Thursday, October 5, 2017

ޢައްބާސީ ދައުލަތް ޤާއިމު ވީ ކިހިނެއް ؟

ލިޔުން ރޭވިފައިވާ ގޮތް

-                  ޢައްބާސީ ދައުލަތުގެ ތަޢާރަފް
-                  ދައުލަތެއް އުފެއްދުމުގެ ސިއްރު ރޭވުން
-                  ދައުވަތު ފެތުރުމަށް ސިއްރު އެޖެންޓުން ތަކެއް ތައްޔާރު ކުރެއްވުން
-                  ޢައްބާސީންގެ ސިއްރު ދަޢުވަތު ފެތުރުން
-       އަބޫ އަލްޢައްބާސަށް ބައިޢަތު ހިފުން
-                  އުމަވީންގެ ޚިލާފަތް ނިމި ޢައްބާސީ ޚިލާފަތަށް އަލިވިލުން
-                  އުމަވީންގެ ޚިލާފަތް ނިމެން މެދުވެރިވި ސަބަބުތައް

  
ޢައްބާސީ ދައުލަތުގެ ތަޢާރަފް

        އައްބާސީ ދައުލަތް ނިސްބަތްވަނީ ކީރިތި ރަސޫލާގެ ބޮޑުބޭބޭ ފުޅު ޢައްބާސް އިބުނު ޢަބްދުލްމުއްތަލިބަށެވެ. އައްބާސީ ދައުލަތުގެ ޚަލީފާއިން އެކަލޭގެ ފާނުގެ ދަރިފަސްކޮޅަށް ނިސްބަތްވާތީ އެވެ. އަދި އެދައުލަތް އުފެއްދުމަށްޓަކައި އެންމެހާރޭވުންތައްރޭވީ އައްބާސްގެ ފާނުގެ ކާފަދަރިންނަށްވީތީއެވެ.  ޢައްބާސްގެ ފާނު އިސްލާމް ވެ ވަޑައިގެންނެވީ މައްކާ ފަތަޙަ ކުރެއްވި ދުވަހުއެވެ. އެއީ މުސްލިމުން އެދި އެދި ތިބި  ވަރަށް ބޭނުންވި  ކަމަކަށް ވިއެވެ.
އާދެ! މާތް ނަބިއްޔާ (صلى الله عليه وسلم ) ސުވަރުގެ ވަޑައިގެންނެވުމުން ދެން އިސްލަމުންގެ ޚަލީފާ އެއް ކަމުގައި ވެގެން ދިޔައީ އެކަލޭގެ ފާނުގެ ޞާޙިބު އަބޫބަކުރުއްޞިއްދީގެވެ.އެއަށް ފަހު ޢުމަރުގެ ފާނެވެ. ދެން އުޘްމާނުގެ ފާނެވެ. ދެން ޢަލީގެ ފާނެވެ. މިހާ ހިސާބުން މުސްލިމު އުއްމަތަށް ލޮޅުން އަރަން ފެށިއެވެ. އަދި ޢަލީގެ ފާނުގެ ޚިލާފަތަށް ފަހު އެކަލޭގެ ފާނުގެ ދަރިކަލުން ޙަސަނުގެ ފާނު ގާތްގަޑަކަށް 6 މަސް ދުވަސް ވަންދެން ވެރިކަން ކުރެއްވިއެވެ. އެއްފަހު މުޢާވިޔަތުގެ ފާނާއި އުފެދުނު ޚިލާފު ނައްތާލައްވައި މުސްލިމުންގެ ލޭއޮހޮރިގެން ނުދިޔުމަށްޓަކައި ވެރިކަމުން ތަނާޒުލް ވެވަޑައިގަތެވެ.  އެހިސާބުން ހުރިހާ މުސްލިމުން އެއްބައިޢަތެއްގެ ދަށަށް ގޮސް އުމަވީ ދައުލަތް ހިޖުރައިން 41 އަނަ އަހަރު އުފަންވިއެވެ. އަދި ހިޖުރައިން 132 އަހަރާއި ހަމަޔަށް އެވެރިކަން ދެމިއޮތެވެ. މިއަހަރު ޢައްބާސީން އުމަވީން ވެރިކަމުން ވައްޓާލައި ޢައްބާސީ ދަޢުލަތް ޤާއިމު ކުރިއެވެ. އަދި މިދައުލަތަކީ އިސްލާމީ ތާރީޚުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރި ދައުލަތްވެސް މެއެވެ. ހިޖުރައިން 132 ވަނަ އަހަރުން ފެށިގެން 656 ވަނަ އަހަރާއި ހަމަޔަށް ގާތްގަޑަކަށް 5 ޤަރުނު ވަންދެން ވެރިކަން ދެމެހެއްޓި ދައުލަތެކެވެ. އިސްލާމީ ތާރީޚު ދުއް ޢިލްމާއި،ތަރައްގީއާއ، ތަހުޒީބުގެ ރަންޒަމާން އައީވެސް ޢައްބާސީ ދައުލަތުގައެވެ. ޢައްބާސީ ދައުލަތުގެ ވާހަކަ ތަނެއްގައި ޒިކުރު ކޮށްފިނަމަ ޢިލްމާއި އަދަބިއްޔާތުގައި ކުރިއަރައިދިޔަ ދިޔުން މީހުން ފާހަގަ ކުރެއެވެ.
ޢައްބާސީ ދައުލަތް އުފެއްދުމުގެ ސިއްރު ރޭވުން

