ޙައްޖު އަދި ޢުމްރާވާނެ ގޮތް
- މާތްނަބިއްޔާ (صلى الله عليه وسلم) ހަދީޘްކުރައްވާފައިވެއެވެ. "
الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا
بَيْنَهُمَا وَالْحَجُّ الْمَبْرُورُ لَيْسَ
لَهُ جَزَاءٌ إِلاَّ
الْجَنَّةُ »". (رواه البخاري ومسلم).
މާނައީ: އެއް ޢުމްރާއާއި އަނެއް ޢުމްރާއި ދެމެދުގައިވަނީ
ކައްފާރާއެކެވެ. އަދި މަބުރޫރު ޙައްޖުގެ ޖަޒާކަމުގައި ސުވަރުގެ ނޫނީ ނުވެއެވެ.
- މާތްނަބިއްޔާ (صلى الله عليه وسلم) ހަދީޘްކުރައްވާފައިވެއެވ « مَنْ حَجَّ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ » (رواه البخاري
وأحمد
والنسائي وابن ماجة عن أبي هريرة).
މާނައީ:
މީހަކު ޙައްޖުވުމުގައި ފާސިޤް ނުވަތަ ހުތުރު ކަމަކަށް އަރައި ނުގަނެ
ޙައްޖުވެއްޖެކަމުގައިވާނަމަ އެމީހަކު އެނބުރިއަންނާނީ އެމީހަކުގެ މަންމަގެ ބަނޑުން
އުފަންވެގެން އަންނަ މީހެއް ފަދައިންނެވެ.
·
މާތްނަބިއްޔާ (صلى الله عليه وسلم) ހަދީޘްކުރައްވާފައިވެއެވެ. قال صلى الله عليه وسلم: " « مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ » (أخرجه مسلم عن عائشة رضي الله عنها).
މާނައީ :އެދުވަހެއްގައި އެންމެ ގިނަބަޔަކު
ނަރައިން މުއްތިކުރައްވާނެ ދުވަހެއްކަމުގައި ޢަރަފާތް ދުވަސް ފިޔަވައި އެހެން ދުވަހެއް ނުވެޔެވެ.
·
މާތްނަބިއްޔާ
(صَلَّى اللَّهُ عَلَيْهِ وَسَلَّمَ )
ސުވާލުކުރެވުނެވެ. أَيُّ الْأَعْمَالِ أَفْضَلُ قَالَ إِيمَانٌ بِاللَّهِ وَرَسُولِهِ قِيلَ ثُمَّ مَاذَا قَالَ جِهَادٌ فِي سَبِيلِ اللَّهِ قِيلَ ثُمَّ مَاذَا قَالَ حَجٌّ مَبْرُورٌ.. (رواه البخاري).
މާނައީ : ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮޢަމަލަކީ
ކޮބައި ތޯއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ." ﷲ އާއި އެކަލާނގެ ރަސޫލާއަށް
އީމާންވުމެވެ." ދެންނެވުނެވެ. ދެންކޮންމެއްތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ﷲ ގެ
މަގުގައި ޖިހާދު ކުރުމެވެ." ދެންނެވުނެވެ. ދެންކޮންމެއްތޯއެވެ. ޙަދީޘް
ކުރެއްވިއެވެ." މަބްރޫރު ޙައްޖެއް އަދާކުރުމެވެ."
ޙައްޖުގެ
އަޅުކަން އަދާކުރެވިދާނެ ގޮތްތައް:
1- އިފްރާދު ޙައްޖު: (حج إفراد): ހަމަ އެކަނި ޙައްޖުގެ
އަޅުކަން އަދާކުރުމަށް ނިޔަތްގަންނަ ޙައްޖު.
2- ޤިރާން ޙައްޖު : (حج قِران ): ޙައްޖާއި
ޢުމްރާ އެއްކޮށް އެއްފަހަރާ ގެނެސްގަތުމަށް ނިޔަތްގަތުމާއި އެކު ކުރާ ޙައްޖު. މިގޮތައް ޙައްޖުގެ ޢަޅުކަން އަދާކުރާއިރު
ޙައްޖުގެ ޠާވާފާއި ޢުމްރާގެ ޠަވާފް ފަދަ ބައެއް
އަޅުކަންތައް ކުރާނީ އެކު އެކީގައެވެ. ނުވަތަ ޢުމްރާ އަށް އިޙްރާމް ބަނުމަށްފަހު
ޙައްޖުގެ އަޅުކަމުގެ ތެރެއަށް ޠަވާފްކުރުމުގެ ކުރިން ވަދެގަންނަ ގޮތައް ކުރާޙައްޖު
3- ތަމައްތަޢު ޙައްޖު: (حج تمتع: ) : ޙައްޖުގެ މަސްތަކުގައި
(ޝައްވާލު، ޒުލްޤައިދާ، އަދި ޙައްޖުމަހުގެ ފުރަތަމަ 8ދުވަސް) ޢުމްރާވުމަށް ނިޔަތްގަނެ ޢުމްރާގެ މަނާސިކު
އަދާކޮށް ތަޙައްލަލުވެ އުޅުމަށްފަހު ހައްޖުމަހުގެ 8 ވަނަ ދުވަހުގައި މައްކާގައި
އެމީހަކު ހުރިތަނަކުން ޙައްޖުވުމަށް ނިޔަތް ގަނެ އިޙްރާމް ބަނދެ ޙައްޖުގެ އަޅުކަން
ފުރިހަމަ ކުރުން. ޙައްޖުވުމަށް އެއްމެ އެދެވިގެންވަނީ މިގޮތެވެ.
ޙައްޖުގެ ޞިފަތައް
-
މީޤާތުން ފެށުން.
