ހައްޖު މަހުގެ ފުރަތަމަ
ދިހަ ދުވަސް
ހައްޖު
މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲގެ ހަޟްރަތުގައި އަހަރުގެ އެންމެ މާތް
ދުވަސްތަކެވެ. މި ދުވަސްތަކަކީ އެކަލާނގެ އަޅުތަކުންނަށް ގިނަގުނަ ސަވާބާއި ދަރުމަ
ހޯދުމަށް ދެއްވާފައިވާ ރަނުގެ ފުރުޞަތެކެވެ. އިސްލާމީ ތާރީޚާއި، ޝަރުޢީ
ނައްޞުތަކަށް ބަލާއިރު މި ދުވަސްތަކަށް ދެވިފައިވަނީ ވަރަށް މަތިވެރި ދަރަޖައެކެވެ.
ކީރިތި ޤުރްއާނުގެ
އަލީގައި މި ދުވަސްތަކުގެ މާތްކަން
މާތްﷲ
ކީރިތި ޤުރްއާނުގައި މި ދުވަސްތަކުގެ މަތިވެރިކަން ބަޔާންކުރައްވައި ހުވާ ކުރައްވާފައިވެއެވެ.
ސޫރަތުލް ފަޖްރުގެ 1 ވަނަ އާޔަތާއި 2 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. "وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾"
މާނައީ: "ފަތިސްވަގުތު ގަންދެއްވައި ހުވާކުރައްވަމެވެ. އަދި (ޛުލްޙިއްޖާ
މަހުގެ ފުރަތަމަ) ދިހަ ރޭ ގަންދެއްވައި ހުވާކުރައްވަމެވެ." މުފައްސިރުން
ބަޔާންކުރައްވާ ގޮތުގައި މި އާޔަތުގައިވާ ދިހަ ރެއަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ
ދުވަހެވެ. މާތްﷲ އެއްޗެއް ގަންދެއްވައި ހުވާކުރައްވައިފިނަމަ، އެ އެއްޗެއްގެ
މަތިވެރިކަން ވަރަށް ބޮޑެވެ. އަދި ސޫރަތުލް ޙައްޖުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ.
މާނައީ: "...އަދި އެނގިގެންވާ ދުވަސްތަކެއްގައި އެކަލާނގެ ނަންފުޅު
ހަނދުމަކުރުމަށެވެ..."
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވާ ގޮތުގައި މި އާޔަތުގައިވާ "އެނގިގެންވާ ދުވަސްތަކަކީ" ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން
ހައްޖު
މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ހެޔޮކަން ބަޔާންކުރައްވައި އިބްނު ޢައްބާސް ރަޟިޔަﷲ
ޢަންހުމާގެ ކިބައިން ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ﷺ
ޙަދީޘް ކުރެއްވިއެވެ.
"مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ"
މާނައީ: "މި ދިހަ ދުވަހަށްވުރެ (ހައްޖު މަހުގެ ފުރަތަމަ ދިހަ
ދުވަހަށްވުރެ) މާތްﷲގެ ހަޟްރަތުގައި ލޯބިވެތިވެގެންވާ ޢަމަލުތަކެއް ކުރެވޭ އެހެން
އެއްވެސް ދުވަސްތަކެއް ނުވެއެވެ."
މި ދުވަސްތަކުގައި
ކުރަންވީ އަޅުކަންތައް
މި
މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި އަންނަނިވި
އަޅުކަންތައް ކުރުމަށް ޢިލްމުވެރިން އިރުޝާދު ދެއްވައެވެ.
1.
ޒިކުރުކުރުން: ތަހްލީލު (ލާއިލާހަ އިލްލަﷲ)، ތަކްބީރު (ﷲ އަކްބަރު) އަދި
ތަޙްމީދު (އަލްޙަމްދުލިﷲ) ގިނަކުރުމެވެ. މުސްނަދު އަޙްމަދުގައިވާ ޙަދީޘެއްގައި މި
ދުވަސްތަކުގައި މި ޒިކުރުތައް ގިނަކުރުމަށް އަމުރުކުރައްވާފައިވެއެވެ.
2.
ރޯދަހިފުން: ފުރަތަމަ ނުވަ ދުވަހު ރޯދަހިފުމަކީ ސުންނަތެކެވެ.
