުމަށް ވުރެ ހެޔޮދަރުމަ ލިބިގެންވާކަމެކެވެ.

އެހެން ކަމުން މަސްޖިދުއްނަބަވީ ވެގެން ގޮސްފައިވަނީ ރަސޫލު صلى الله عليه وسلّم ދުވަސް ވަރުން ފެށީގެން މުސްލިމުން އެތަނެއް ޤަސްދު ކޮށްގެން އެންމެ މުހިއްމު އެއްތަން ކަމުގައެވެ.
ރަސޫލު صلى الله عليه وسلّم ހަދީޘް ކުރެއްވާފައިވާ ފަދައިންނެެވެ. 
(مَا بَيْنَ بَيْتِى وَمِنْبَرِى رَوْضَةٌ مِنْ رِيَاضِ الْجَنَّةِ ) رَوَاهُ الْبُخَارِىُّ.
 މާނައީ : ތިމަން ކަލޭގެ ފާނުގެ ގެކޮޅާއި ތިމަން ކަލޭގެ ފާނުގެ މެންބަރު ކޮޅާއި ދެމެދުގައި ސުވަރުގޭގެ ބާގީޗާތަކުގެ ތެރެއިން ބަގީޗާއެއްވެއެވެ.
އެކަލޭގެ ފާނުގެ ކޮޓަރި ކޮޅާއި މެންބަރު ކޮޅާއި ދެމެދުގައި ވަނީ 53 މުށެވެ. ނުވަތަ 26 މީޓަރެވެ.

މަސްޖިދުއްނަބަވީ އާއި ގުޅޭ މުހިއްމު ބައެއްތާރީޚުތައް:

-    ހިޖުރައިން 7 ވަނަ އަހަރުގައި މާތް ނަބިއްޔާ صلى الله عليه وسلّم ޚައިބަރުން ވަޑައިގެން  މަސްޖިދުއްނަބަވީ ބޮޑުކުރެއްވިއެވެ.
-         ހިޖުރައިން 17 ވަނަ އަހަރުގައި ޢުމަރު ރަޟިޔަﷲ ޢަންހު މަސްޖިދުއްނަބަވީ ބޭރުތަނަވަސް ކުރައްވައި މީސްތަކުންނަށް ތިބެވޭނެހެން ހައްދަވައި އެތަނަށް  البطيحاء  ނަން ދެއްވިއެވެ. އެތަނަކީ އަޑުހަރުކޮށް ވާހަކަދައްކާ ޅެންތައްވެސް ކިޔާ މީހުން މަޑުކުރާ ތަނެކެއެވެ.
-  عثمان بن عفان رضي الله عنه ގެ ޚިލާފަތުގައި ހިޖުރައިން 29 ވަނައަހަރުގައި މަސްޖިދުއްނަބަވީ ބޮޑުކޮށް ތަނަވަސް ކުރެއްވިއެވެ.
-  الوليد بن عبد الملك الأموي ގެ ޚިލާފަތުގައި ހިޖުރައި 88 ފެށިގެން 91 އަށް ބޮޑުކުރެއްވިއެވެ. މިފަހަރު ރަސޫލު صلى الله عليه وسلّم ގެ ކޮޓަރި ކޮޅުތައް މިސްކިތުގެ ތެރެޔަށް ވަދެގެން ދިޔައެވެ.
-   ޢައްބާސީ ޚިލާފަތުގައި الخليفة المهدي العباسي ދުވަސްވަރު ހިޖުރައިން161 ވަނަ އަހރުން ފެށިގެން165 އަހަރުގައި މިސްކިތް ބޮޑުކުރެވުނެވެ.  އަދި އުމަވީ ދައުލުގެ ޚަލީފާ ވަލީދު އަބުދުލް މަލިކު ނަން މަސްޖިދުއްނަބަވީގެ ފާރުތަކުން ފޮހެލައި މަހުދީގެ ނަން ލިޔުނެވެ.
- ހިޖުރީ ސަނަތުން 888 މަސްޖިދުއްނަބަވީ އެދުމުގެ ހާދިޘާ އާއި ގުޅިގެން މިސްކިތް ބޮޑުކުރައްވައި މަރާމާތު ކުރެެއްވިއެވެ.
-         އަދި މިގޮތުން السلطان العثماني عبد المجيد ގެ ދުވަސްވަރާއި (1265 هـ - 1277هـ)، ملك عبد العزيز آل سعود  ގެ ދައުރުގަޔާއި (1372 هـ - 1375 هـ) އަދި  خادم الحرمين الشريفين الملك فهد بن عبد العزيز آل سعود  (1406 هـ - 1414 هـ)  ގެ ދުވަސް ވަރުވެސް މަސްޖިދުއްނަބަވީ އަށް ގިނަގުނަ ތަރައްގީތައް ގެނަވިފައިވެއެވެ.