· ފަސޭހައިން ކުރެވޭ ކަމުގައި ވާނަމަ
ޖުނުބުހިނައުން ހިނައިގަންނަ ގޮތަށް ހިނައިގަތުން އަދި ބޮލުގަޔާއި ތުބުޅީގައި މީރުވަސްދުވާ ހުވަނދުލާނީއެވެ. ނަމަވެސް
އިހުރާމް ހެދުމުގައި ހުވަނދުލައިގެންނުވާނެއެވެ.
· ފިރިހެނުން އިޙުރާމް ހެދުންލުން އަދި
އަންހެނުންލާނީ އާންމުކޮށް ލައިއުޅޭ އައުރަނިވާ ވާ ހެދުމެކެވެ.
· އިހުރާމުގެ ސުންނަތް ދެރަކުވަތް
ނަމާދެއް ކުރުން ، މިނަމާދު
ނުކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ.
-
ހައްޖުގެ މަނާސިކުގެ ތެރެއަށް ވަދެގަތުން.
1- ހަމައެކަނި ޢުމުރާއެއް އަދާކުރާނަމަ لَبَّيْكَ عُمْرَةً މިހެންކިޔާނީއެވެ.
2-
ހަމައެކަނި އިފްރާދު ޙައްޖެއް އަދާކުރަން ބޭނުންނަމަ :( لبيك حجاً
)
މިހެންކިޔާނީއެވެ.
3-
ތަމައްތަޢުކޮށް ހައްޖާއި
އުމްރާ އެއްކޮށް އަދާކުރަން ބޭނުންނަމަ (لبيك
عمرة متمتعاً بها إلى الحج). މިހެންކިޔާނީއެވެ.
4-
ޤިރާންކޮށް ޙައްޖާއި ޢުމްރާ
ޙައްޖުގެ އަޅުކަމުގެ ތެރެއިން ކުރާނަމަ « لَبَّيْكَ عُمْرَةً وَحَجًّا ».
މިހެންކިޔާނީއެވެ.
-
މަތީގައި މިދެންނެވުނު ލަފްޒުތައް ތަކުރާރުކުރުން ލާޒިމެއްނޫނުވެ. ނަމަވެސް
އެއްފަހަރު ކިޔުމުން ފުދެއެވެ.
-
ދެން ތަލްބިޔާ ކިޔަންފަށާނީއެވެ.
« لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ »
މިތަލްބިޔާ ފާޅުކޮށް ކިޔާނީ ފިރިހެނުންނެވެ. އަދި އަންހެނުން ތަލްބިޔާ ކިޔާނީ
ސިއްރުންނެވެ.
ޖަމާޢީކޮށް ތަލްބިޔާ ކިޔުން ޝަރުޢުގައި ނުވެއެވެ. ކޮންމެ މުޙުރިމަކުވެސް
ތަލްބިޔާކިޔުމުގައި ދެމިހުންނާނީ މަސްޖުދުލްހަރާމާއި ހަމަޔަށް ދެވެންދެނެވެ.
އަދި މިދުޢާ "اللهم
أني أريد العمرة، فيسرها
لي وتقبلها مني، لبيك
اللهم لبيك، لبيك
لا شريك لك لبيك، إن
الحمد والنعمة لك والملك، لا
شريك لك" ކިޔާނީއެވެ. މިދުޢާނޫން އެހެން ދުޢާއެއްވެސް
ކިޔެވިދާނެއެވެ.
އަދި މަގުމަތީގައި
އުޅޭއިރު : އުސްތާކަށް އަރާކަމުގައިވާނަމަ ﷲ އަށް ތަކުބީރުކިޔައި އަދި ވާދީއަކަށް
ފައިބާކަމުގައިވާނަމަ ﷲ އަށް ތަސްބީޙަ ކިޔަމުން ފޭބުން ޝަރުޢުވެގެންވެއެވެ.
ހަމަ އެގޮތައް
މަސްޖިދުލްހަރަމަށް ވާޞިލުވަންދެން ކުރިން ކިޔަމުން އައި ތަލްބިޔާ ކިޔާނީއެވެ.
1-
މަސްޖިދުލް ޙަރަމުގައި ޠަވާފުކުރުމަށް ކުރިމަތުލުން
މިސްކިތް ތިބާގެ ލޮލަށް ފެނުމުން ﷲ ށް ތަކްބީރު ކިޔައި "اللَّهُمَّ زِدْ هَذَا الْبَيْتَ تَشْرِيفًا وَتَعْظِيمًا ، وَتَكْرِيمًا وَمَهَابَةً ، وَزِدْ مَنْ شَرَّفَهُ وَكَرَّمَهُ مِمَّنْ حَجَّهُ أَوِ اعْتَمَرَ تَشْرِيفًا وَتَكْرِيمًا وَتَعْظِيمًا وَبِرًّا"
މިދުޢާ ކިޔާނީއެވެ.
· ދެން ތަލްބިޔާ ކިޔުން ހުއްޓާލައި
ބައިތުލްޙަރާމަށް ވަންނާނީއެވެ.
· ބައިތުލް ޙަރާމަށް ވަންނުމުގައި
ކަނައަތުފައި އިސްކޮށް މިދުޢާ " بِسْمِ اللَّهِ وَالسَّلَامُ عَلَى رَسُولِ اللَّهِ اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ ".
ކިޔާށެވެ. ނުވަތަ މިދުޢާވެސް
"أعوذ بوجهك العظيم وسلطانك القديم من الشيطان الرجيم". ކިޔިދާނެއެވެ.
"أعوذ بوجهك العظيم وسلطانك القديم من الشيطان الرجيم". ކިޔިދާނެއެވެ.
· ދެން ޠަވާފު ކުރުމަށް ހަޖަރުލް
އަސްވަދާއި ކުރިމަތިލައި ކަނާތުން އަތްލައި ހަޖަރުލް އަސްވަދަށް ބޮސްދޭނީއެވެ.