ޚާއްޞަކޮށް ޢަރަފާތް ދުވަހު ރޯދަހިފުމަކީ މަތިވެރި ސަވާބު ލިބޭ ކަމެކެވެ.
3.
ހައްޖާއި ޢުމްރާ: ކުޅަދާނަވެގެންވާ މީހާ ހައްޖުގެ އަޅުކަން އަދާކުރުމެވެ.
4.
ނަމާދާއި ޞަދަޤާތް: ފަރުޟު ނަމާދުތަކަށް ރައްކާތެރިވެ، ސުންނަތް ނަމާދުތަކާއި
ޞަދަޤާތް ދިނުން ގިނަކުރުމެވެ.
5.
ޒިކުރުކުރުން: ކީރިތި
ޤުރްއާން ކިޔެވުމާއި ﷲ އަށް تهليل ، تكبير، تحميد
ކިޔުން.
ޢަރަފާތް ދުވަހުގެ ޚާއްޞިއްޔަތު
ހައްޖު
މަހުގެ 9 ވަނަ ދުވަހަކީ ޢަރަފާތް ދުވަހެވެ. މިއީ މުޅި އަހަރުގެވެސް އެންމެ މާތް
ދުވަހެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. "الْحَجُّ عَرَفَةُ" (ހައްޖަކީ
ޢަރަފާތެވެ.) މާނައީ ހައްޖުގެ އެންމެ މުހިންމު ރުކުނަކީ ޢަރަފާތުގައި މަޑުކުރުމެވެ.
ޢަރަފާތް ދުވަހުގެ ރޯދައާ ބެހޭގޮތުން އިމާމް މުސްލިމް ރިވާކުރައްވާފައިވާ
ޙަދީޘެއްގައިވަނީ، އެ ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް
އަހަރުގެ ފާފަ ފުހެވޭނެ ކަމެއް ކަމުގައެވެ. އަދި މިއީ ނަރަކައިން އެންމެ ގިނަ
އަޅުން މުޢުތިޤު ކުރައްވާ ދުވަސްވެސް މެއެވެ.
ޢީދު ދުވަހުގެ މާތްކަން
(ޔައުމުއް ނަޙްރު)
ހައްޖު
މަހުގެ 10 ވަނަ ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ. މިއީ "ޔައުމުއް ނަޙްރު"
ނުވަތަ ކަތިލުމުގެ ދުވަހެވެ. ސުނަން އަބީ ދާއޫދުގައިވާ ޙަދީޘެއްގައިވެއެވެ. "إِنَّ أَعْظَمَ الأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ" މާނައީ:
"މާތްﷲގެ ހަޟްރަތުގައި އެންމެ މަތިވެރި ދުވަހަކީ ކަތިލުމުގެ ދުވަހެވެ (ޢީދު
ދުވަހެވެ)."
ކީރިތި
ރަސޫލާ ﷺ ގެ ހަޔާތްޕުޅުން ފެންނަން އޮތީ މި ދުވަހު އުޟްޙިޔާ
ކަތިލުމާއި، ޢީދު ނަމާދު ކުރުމާއި، އުފާފާޅުކުރުމެވެ. އިބްރާހީމްގެފާނުގެ މަތިވެރި
ޤުރުބާނީ ހަނދުމަކޮށް، މާތްﷲއަށް ކިޔަމަންތެރިވުމުގެ ރޫޙު އާލާކުރުމެވެ. މިއީ ހަމައެކަނި
ކައިބޮއެ އުޅޭ ދުވަހެއް ނޫނެވެ. އަދި ކިއެއްތަ، މިއީ ﷲގެ ޝިޢާރުތައް މަތިވެރިކޮށް،
ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށް، ފަޤީރުންނަށް އެހީތެރިވާ ދުވަހެކެވެ.
ޚުލާޞާކޮށް
ދަންނަވާނަމަ، ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަޅުކަމާއި، ޒިކުރާއި، ފާފަ
ފުއްސެވުމުގެ ދުވަސްތަކެކެވެ. މި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި
ހިފުމަކީ ކޮންމެ މުސްލިމަކަށްމެ ލިބޭނެ އެންމެ ބޮޑު ނަސީބެވެ.