     އުމަވީ ދައުލަތުގައި އިންތިޚާބަކުން ވެރިން ޢައްޔަން ނޮކޮށް ވިރާސީ ކޮށް ވެރިކަން ދަމަހައްޓަމުން އައުމާއި،އަދި ވަލިއްޔުލްޢަހުދު ކަނޑައަޅަމުން އައި ގޮތާއި، އެދުވަސްވަރު އުމަވީ ދައުލަތާއި ދެކޮޅަށް ތެދުވި  އިދިކޮޅު ފަރާތްތަކަށް ( ޝީޢީން – ޚަވާރިޖުން – ޒުބައިރިއްޔީން ) ނިޔާކަނޑައެޅިގޮތުން މީސްތަކުން ތިބީ އެހެން ވެރިކަމަކަށް ބޭނުންވެފައެވެ. އަދި ގިނަބަޔެއްގެ ހިއްތަކުގައި އުމަވީންނަށް ނަފްރަތުއުފެދެމުން އައެވެ. އަދި ޢަލަވީންނާއި ޢައްބާސީންނަށް މީސްތަކުން ރުހުމާއި ލޯބި އިތުރުވަމުން ދިޔައެވެ. ސަބަބަކީ އެމީހުންގެ މީސްތަކުންނާއި އެކު އުޅޭ ގޮތް ރަގަޅުވުމުންނާއި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ އާލު ބައިތުންނަށް ވުމެވެ. މިހެންކަމުން މީސްތަކުން އެދި އެދި ތިބީ ރަސޫލުﷲ صلى الله عليه وسلم ގެ އާއިލީ ބޭފުޅެއް ވެރިކަމަށް އައުމަށެވެ.[1]
މިގޮތުން  އުމަވީ ދައުލަތުގެ ޚަލީފާ ސުލައިމާނު ބުނު ޢަބުދުލް މަލިކުގެ ދުވަސްވަރު މީސްތަކުން ޚާއްސަކޮށް ކޫފާގެ ރައްޔިތުން ހާޝިމް ވަންހައިގެ ބޭފުޅުންކުރެ އަބޫ ހާޝިމް އަބުދުއްﷲ ބުނު މުޙައްމަދު ބުނުލްޙަނަފިއްޔާ ބުނު އަލީ ބުނު އަބީޠާލިބު އަށް ސިޓީ ފޮނުވާންފެށިއެވެ. މިމީހުންގެ އެދުމަކީ މިމީހުންގެ އިމާމެއްކަމުގައި މިކަލޭގެފާނު ހެއްދެވުމެވެ. މިހާ ގިނަ ބަޔަކު މިކަލޭގެ ފާނަށް ސިޓީ ފުނުވާ އުމަވީންނާއި ދެކޮޅަށް ތެދުވެ މަސައްކަތް ކުރަން ބޭނުންވާތީ  މިކަލޭގެ ފާނު ގެންދެވީ " އާލު ބައިތުންނަށް ރުހުން ހޯދުން " މިޝިޢާރުގެ ދަށުން މީސްތަކުންގެ ލޯބި ހޯދުމަށްޓަކައި މިދައުވަތު ފަތުރަމުންނެވެ.