މިކަން ކުރަން އުދަގޫވެ ދަތިވާނަމަ ހަޖަރުލް އަސްވަދަށް ކަނާތުން އިޝާރާތްކޮށް
ޠަވާކުރަން ފަށާނީއެވެ.
· ޠަވާފުކުރާއިރު ކަނައާތްފަރާތުގެ
ކޮޑުހުޅުފެންނަ ގޮތައް ތިބާގެ ފޮށާ ތިރިކޮށްލަންވާނެއެވެ. އަދި ޠަވާފުރާ އެއްވެސް
ފަރާތަކަށް އުދަނގޫކުރިމަތިވާގޮތައް އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ.
އަދި ޠަވާފުގައި ހަޖަރުލް އަސްވަދާއި އަރާހަމަވާ ކޮންމެފަހަރަކު "بسم الله، الله أكبر. ނުވަތަ "الله أكبر"
މިހެން ކިޔާށެވެ.
· ޠަވާފުގެ ފުރަތަމަ ތިންބުރުގައި
އަވަސްހިގުމަކުން ހިނގާށެވެ. އަދި އެއަށްފަހު އާދައިގެ ހިނގުމަކުން ހިނގައި ޠަވާފުގެ
ފަހު ހަތަރު ބުރު ނިންމާށެވެ. މިގޮތައް ޢަމަލުތައްބަހައްޓަންޖެހޭނީ ޠަވާފުލް
ޤުދޫމުގައި އެކަންޏެވެ. އެއީ އެކަން ފަސޭހަކޮށް ކުރެވޭ ކަމުގައިވާނެއެވެ. އުނދަގޫނަމަ
މިގޮތައްޢަމަލުކުރުމެއް ނުވެއެވެ.
· ރުކުނުލްޔަމާނީއާއި ހަޖަރުލްއަސްވަދާއި
ދެމެދު މިދުޢާ ( رَبَّنَا آتِنَا فِى الدُّنْيَا حَسَنَةً وَفِى الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) ކިޔާށެވެ. އެއަށްފަހު ޠަވާފުގެ ބާކީބައިގައި
ކީރތި ޤުއާން ކިޔެވުމާއި އަދި ތިބާ އެދޭ ދުޢާތައް ކުރާށެވެ.
· ޠަވާފުގެ ހަތްބުރު ނިމުމުން އިބުރާހީމުގެ ފާނުގެ މަޤާމަށް
ކުރިމަތިލައި މިހެންކިޔާށެވެ. (وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى)
އަދި އިބުރާހީމުގެ ފާނުގެ މަޤާމުގެ
ފަހަތުގައި ހުރެ ދެރަކުވަތް ނަމާދެއް ކުރާށެވެ. މިކަން ކުރަން ދަތިނަމަ މިސްކިތުގެ
ކޮންމެ ތަނެއްގައި ހުރެވެސް މިނަމާދު ކުރެވިދާނެވެ. މިނަމާދުގެ ފުރަތަމަ
ރަކުއަތުގައި ޢަލްޙަމްދު ކިޔުމަށްފަހު ސޫރަތުލްކާފިރޫން ކިޔަވައި ދެވަނަ ރަކުއަތުގައި އަލްޙަމްދަށްފަހު ސޫރަތުލް
އިޚުލާސް ކިޔަވާނީއެވެ. އަދި މިދެސޫރަތް ނޫން އެހެން ސޫރަތެއް ކިޔެވިޔަސް
މައްސަލައެއްނެތެވެ.
· ދެރަކުއަތް ނަމާދު ނިމުމުން ޒަމްޒަމް ފެންބޮއި ﷲ އަށް
ޙަމްދު ކުރާނީއެވެ.
2-
ޞަފާ އާއި މަރުވާ ދެމެދުގައި ސަޢުޔުކުރުން
· ފުރަތަމަ ސަޢުޔު ކުރުމަށްޓަކައި ޞަފާ ފަރުބަދައަށް ގެފުޅު ފެންނަންދަން
އަރައި، ކަޢުބާ އަށް ކުރިމަތިލައި ކަޢުބާއާއި
ދިމާލަށް ތިބާގެ އަތް އުފުލައި ތިންފަހަރު ތަހްލީލު ކިޔައި އަދި ތިންފަހަރު
ތަކްބިރުކިޔައި މިދުޢާ " لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لاَ إِلَهَ إِلاَّ اللَّهُ أَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ "
ތިންފަހަރު ކިޔާށެވެ.
ދެން {إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ فَمَنْ حَجَّ الْبَيْتَ أَوْ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَنْ يَطَّوَّفَ بِهِمَا وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ}. މިއާޔަތް
ސަޢުޔުގެ ފުރަތަމަ ބުރު ފަށާއިރު ކިޔާށެވެ. އަދި ތިބާގެ ދެއަތް އުފުލައި
އެދޭކަމަކަށް ދުޢާކުރާށެވެ.
އަދި ޞަފާއިން ފައިބައި މަރުވާ ފަރުބަދައާއި ދިމާލަށް ހިނގައި ގަންނާނީއެވެ. އަދި ފެހިކުލައިގެ ދެ އިޝާރާތުގެ ދެމެދުގައި އަވަސް ހިނގުމަގުން ހިނގައި "رب اغفر وارحم وتجاوز عما تعلم إنك أنت الأعز الأكرم". މިގޮތަށް ކިޔާށެވެ. އަދި މިދެމެދުގައި ސަޢުޔު ކުރާއިރު ތިބާ ބޭނުން ދުޢާއެއްކިޔާށެވެ.