މިހާރު މަސްޖިދުއްނަބަވީ ފެންނަގޮތުގެ ތަޞްވީރެއް :


وصل الله وسلم على محمد وعلى آله وصحبه أَجْمَعِين.

މުޙައްމަދު މަންޞޫރު އާދަމް

Friday, September 15, 2017

ބަގީޗާގެ އަޞްޙާބުންގެ ވާހަކަ

ބަގީޗާގެ އަޞްޙާބުންގެ ވާހަކަ

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތު ޤުރުނުއާނުގައި ޤުރައިޝުންނަށް އެބައިމީހުންނަށް ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރި ނުވާތީ ކުރީގައި ނިޢުމަތްތައް ލިބި އެނިޢުމަތްތަކަށް ޝުކުރުވެރި ނުވި ބައެއްގެ ނިމުން އައި ގޮތުގެ ވާހަކައިން މިސާލު ޖެއްސެވިއެވެ.

ވާހަކަ : ޔަމަނުގެ ޞަންޢާއާއި ގާތްގަޑަކަށް 6 މޭލު ދުރުގައިވާ " ޟައިރަވާން " ކިޔުނު އަވަށުގައި  ބިންގަނޑުގެ ގޮތުން ރަގަޅު، މޭވާތައް ގިނައިން އަޅާ ދަނޑެއްވިއެވެ. މިތާގެ ވެރިޔަކީ މުސްކުޅި އަހުލު ކިތާބީންގެ ދީނަށް ތަބަޢަވާ ( ޔަހޫދީއެއް) އެކެވެ. މިޔަހޫދީ މުސްކުޅިމީހާއަށް ލިބިގެންވަނީ ނިޢުމަތުން ފުރިގެންވާ ރަގަޅު ބަގީޗާއެކެވެ. މިމުސްކުޅި މީހާއަކީ ޞާލިޙު މީހުންގެ ތެރެއިންވި މީހެއެވެ. އެހެން ކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ ދަނޑަކީ ރަގަނޅު ދަނޑެއްކަމުގައި ލައްވައި އެނިޢުމަތް ދެމެހެއްޓެވިއެވެ. މިމުސްކުޅިމީހާ އަބަދުވެސް މިދަނޑުންލިބޭ މޭވާ ތިން ބަޔަކަށް ބަހާލައެވެ. ފުރަތަބަޔަކީ ފަގީރުންނާއި މިސްކީނުންގެ ބަޔެއެވެ. ދެވަނަބަޔަކީ އޭނާޔާއި އޭނަގެ ޢާއިލާގެ މީހުންނަށް ވާ ބަޔެވެ. ތިންވަނަ ބަޔަކީ އަލުން ދަނޑުހެއްދުމަށް ރައްކާ ކުރާ މުޑުވަކަށް ވާބަޔެކެވެ. އޭނަގެ ގެޔަށް މޭވާތައް ވެއްދުމުގެ ކުރިން އޭނަ ފަގީރުންނާއި މިސްކީނުންނަށް އަޅާބައި އެމީހުނަށް ފޯރުކޮށްދެއެވެ.   މިގޮތައް މިމުސްކުޅި މީހާ ކަންތައް ކުރަމުން ގެންދަނިކޮށް އޭނާގެ އަޖަލު އޭނައާއި ބައްދަލުކުރިއެވެ.  އަދި އެދަނޑު އޭނަގެ ފަސް ދަރިންނަށް ވާރުތަވިއެވެ.