މާގިނަދުވަސްތަކެއްނުވެ  އުމަވީ ޚަލީފާ ސުލައިމާނުއިބުނު ޢަބްދުލް މަލިކަށް އިބުނުލް ޙަނަފިއްޔާ އަށް މީސްތަކުން ފުނުވާ ސިޓީތަކުގެ ޚަބަރު އެނގިވަޑައިގެންފިއެވެ.
 أبو هاشم عبدالله بن محمد بن الحنفية بن على بن أبي طالبُ  އުމަވީ ޚަލީފާ ސުލައިމާން ބުނު ޢަބުދުލްމަލިކުގެ އަރިހަށް (98ހ / 715 މ) އަހަރުގައި ޒިޔާރަތް ކުރިއެވެ. މިޒިޔާރަތުގައި މިކަލޭގެ ފާނުގެ ފުރާނައަށް ނުރައްކާ އޮތް ކަމުގެ އިހުސާސް ކުރެވި ފުރާނަފުޅު ސަލާމަށްކުރެއްވުމަށްޓަކައި އެކަލޭގެފާނުންގެ ބޮޑުބޭބޭފުޅު ޢަލީ އައްސައްޖާދު އިބުނު އަބުދުﷲ އިބުނު ޢައްބާސްގެއަރިއަހަށް "އަލްޙުމައިމާއޭކިޔުނު“[2] ރަށަށް ބަދަލުވެވަޑައިގެންނެވިއެވެ. ބުނެވޭ ގޮތުގައި އެއިރު އެކަލޭގެ ފާނަށް ވަނީ އުމަވީދައުލަތުގެ ޚަލީފާގެ ފަރާތުން ދެވުނު ވިހަލާފައި ހުރި ކިރުތައްޓެއް ބެއްލެވުމުގެ ސަބަބުން ވިހައިގެ އަސަރުކޮށް ފައެވެ. އަދި އެކަލޭގެ ފާނަށް މިކަން އެނގިވަޑައިގަތެވެ. އެހެންކަމުން ޢަލަވީންގެ ދައުވަތު ފެތުރުމަށް ޢައްބާސީންނާއި ޙަވާލުކުރެއްވިއެވެ. މިގޮތުން ޢަލީ ބުނު ޢަބުދުﷲ ބުނު ޢައްބާސަށް އެދައުވަތު ފެތުރުމަށް ޙަވާލުކުރައްވާ އިމާމުކަމަށް ވަސިއްޔަތް ކުރެއްވިއެވެ.[3]
މިހާހިސާބުން ޢަލަވީން ފަތުރަމުން އައި ދަޢުވަތު  ޢައްބާސީންނަށް ފޮރޮޅިގެން ދިޔައެވެ. އަދި ޢައްބާސީން އުމަވީ ދައުލަތް  ވައްޓާލުމުގެ މަސައްކަތް ފެށިއެވެ. މިއާއި އެކު ޢައްބާސީންގެ އިމާމަކަށް ޢަލީ އައްސައްޖާދު ވެގެން ދިޔައެވެ. އެކަލޭގެ ފާނަށް ފަހު އެކަލޭގެ ފާނުގެ ދަރިކަލުން މުޙައްމަދު ބުނު ޢަލީ އެވެ. މުޙައްމަދަށް ފަހު އިބުރާހިމު ބުނު މުޙައްމަދު (އަލްއިމާމު އިބުރާހީމް ) އެވެ.