އަދި ޞަފާއިން ފައިބައި މަރުވާ ފަރުބަދައާއި ދިމާލަށް ހިނގައި ގަންނާނީއެވެ. އަދި ފެހިކުލައިގެ ދެ އިޝާރާތުގެ ދެމެދުގައި އަވަސް ހިނގުމަގުން ހިނގައި "رب اغفر وارحم وتجاوز عما تعلم إنك أنت الأعز الأكرم". މިގޮތަށް ކިޔާށެވެ. އަދި މިދެމެދުގައި ސަޢުޔު ކުރާއިރު ތިބާ ބޭނުން ދުޢާއެއްކިޔާށެވެ.
·
މަރުވާ ފަރުބަދާއާއި
ހަމަޔަށް އާދެވުމުން ކުރިން ޞަފާގައި ކުރިދުޢާތައް ކިޔާށެވެ. އަދި މިގޮތުގެ މަތިން
ސަޢުޔުގެ ހަތްބުރު ފުރިހަމަކުރާށެވެ.
( ސަފާއިން
މަރުވާއާއި ހަމަޔަށް ދިޔުމުން އެއީ އެއްބުރެެވެ. އަދި މަރުވާއި ޞަފާއަށް ދިޔުމުން
އެއީ ދެވަނަބުރެވެ.)
3-
ބޯބޭލުން ނުވަތަ ކުރުކޮށް
ކޮށުން
·
ސައުޔުކޮށް ނިމުމުން، ބޯ ބޭލުން ނުވަތަ ކުރުކޮށް
ބޯ ކޮށަންވާނެއެވެ. އެންމެ ރަގަޅު ގޮތަކީ ބޯ ބޭލުމެވެ. ނަމަވެސް ހައްޖުގެ އަޅުކަން
އަދާކުރާ ވަގުތު ކައިރިވެފައި ވާނަމަ ރަގަޅު ގޮތަކީ ބޯކޮށުމެވެ. އެއީ ހައްޖުގެ
އަޅުކަން އަދާކުރުމުގައި ބޯ ބޭލުމަށްޓަކައެވެ. އަންހެނުން ބޯ ކޮށަން ޖެހޭ
އަންމުލާއެއްގެ (އިނގިލީގެ ބަދައެއްގެ) މިންވަރަށެވެ.
·
ދެން އިޙްރާމް ހެދުން
ބާލައި އާންމު ހެދުން ލާނީއެވެ. މިހާ ހިސާބުން ތިބާއަށް ފުރިހަމަ ޢުމްރާ
އެއްކުރަން ބޭނުންނަ އެކަން އަދާކުރެވުނީއެވެ. އަދި ތަމައްތަޢުކޮށް
ޙައްޖުވާނަމަވެސް ކަންކުރަން ޖެހޭނީ މިހެންނެވެ. ނަމަވެސް އިފްރާދުކޮށާއި ޤިރާން ކޮށް
ޙައްޖުވާނަމަ ތިބާ ނިޔަތް ގަންނަން ޖެހޭނީ
ޠަވާފުލް ޤުދޫމަށާއި ( ސުންނަތެއް) ޙައްޖުގެ ސަޢުޔު (ރުކުނެއް) ކުރުމަށެވެ. އަދި އިހުރާމު ހެދުން
ނުބާލައި އަދި ބޯނޮކޮށައި ތިބާ ޖެހޭނީ
ހައްޖުމަހުގެ 8 ދުވާހާއި ހަމަޔަށް މަޑުކުރާށެވެ. އެއީ ޙައްޖުގެ ނުނިމި ވާ އަޅުކަން
ފުރިހަމަ ކުރުމަށްޓަކައެވެ.
ޙައްޖުމަހުގެ
8 ވަނަ ދުވަހު ކުރަން ޖެހޭ ކަންތައްތައް:
1- މިނާގައި މަޑުކުރަންޖެހޭ ވަޤުތު : ޙައްޖުމަހުގެ 8 ވަނަ
ދުވަހުގެ އިރުއޮންސުނީއްސުރެ ޢަރަފާތްދުވަހުގެ ފަތިސްނަމާދަށް ގާތްވުމަށް ދާންދެން
މިނާގައި މަޑުކުރުން.
- ތިބާއަކީ ތަމައްތަޢުކޮށް ޙައްޖުވާ މީހެއްނަމަ ޙައްޖުމަހުގެ ޟުޙާ ވަގުތު ނުވަތަ މެންދުގެ
ވަގުތުގައި އަލުން އިޙްރާމް ހެދުން ލައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތް
ގަންނަންވާނެއެވެ. އަދި (( لبيك
حجاً )) މިހެން ކިޔައި އެއަށްފަހު « لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ ». މިތަލްބިޔާގެ
ބަސްތައް ކިޔަންވާނެއެވެ.
- ނަމަވެސް އިފްރާދުކޮށް ނުވަތަ ޤިރާންކޮށް ޙައްޖުވާ
މީހެއްނަމަ އޭމީހަކު ހުންނާނީ ކުރިން
އިޙްރާމް ހެދުންލީގޮތައް އެހެދުމުގައެވެ. އެހެން ކަމުން އެމީހަކަށް އޮތީ ހައްޖުމަހުގެ 8 ވަނަ ދުވަހު ހެދުނު ތަލްބިޔާ
ކިޔުމެވެ.
2- މިނާގައި މެންދުނަމާދާއި އަޞްރު ނަމާދާއި މަޣުރިބު
ނަމާދާއި އިޝާނަމާދު އެނަމާދެއްގެ ވަޤުތުގައި ކުރުން : 4 ރަކުޢަތުގެ ނަމާދު
ޤަޞްރުކޮށް 2 ރަކުއަތުން ކުރުން.
އެއަށްފަހު ހައްޖުމަހުގެ 9 ވަނަ ދުވަހުގެ ފަތިސްނަމާދު ކުރާނީއެވެ.
3- އަދި 9 ވަނަ ދުވަހުގެ އިރު އެރުމުން ޢަރަފާތައް ދާނީއެވެ.