އަދި އެދަރިންނަށް ދަނޑު ވާރުތަވެ އެދަނޑުގެ ގޮވާން ކެނޑުމުގެ ކުރިން އެފަސް މީހުން އެދަނޑަށް ހަވީރުގެ ގަޑިއެއްގައި ދިޔައެވެ. ދަނޑުގެ ފުރިހަމަކަމާއި މޭވާގެ ގިނަކަންފެނި އެކަކު އަނެކަކަށް ބުނަންފެށިއެވެ. " އަހަރެމެންގެ ބައްޕައަކީ ގަމާރު މޮޔައެކެވެ. ދަނޑުން ލިބޭ މޭވާ އެދެނީ ފަޤީރުންނަށް ވިއްޔާއެވެ. އެހެން ކަމުން  މިފަހަރު ހިނގާށޭ އަހަރެމެން އަހުދު ކަށަވަރު ހިފަން މިދަނޑުން ލިބޭ އެއްވެސް އެއްޗެއް ފަގީރަކަށް އަދި މިސްކީނަކަށް ނުދޭން އެއިރުން އަހަރެމެންގެ މުއްސަނދިކަން އިތުރުވެދާނެއެވެ. " މިހާ ހިސާބުން މިފަސްދަރިން ކުރެ އެއްމެ ހެޔޮވިސްނޭ ބައްޕަޔާއި އެއްމެ އެއްގޮތް ދަރި، މިމީހުންނަށް ބައްޕަ ކަންކުރިމަގުން ކަންތައްތައް ކުރަން އެދުނެވެ. ނަމަވެސް ދެން ތިބި ދަރީން މިކަމާއި ދެކޮޅު ހަދައި ހެޔޮވިސްނޭ ދަރިފުޅުވެސް މިކަމާއި އެއްބަސްކުރުވައިފިއެވެ. އަދި މިއެންމެން މިގޮތުގައި ހުވާކޮށް އަނެއްދުވަހު ހެދުނު ހެދުނާ އެބައިމީހުންގެ ބަގީޗައިގައިވާ މޭވާތައް ބިންނަން ނިންމިއެވެ. އަދި މިގޮތައް މިމީހުން ހުވާ ކުރިއިރު ﷲ އިރާދަ ކުރެއްވިއްޔާ އޭ، މިހެންވެސް ބުނެ ނުލައެވެ.

ދެން މީމީހުން އެމީހުންގެ ގެޔަށް ނިދަން ދިޔައެވެ. ހެދުނު ހެދުނާ ދަނޑުން ގޮވާން ކެނޑުމުގެ އުއްމީދުގައެވެ. އެހާ ހިސާބުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުންގެ ބަގީޗާއަކީ އެހެންވެސް ދަހި ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިނުވާ މީހުންނަށްވާ އިބުރަތެއްކަމުގައި ލެއްވެވިއެވެ. އެރޭގައި އެމުޅި ބަގީޗާ އަނދާ ހުލިވެ ދެއްޔަށް ވެފައިވާ އަނދިރި ތަނެއްކަމުގައި ލެއްވެވިއެވެ.  ބުނެވޭގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިތަނަށް ހޮނުއެޅުއްވީއެވެ.

އަނެއްދުވަހުގެ ހެދުނު ހެދުނާ އެއްކަލަ  ފަސްދަރިން ތެދުވެ އެކަކު އަނެކަކަށް އެމީހުން ނިންމި ނިންމުން ތަންފީޒު ކުރުމަށް، މިއަދު ބަގީޗާއަށް އެއްވެސް ފަޤީރަކު ވައްދައިގެން ނުވާނެއޭ  ކިޔަމުން ބަގީޗާ ހަމަޔަށް ދިޔައެވެ. މިތަނަށް ދިޔަތަނާ އެމީހުނަށް ފެނުނީ އަނދާ ހުލިވެ ދެއްޔައްވެފައިވާ ތަނެކެވެ. ދެން މިމީހުންނަށް މަގުއޮޅުނީކަމަށް ހީކޮށް އަހަރެމެންނަށް މިއާދެވުނީ ރަގަޅުމަގަކުން ނޫނޭ ބުނަން ފެށިއެވެ. ނަމަވެސް އެމީހުންނަށް އެއީ އެމީހުންގެ ބަގީޗާކަން އެނގުމުން ހޭވެރިކަން ވިއެވެ. އަދި އެމީހުންގެ ނުބައި ރޭވުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތައާލާ އެމީހުންނަށް ޢަޒާބު ދެއްކެވީކަން އެނގުނެވެ.