 ޢައްބާސީންގެ ދައުވަތު ފަތުރާނެ އެންމެ މުހިއްމު މަންޒިލެއްކަމުގައި ޚުރާސާން ކަނޑައެޅުން

ޢަލީ އައްސައްޖާދު އަވަހާރަ ވުމަށް ފަހު ޢައްބާސީންގެ ދައުވަތު ފަތުރާނެ އިމާމެއްކަމުގައި ވަސިއްޔަތް ކޮށްފައިވާ މުޙައްމަދު ބުނު ޢަލީ ބުނު ޢަބުދުﷲ ބުނު އަލް ޢައްބާސް  އިމާމަކަށް ވުމަށް ފަހު އުމަވީންގެ ބާރާއި އާރު ނެތިކޮށްލުމަށް ވަރަށް ރޭވުންތެރި ޕްލޭނެއް އެކަށައެޅިއެވެ. މިގޮތުން ޚުރާސާންއަކީ ޢައްބާސީ ދައުވަތު ފެތުރުގެ މަޤައްރު ކަމުގައި ހަމަޖެއްސެވިއެވެ.[4]

މުޙައްމަދު ބުނު ޢަލީ ޚުރާސާން އިޚްތިޔާރު ކުރި ސަބަބު

-        މައްކާ އާއި މަދީނާގައި އަބޫބަކުރުގެ ފާނާއި ޢުމަރުގެ ފާނުގެ އަންސާރުން ގިނބަވުން.
-  ކޫފާއާއި ކޫފާއާއި ގުޅިފައިވާ ސަރަހައްދަކީ  ޢަލީގެ ފާނާއި ޢަލީގެ ފާނުގެ ދަރިންގެ ތާއީދު އޮތް ސަރަހައްދެއް ކަމުގައިވުން.
 ޝާމް ކަރައިގެ އަހުލުންނަކީ އުމަވީންނާއި މަރުވާނީން ދަންނަމީހުން ކަމުގައިވުން. އަދި އުމަވީ ދައުލަތުގެ ބާރު އެންމެ ގަދަ ސަރަޙައްދަކީ މަޤައްރުލް ޚިލާފާ ކަމުގައިވުން.
-   ޚުރާސާނަކީ މީހުން ގިނަތަނެއްކަމުގައި ވެފައި،  ވަކިބަޔެއްގެ އަންސާރުން ކަމުގައި ނުވާ ބަޔަކަށް ޚުރާސާނުގެ އަހުލުން ވެފައި ،ސާފު ހިއްތަކުގެ ވެރިބަޔަކަށްވުމުން އެތާގައި ޢައްބާސީންގެ  ދައުވަތު ފެތުރުމުގައި ކާމިޔާބު ހޯދަން ފަސޭހަވެގެން ދާނެތީ މުޙައްމަދު ބުނު ޢަލީ ޚުރާސާން އިޚުތިޔާރު ކުރިއެވެ.[5]

ދައުވަތު ފެތުރުމަށް ސިއްރު އެޖެންޓުން ތަކެއް ތައްޔާރު ކުރެއްވުން

  މުޙައްމަދު ބުނު ޢަލީ ޢައްބާސީންނަށް ވެރިކަމަށް  އާދެވޭނެ މަގުކޮށްޓެވުމަޓަކައި ވަރަށް ސިއްރުވެރި ގޮތެއްގައި މީސްތަކުންގެ ތެރެއަށް "މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމުގެ އާލުންނަށް ރުހުން ހޯދުން" މިނަމުގައި އައްބާސީންނަށް މީހުންގެ ތާއީދުހޯދުމަށް ނިކުންނާނޭ ދާޢީންތަކެއް ( އެކްޓިވިސްޓުންތަކެއް) ތައްޔާރުކުރެއްވިއެވެ. 