ޙައްޖުމަހުގެ 9 ވަނަ ދުވަހު
ކުރަންޖެހޭކަންތައްތައް :
1-
ޢަރަފާތުގައި މަޑުކުރުން :
މިއީ ޙައްޖުގެ
ރުކުންތަކުގެ ތެރެއިން އެންމެ މުހިއްމު އެއްރުކުނެވެ. މާތްނަބިއްޔާ (ސ) ހަދީޘް
ކުރައްވައިފައި ވެއެވެ. (الْحَجُّ عَرَفَةُ) މާނައީ
ހައްޖަވުމަކީ ޢަރަފާތުގައި ވުމެވެ.
·
އެންމެ ރަގަޅު ވަޤުތު :
މެންދުރުފަހުން ފެށިގެން އިރއޮއްސިއްޖެއުމަށްދާންދެން
·
ހުއްދަ ވަޤުތު : ޙައްޖުމަހުގެ ނުވަ (9) ވަނަ ދުވަހުގެ އިރުއެރުމާއި
ހަމައިން ފެށިގެން ގޮސް ހައްޖުމަހުގެ 10 ވަނަ ދުވަހުގެ ފަތިސްވެއްޖެއުމަށްދާންދެން.
މިވަޤުތު ތަކުގެ ތެރެއިން ކުޑަވަގުތުކޮޅެއް
ޢަރަފާތުގައި ހޭދަވިނަމަވެސް އެމީހެއްގެ ޙައްޖު ޞައްޙަވާނެއެވެ. ނަމަވެސް ތިބާއަށް
ހައްޖުމަހުގެ 9 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ވަރަށްކުޑަ ވަގުތުކޮޅެއް
ލިބުނުނަމަ ތިބާގެ މައްޗަށް ލޭ ދެއްކުންވެއެވެ. އަދި ތިބާއަށް ޢަރަފާތައް ދެވުނީ
އެދުވަހުގެ އިރުއޮއްސުމުގެ ފަހުން ކަމުގައިވާނަމަ ތިބާގެ މަށްޗައް އެއްވެސް
އެއްޗެއް ދެއްކުމެއް ނުވެއެވެ. ނަމަވެސް ތިބާ މުޒުދަލިފައިގައި
މަޑުކުރަންޖެހޭވަގުތުގައި މަޑުނުކުރެވުމުން ދައްކަންޖެހޭ ލޭ ދައްކަންޖެހޭނެއެވެ.
·
ޢަރަފާތްދުވަހު އިރުއެރުމުން
ޢަރަފާތަށް ގޮސް އެތަނުގައި
މެންދުރުނަމާދާއި ޢަސްރު ނަމާދު ޤަސްރުކޮށް އިސްކޮށް ޖަމްޢުކޮށް ކުރާނީއެވެ. އެއީ
ދެރަކުއަތުން ދެ ރަކުއަތުން އެއްބަންގިގޮވުމާއި ދެޤަމަތް ދިނުމާއި އެކުގައެވެ.
އަދި ޢަރަފާތުގައި އެދުވަހުގެ އިރުއޮއްސެންދެން މަޑުކުރާނީއެވެ. އަދި މިތާގައި
ވަޤުތު ހޭދަކުރާނީ ﷲ މަތިން ހަދުމަކުރުމާއި ދުޢާކުރުން މަތީގައެވެ. ދުޢާކުރާނީ
ޤިބުލައަށް ކުރިމަތިލައިގެންނެވެ. އަދި މިދުޢާ " لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ".
ކިޔުން މުސްތަޙައްބުވެގެން ވެއެވެ.
އަދިއެދުވަހު ފަރުބަދައަށް
އެރުން ނުވަތަ އަވީގައި ހުރުން ޝަރުޢުވެގެން ނުވެއެވެ. ކޮންމެ ތަނެއްގައި ހުރިނަމަވެސް
މުސްތަޙައްބުވެގެންވަނީ ގިނަގިނައިން ﷲ
މަތިން ހަނދުމަކުރުމާއި ދުޢާކުރުމެވެ.
2-
މުޒުދަލިފާއަށް ދިޔުން :
ހ- ޢަރަފާތު ދުވަހުގެ
އިރުއޮއްސުމުން ޢަރަފާތުން ދެން ދާންޖެހޭނީ މުޒުދަލިފާއަށެވެ. އެތަނަށް ތިބާއަށް
ދެވުމުން މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކޮށް ޤަޞްރުކޮށް އެއްބަންގިގޮވައި
ދެ ޤަމަތްދިނުމާއި އެކު އަދާކުރާނީއެވެ.
ށ- މުޒުދަލިފައިގައި
ފަތިސްވަންދެން މަޑުކޮށް ފަތިސްނަމާދު އޭގެ ފުރަތަމަ ވަގުތުގައި އަދާކުރުމަށްފަހު
އުޑުމަށްޗަށް ރީނދޫ ކުލަ އަރަށްޖައުމަށް ދާންދެން ދުޢާ ކުރުމާއި ޒިކުރުކުރުމުގައި ހޭދަކުރާނީއެވެ.
މުޒުދަލިފައިގައި
މަޑުކުރުން ވާޖިބުވެގެންވަނީ ފަތިސްވަންދެނެވެ. ނަމަވެސް އެއްމެ މޮޅުއިތުރުވެގެން
ވަނީ އުޑުމަށްޗަށް ރީނދޫ ކުލަ އަރަށްޖައުމަށް ދާންދެނެވެ.
ގައިގައި ބާރުނެތް
ނިކަމެތި ފިރިހެނުންނާއި އަންހެނުންނަށް ރޭގަޑުގެ ފަހުބައިގައި މުޒުދަލިފައިން މިނާއަށްދިޔުމަށް
ނުކުތުމަކުން މައްސަލައެއްނެތެވެ. ސަބަބަކީ މީހުން ގިނަވެގެން ދިމާވާ ދަތިތަކުން
ދުރުވެގަތުމެވެ.