ދެން އެއްކަލަ ހެޔޮވިސްނޭ ކުއްޖާ ބުންޏެވެ. " ތިމަންނަ އެއިރުވެސް ބުނީމެއްނޫންހޭ  އެގޮތައް ކަންތައްތައް ނުކުރަން" ދެން މިއެންމެންނަށް މިރޭވުނު ނުބައި ނިންމުމާއި މެދު ހިތާމަ ކޮށް ބުނޫއެވެ. " ހުސްޠާހިރުވަންތަ އަޅަމެންގެ ވެރި ރައްބެވެ. އަޅަމެންވީ އަނިޔާވެރިންގެ ތެރެއިންނެވެ."  ދެން އެކަކު އަނެކަކަށް މިކަން މިވީ ކަލެޔާ ހެދިގެންނޭ ކިޔައި އެކަކު އަނެކަކަށް ދިމާކުރަމުން ދިޔައެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެވެ. އެބަގީޗާއަކުން އެމީހުނަށް މަންފާއެއް ނުކުރިއެވެ. އަދި އެތަނަކީ ދިރުމެއް ނުވާތަނަކަށް ވެއްޖެއެވެ. ﷲ އަށް ޝުކުރުވެރި ނުވާ މީހުންނަށް ޖަޒާ ދެއްވަނީ މިފަދަ ގޮތަކަށެވެ. ހެޔޮވިސްނޭ މީހުންނަކީ މުދާވެރިވިޔަސް އެމުދަލުން ހޭދަކޮށް އުޅޭމީހުންނެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ މިވާހަކަ  سورة القلم  ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.
17-      إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِين - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން امتحانކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ أهلވެރިން امتحانކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ.
18-      وَلَا يَسْتَثْنُونَ އަދި އެއުރެން استثناءއެއް ނުކުރެތެވެ. (އެބަހީ: إن شاء اللَّهއޭ ނުބުނެތެވެ.)
19-      فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ  ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ.
20-      فَأَصْبَحَتْ كَالصَّرِيمِ ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ.
21-      فَتَنَادَوا مُصْبِحِينَ ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ.
22-      أَنِ اغْدُوا عَلَى حَرْثِكُمْ إِن كُنتُمْ صَارِمِينَ ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ!
23-      فَانطَلَقُوا وَهُمْ يَتَخَافَتُونَ ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ.
24-      أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް مسكينއަކު ވަނަދީގެނެއް ނުވާނެތެވެ.
25-      وَغَدَوْا عَلَى حَرْدٍ قَادِرِينَ އަދި فقيرންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ قصدގައި ހެނދުނާ އެއުރެން ދިޔައޫއެވެ.
26-      فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ.
27-      بَلْ نَحْنُ مَحْرُومُونَ އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محرومވެގެންވާ ބަޔަކީމުއެވެ.
28-      قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟
29-      قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهرވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ.
30-      فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ.
31-      قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ.
32-      عَسَى رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمةއެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرةއަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ.
33-      كَذَلِكَ الْعَذَابُ وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ عذابހުރީ އެފަދައިންނެވެ. އަދި آخرةގެ عذاب (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ.
-       މިބަގީޗާ މިހާރު ފެންނަން އޮތްގޮތް ތަސްވީރުން ބައްލަވާ:
   




ދުޢާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ ދީލަތި ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔެއްކަމުގައި ލެއްވުމެވެ.



ނިމުނީ

           މުޙައްމަދު މަންޞޫރު އާދަމް