ކޮންމެ އަކަސް ހުޅަނގުގެ ބަހުން ބުނާނަމަ ޢައްބާސީން އެމީހުންގެ ޕްރޮޕެގެންޑާ (propaganda) އެއިރު ފަތުރާލިލެއް މިހާރުގެ މަސީޙީންނަށް ވުރެ މޮޅުވެފައި ފުރިހަމައެވެ. މުޅި އިސްލާމީ ޙަޟާރާތުގައި ވަރަށް ވިސްނުންތެރި ކަމާއި އެކު ސިއްރު ރޭވުމެއްގެ ގޮތުގައި ފަތުރާލި މޮޅު ޕްރޮޕެގެންޑާގެ ނަމަކަށްވީ "މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމުގެ އާލުންނަށް ރުހުން ހޯދުން" މިޝިއާރެވެ.[6]
ޢައްބާސީންން އެމީހުންގެ ދައުވަތު ފަތުރާނެ 70 މީހުން އިޚުތިޔާރު ކޮށް  އެމީހުންގެ  ތެރެއިން 12 ބޮޑުން (ޙަރަކާތްތެރީން) ކަނޑައެޅިއެވެ.
މިގޮތުން ކަނޑަ އެޅުނު 12 ބޮޑުންނަކީ :"
1-    أبو نصر مالك بن الهيثم.
2-   أبو محمد سليمان بن كثير الخزاعي ثم الأسلمي.
3-   أبو منصور طلحة بن زريق مولى طلحة الطلحات.
4-   زياد بن صالح (مولى خزاعة).[7]
5-   موسى بن كعب ( أبو عيينة).
6-   عيسى بن كعب .
7-   أبو جعفر لاهز بن قريظ التميمي.
8-   أبو سهل بن مجاشع.
9-   أبو عبد الحميد قحطبة  بن شبيب الطائي.
10-     أبو داود خالد بن إبراهيم الربعي ثم الذهلي.
11-     أسلم بن سلام.
12-     أبو علي شبل بن طهمان مولى." [8]
ޢައްބާސީން 12 ބޮޑުން އިސްކޮށް – 70  ދުޢާތުން އިޚުތިޔާރު ކުރުމުގެ ވިސްނުމަކީ  ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ތެރެއިން މޫސާގެ ފާނު 70 މީހުން އިޚްތިޔާރު ކުރި ކުރުމާއި،  މާތް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ބައިޢަތުލް ޢަޤަބާގައި  އަންސާރީން ކުރެ އައުސު ވަންހަ އާއި ޚަޒްރަޖް ވަންހައިން  70  މީހުން ހޮއްވަވައި އެމީހުންގެ ތެރެއިން  12  ބޮޑުން އިޚްތިޔާރު ކުރި ކުރުމުގެ މައްޗައް ބިނާކޮށް އެކަމާއި އިޤްތިދާވުމުގެ ގޮތުން ކުރި ކަމެކެވެ.
އެހެނީ އަބޫހާޝިމް ވިދާޅުވިއެވެ. އޭ އަބާ ޞާލިހުއެވެ. ލިޔާށެވެ. އެހިނދު ލިޔަން ފެށިއެވެ. " بسم الله الرحمن الرحيم، إن السنة  في الاولين والمثل في الآخرين، وإن الله يقول * (واختار موسى قومه سبعين رجلا لميقاتنا)[9] *، ثم قال في آية  أخرى: * (وبعثنا منهم اثني عشر نقيبا) *،[10] وإن رسول الله صلى الله عليه وسلم وافاه ليلة العقبة سبعون رجلا من الاوس والخزرج فبايعوه، فجعل منهم اثني عشر نقيبا[11]، فإن  سنتكم سنة بني إسرائيل وسنة النبي عليه السلام."[12]
މަތީގައިވާ ނައްސުގެ ދިވެހިތަރުޖަމާ :
 ރަޙުމާނު ވަންތަ ރަޙީމު ވަންތަ ﷲ ގެ އިސްމު ފުޅުން ފަށަމެވެ. ކުރިން ކަންހިގި މަގަކީ ފަހުންއަންނަ މިހުންނަށް ވާ މިސާލެކެވެ. ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.    "އަދި ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތަށްޓަކައި موسىގެފާނު އެކަލޭގެފާނުގެ قومގެމީހުންގެ ތެރެއިން ހަތްދިހަ ފިރިހެނުން ހޮއްވެވިއެވެ." އަދި އެހެން އާޔަތެއްގައި އެކަލާނގެ ވަޙީކުރެއްވިއެވެ." ހަމަކަށަވަރުން، اللَّه ސުބުޙާނަހޫ ވަތަޢާލާ ، إسرائيل ގެދަރިންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕެވިއެވެ. އަދި އެއުރެންގެ ތެރެއިން ބާރަ نقيب ން (އެބަހީ: ބާރަ ވެރިން) ތިމަންރަސްކަލާނގެ اختيارކުރެއްވީމެވެ. އަދި ހަމަ ކަށަވަރުން ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް ليلة العقبة ގައި އައުސު ވަންހަ އާއި ޚަޒުރަޖު ވަންހަ އިން 70 ފިރިހެނުން  އެކަލޭގެފާނަށް ވަފާތެރި ވުމަށް ބައިޢަތު ހިފައި އެއްބަސްވިއެވެ. އަދި އެމީހުންގެ ތެރެއިން 12 ބޮޑުން ކަނޑައެޅުއްވިއެވެ. ހަމަ ޔަގީނުންވެސް ތިޔަބައި މީހުންގެ سنة އަކީ  ބަނީ އިސްރާއީލުންގެ سنة އާއި މުޙައްމަދު النبي عليه السلام ގެ سنة އެވެ.