ނ- ޖަމްރަތުލް ޢަޤަބަތުލް
އޫލާ އަށް ހިލައުކުމަށް ހަތްހިލަކޮޅު ހޮވާށެވެ. ކޮންމެ ތަނަކުން ހޮވިޔަސް
މައްސަލައެއްނެތެވެ.
ރ- ޙައްޖުމަހުގެ 10 ވަނަ
ދުވަހުގެ އިރުއެރުމުގެ ކުރިން މިނާއަށް
ދިޔުން
ޙައްޖުމަހުގެ 10 ވަނަ ދުވަހު ކުރަންޖެހޭ
ކަންތައްތައް :
1- ފަތިސްވަގުތުން
ފެށިގެން ރީނދޫކުލަ އަރަށްޖައުމަށްދާންދެން ދުޢާކުރުން މުސްތަޙައްބުވެގެން ވެއެވެ.
2- މިނާއަށް ގޮސް ޖަމްރަތުލްޢަޤަބާއަށް ހިލައުކުން އަދި
ހަދުޔު ކަތިލުން ނުވަތަ ޠަވާފުލްއިފާޟާ ކުރުމަށް މައްކާއަށްދިޔުން، އަދި ބޯބޭލުން ކޮންމެ
ތަނެއްގައި ހުއްދައެވެ.
3- ޖަމްރަތުލްޢަޤަބާ އަށް ހިލައުކުން: މިއީ މައްކާ އާއި
އެންމެ ކައިރިޔަށްވާ ގޮތައް ހުންނަ ޖަމްރާ އެވެ. މިޖަމްރާއަށް 7 ހިލަކޮޅު އެއްލާނީ
ހިލަކޮޅަކަށްފަހު ހިލަކޮޅަކޮޅެއްގެ ތަރުތީބުންނެވެ. ކޮންމެ ހިލަކޮޅެއް
އެއްލަމުންވެސް ތަކުބީރު ކިޔަންވާނެއެވެ.
4- ހަދުޔު ކަތިލުން : ހަދުޔު ކަތިލުމަށްފަހު ފަޤީރުންނަށް
ބަހާލަންވާނެއެވެ. ހަދުޔުކަތިލުން ވާޖިބުވެގެންވަނީ މުތަމައްތިޢުކޮށް އަދި
ޤިރާންކޮށް ޙައްޖުކުރާ ފަރާތްތަކަށެވެ. އިފްރާދުކޮށް ޙައްޖުކުރާ ފަރާތްތަކަށް
ހަދުޔު ކަތިލުމަކީ މުސްތަޙައްބު ކަމެކެވެ.
5- ބޯ ބޭލުމާއި ކޮށުން : ތިބާގެ ބޯ ބާލާށެވެ. ނުވަތަ
ކޮށާށެވެ. އެންމެރަގަޅީ ބޭލުމެވެ. ނަމަވެސް އަންހެނާއަށް އަންމުލާއެއްގެ
މިންވަރަށް ކޮށުމުން ނިމުނީއެވެ.
·
ޖަމްރާ އަށް ހިލަ
އުކުމަށްފަހު ބޯބާލާއިފިނަމަ ފުރަތަމަ ތަޙައްލުލު ފުރިހަމަ ކުރެވުނީއެވެ. ހަމަ
އެގޮތައް ތިރީގައިމިވާ ހަތަރު ކަންތައްތަކުން
2 ކަމެއް ފުރިހަމަ ކޮށްގަތް ނަމަވެސް ފުރަތަމަ ތަޙައްލަލު ފުރިހަމަ ވާނެއެވެ.
- ހިލައުކުން
- ބޯބޭލުން
- ޠަވާފުކުރުން
- ސަޢުޔުކުރުން
ދަންނައެ! ހަދުޔުކަތިލުން
މިކަންތަކުގެ ތެރޭގައި ނުހިމެނެއެވެ. ސަބަބަކީ ހަދުޔު ކަތިލުން ހުރިހާ
ޙައްޖާޖީންނަށް ވާޖިބުނުވާތީއެވެ. އަދި މަތީގައިވާ 4 ކަންތައް
އެއެކޮށްފުރިހަމަކޮށް ހަދުޔު ކަތިލުން
ތިބާއަށް ވާޖިބުނަމަ އެކަންކުރުމުން އެމިހަކަށް ދެވަނަ ތަޙައްލުލު ފުރިހަމަ
ކުރެވުނީއެވެ.
- ފުރަތަމަ ތަޙައްލުލު : ފުރަތަމ ތަޙައްލުލަކީ ފުރަތަމަ
ޢިޙްރާމް ބަނުމުން ޙަރާމްވި ކަންކަން ހަމައެކަނި އަނބިމީހާއާއި ޖިމާޢުވުން
ފިޔަވައި އެހެން ކަންކަން ހުއްދަވުމެވެ. މިސާލަކަށް ދޮންދިނުމާއި މިފަދަ
ކަންތައްތަކެވެ.
- ދެވަނަ ތަޙައްލުލު: ކުރިން މަނާވި އެންމެހާ ކަންތައްތައް
ހުއްދަވުމެވެ. އެއީ އަންހެނުންނާއި ޖިމާޢުވުން ކަމުގައި ވިޔަސް މެއެވެ.
6- ޠަވާފުލް އިފާޟާ : މައްކާއަށް ގޮސް ކުރާޠަވާފު ( ޙައްޖުގެ
ޠަވާފު) މިޠަވާފުކުރުމުގެ ކުރިން ތިބާ ޢިހްރާމް ކަނޑައަޅައިފި ނަމަ މިޠަވާފު
ކުރާނީ އާދައިގެ ހެދުމުގައެވެ.
7- ޙައްޖުގެ ސަޢުޔުކުރުން: ތިބާއީ މުތަމައްތަޢުކޮށް ނުވަތަ
ޤިރާންކޮށް ނުވަތަ އިފްރާދުކޮށް ހައްޖުވާ މީހެއްނަމަ ތިބާއަށް ޠާވާފުލްޤުދޫމަށްވުރެ ކުރިން ސަޢުޔުކުރުން ތަނަވަސްވެފައެއް ނުވެއެވެ.
ނަމަވެސް ޠަވާފުލްއިފާޟާއާއި
ސަޢުޔުކުރުން ޙައްޖުމަހުގެ 13 ވަނަދުވަހާއި ހަމަޔަށް ލަސްކުރުން ހުއްދަވެގެންވެއެވެ. މިދެކަންތަކާއި ނުލައި
ހައްޖު ފުރިހަމަވެގެނެއް ނުދާނެއެވެ.
8- އައްޔާމުއްތަޝްރީގުގެ ދުވަސްތަކުގައި މިނާގައި މަޑުކުރުން
: މިނާގައި މަޑުކުރުމޭ ބުނުމުގެ މަޤުޞަދަކީ މިނާގައި ރޭގަޑެއް ހޭދަކުރުމެވެ. އެއީ
ކިތައްމެ ކުޑައިރުކޮޅަކަށް ނަމަވެސް މެއެވެ. އަދި މިނާގައި ނިދުމެއް ލާޒިމެއްނޫނެވެ.
އައްޔާމުއްތަޝްރީޤުގެ ތިން ދުވަސް (
ޙައްޖުމަހުގެ 11، 12، 13 )
1- ޖަމްރާތަކަށް ހިލަ އުކުން : 10 ވަނ ދުވަހުގެ
އިރުއޮއްސުމަށްފަހު ޖަމްރާތަކަށް ހިލައުކާއިރު ހިލަ އުކަން ފަށާނީ ކުޑަ ޖަމްރާއިންނެވެ.
އެއީ މައްކާ އާއި އެންމެ ދުރަށް ވާގޮތައް ހުންނަ ޖަމްރާއެވެ. ދެން މެދުގައިވާ
ޖަމްރާއަށް ހިލައުކުމަށްފަހު ޖަމްރަތުލްޢަޤަބާއަށް ހިލައުކާނީއެވެ. ކޮންމެ ޖަމްރާއަކަށްވެސް
އެއްލާނީ ހަތް ހިލަކޮޅެވެ. އަދި ކޮންމެ ހިލަ ކޮޅެއް އެއްލާއިރު ތަކްބީރު
ކިޔަންވާނެއެވެ. ފުރަތަމަ ޖަމްރާއާއި މެދުގައިވާ ޖަމްރާއަށް ހިލައުކުމަށްފަހު ޤިބުލައަށް ކުރިމަތިލައި ދެއަތް އުފުލައި ﷲ އަށް
ދުޢާކުރާނީއެެވެ. ދުޢާކުރާއިރު ވީހާވެސް ދިގުކޮށް ދުޢާކުރަންވާނެއެވެ. އަދި
ތިންވަނަ ޖަމްރާ (ބޮޑުޖަމްރާ) އަށް ހިލަ އުކުމަށްފަހު މަޑުކުރުމެއް ނުވެއެވެ.
2- މިރޭ ތަކުގައި މިނާގައި މަޑުކުރުން
3- ޙައްޖުމަހުގެ 12 ވަނަދުވަހު ތިބާއަށް ޖަމްރާތަކަށް
ހިލައުކައި ނިންމާލެވިއްޖެ ނަމަ ތިބާ އެދޭކަމުގައި ވާނަމަ މިނާއިން ނުކުތުން
އަވަސްކުރެވިދާނެވެ. އަދި މިނާއިން ނުކުންނަ ނަމަ އެދުވަހުގެ އިރުއޮއްސުމުގެ
ކުރިން ނިކުންނަންވާނެއެވެ. އަދި ތިބާ މިނާއިން ނުކުތުމުގެކުރިން 12 ވަނަ ދުވަހުގެ އިރުއޮއްސިއްޖެނަމަ 13 ވަނަރޭ
މިނާގައި މަޑުކުރުން ލާޒިމުވެގެންވެއެވެ. އަދި އެރޭގެ އިރު އޮއްސުމުގެ ފަހުން
ތިންޖަމްރާ އަށް ހިލަ އުކާނީއެވެ.
4- ޠަވާފުލްވަދާޢު: މިއީ ޙައްޖުގެ މަނާސިކްގެ ތެރެއިން އެންމެ
ފަހުން ކުރަންޖެހޭ ކަންތަކެވެ. ތިބާ
ޤައުމަށް އެނބުރިދާކަމަށް ވާނަމަ ތިބާގެ ދަތުރުގައި ޠަވާފުލްވަދާޢުގެެ 7
ބުރު ހަމަކުރުމަށްފަހު މައްކާއިން ނުކުނަން ލާޒިމް ވާނެއެވެ. އެެހެންނޫން ނަމަ
ތިބާ ޖެހޭނީ ޠަވާފުލްވަދާޢު އަލުން އިޢާދަ ކުރާށެެވެ. ޙައިޟުވެރިންނާއި ، ނިފާސްވެރިންގެ މަށްޗަކަށް
ޠަވާފުލްވަދާޢު އެއް ނެތެވެ.
ކޮންމެހެން އެނގެން މުހިއްމު މަޢުލޫމާތު:
·
ޢުމްރާގެ ރުކުންތައް:
1-
އިޙްރާމް ބަނުން
2-
ޠަވާފުކުރުން
3-
ސަޢުޔުކުރުން
·
ޢުމްރާގެ ވާޖިބުކަންތައްތައް
:
1- މީޤާތުން އިޙްރާމް ބަނުން
2- ބޯބޭލުން ނުވަތަ ބޯކުރުކުރުން
·
ޙައްޖުގެ ރުކުންތައް :
1- ނިޔަތާއި އެކު އިޙްރާމް ބަނުން
2- ޢަރަފާތުގައި މަޑުކުރުން
3- ޠަވާފުލް އިފާޟާ ކުރުން
4- ޞާފާ އާއި މަރުވާ ދެމެދުގައި ސަޢުޔު ކުރުން
މަތީގައިވާ ރުކުންތަކުގެ ތެރެއިން ރުކުނެއް ދޫކޮށްލެވިއްޖެނަމަ އެރުކުނެއް
އަނބުރާ އިޢާދަކޮށްފުމަށްދާންދެން އެމީހެއްގެ ޙައްޖު ޞައްޙައެއްނުވާ ހުއްޓެވެ.
މަތީގައިވާ ރުކުންތަކުގެ ތެރެއިން ވަތު މުޤައްޔަދު ކުރެވިގެންވަނީ ހަމައެކަނި ޢަރަފާތުގައި
މަޑުކުރުމެވެ.
·
ޙައްޖުގެ ވާޖިބުތައް :
1-
މީޤާތުން އިޙްރާމް ބަނުން
2-
ޢަރަފާތުގައި ރޭވަނދެން މަޑުކުރުން
3-
މުޒުދަލިފައިގައި މަޑުކުރުން
4-
އައްޔާމުއްތަޝްރީޤުގެ ރޭތަކުގައި މިނާގައި މަޑުކުރުން
5-
ޖަމްރާތަކަށް ހިލައުކުން
6-
ބޯބޭލުން ނުވަތަ ކޮށުން
7-
ޠަވާފުލްވަދާޢު
މަތީގައިވާ ވާޖިބުތަކުގެ ތެރެއިން ކަމެއް ދޫވެއްޖެނަމަ އެކަމެއް އަނބުރާ
ގެންނާކަށް ނުޖެހޭނެއެވެ. ނަމަވެސް އެމީހަކަށް ލާޒިމްވެގެންވަނީ ޙަރަމްގައި ކަތިލައި ލޭދެއްކުމެވެ. އަދި
ޙަރަމްގައިވާ ފަޤީރުންނަށް ކަތިލެވުނު މަސްތައް ބެހުމެވެ. އަދި އެކަތިލެވުނު
އެތިން އޭނަ ކައިގެން ނުވާނެވެ. އެއިރުން އޭނަގެ ޙައްޖު ޞައްހަވެގެންދާނެއެވެ.
އަދި އެއްވެސް މީހަކަށް މަތީގައި ދެންނެވިފައިވާ ވާޖިބެއް ޤަސްދުގައި ދޫކުރުން
ހުއްދަވެގެން ނުވެއެވެ.
·
އިޙުރާމް ބަނދެފައިވާ ފިރިހެނުންނާއި އަދި އަންހެނުންނަށް
ޙަރާމް ވެގެންވާކަންތައްތައް:
1-
ބޮލާއި ހަށިގަނޑުން އިސްތަށި އުފުރުން
2-
ނިޔަފެތި ކެނޑުން
3-
ހުވަނދުލުން ( މީރުވަސްދުވާ ސައިބޯނިން ދުރުވުން)
4-
ޖިމާޢުވުން ނުވަތތަ ޖިމޢު ނުވެވިޔަސް އަންހެނުންނާއި ގައިގޯޅިވެ އުފާތައް
ހޯދުން
5-
އަތައް އަންގިލެއްވުން
6-
އެއްވެސް ޖަނަވާރެއް ޝިކާރަކުރުން
7-
އެމީހާގެ ނަފްސަށް ނުވަތަ އެހެން މީހަކަށް ވިޔަސް ކައިވެނީގެ ޢަޤުދެއް ކުރުން
·
އިޙުރާމް ބަނދެފައިވާ ފިރިހެނާއަށް ޙަރާމް
ވެގެންވާކަންތައްތައް:
1-
ވިޔެފައިވާ އެއްވެސް އެއްޗެއްލުން
2-
ބޮލުގައި ފޮށާ ނުވަތާ ތާކިހާ ފަދަ އެއްްވެސް އެއްޗެއް ލައި ބޯފޮރުވުން (
ނަމަވެސް ކުޑަ ބޭނުން ކުރެވިދާނެއެވެ.)
·
އިޙުރާމް ބަނދެފައިވާ އަންހެނާއަށް ޙަރާމް ވެގެންވާ
ކަންތައް :
-
މޫނު ނިވާކުރުން ( ފޮރުވުން) ސުންނަތް ގޮތަކީ އަންހެނާގެ މޫނު ކަޝްފުކޮށްގެން
ހުރުމެވެ. ނަމަވެސް ފިރިހެނުން ތަކުގެ ތެރޭގައި އުޅޭނަމަ ބުރުގާއިން މޫނު
ފޮރުވިދާނެއެވެ.
މަތީގައި ލިޔެވފައިވާ އެއްވެސް ކަމަކަށް
ނޭނގި ނުވަތަ އެނގިގެންވިޔސް އަރައިގަނެވިއްޖެނަމަ އެމީހަކަށް އެއްވެސް ކަމެއް ކުރުމެއްނެތެވެ.
ހަމައެކަނި ޝިކާރަކުރުމަށް އެއްޗެއް ޤަތުލުކުރިމީހާ ފިޔަވައިއެވެ. އެފަދަ މީހަކަށް އޮތީ ފިދުޔަދިނުމެވެ.
މުޙައްމަދު މަންޞޫރުއާދަމް
ނިމުނީ
No comments:
Post a Comment