ޢައްބާސީންގެ ސިއްރު ދަޢުވަތު ފެތުރުން
        ޢައްބާސީން ކަނޑައެޅި ދުޢާތުން ތަފާތު އެކި ދާއިރާތަކުން އެމީހުންގެ ސިއްރު ދަޢުވާ ފަތުރަމުން ދިޔަދިޔުން ފަތު އަޑުކިޔާފައި މުޅިޢާލަމަށް ފެތުރި އުމަވީ ޚަލީފާއާ ހިސާބަށްވެސް މިޚަބަރު ފޯރައްޖެއެވެ. މިހާހިސާބަށް މިސިއްރު ދަޢުވަތު ފަތުރާލުމުގައި  ޢައްބާސީންނަށް ތާއީދު ކުރާ ވިޔާފާރިވެރީންގެ ދައުރު ވަރަށް ބޮޑެވެ. މިގޮތުން ޙަވާނީތު ވިއްކާ ފިހާރަތައްވެސް ވަރަށް ހަރުދަނާ ދައުރެއް އަދާކުރަމުން ގެންދިޔައެވެ. އަދި ހަމަ އެގޮތަށް ޞޫފީންވެސް ދިޔައީ އެމީހުންގެ ޢިލްމީ މާލަން ތަކުގައި  މިދައުވާ މީސްތަކުންނަށް ވިއްކަމުންނެވެ. އަދި ދީނީ އިލްމުވެރިންވެސް ދިޔައީ ސިއްރުވެރި ގޮތެއްގައި ޢައްބާސީންނަށް ނުވަތަ އާލުބައިތުންގެ ދަޢުވާ އަށް ހިއްވަރުދެމުންނެވެ. ނަތީޖާއަކަށްވީ މީސްތަކުންގެ މެދުގައި މިދަޢުވާ އަށް ޚާއްސަ މަޤުބޫލު ކަމެއް ލިބިގެން ދިޔުމެވެ.   
ޚާއްސަ ގޮތެއްގައި މިދަޢުވާ ވައިގައި ހިފަން ވެދުވެރި ސަބަބު ތަކުގެ ތެރޭގައި  މިދައުވާގެ ޖަޒުބާތުގެ ސަބަބުންނެވެ. އެހެނީ އާލުބައިތުންގެ ތެރެއިން މީހަކަށް  (އިމާމަކަށް ) މީހުންގެ ހިތްތައް ލެނބި ބައިއަތު ހިފަމުންދަނީ ޢައްބާސީންގެ ގޮވާލުން ފުރިހަމަ ކަމުންނެވެ. މިގޮތުން އާލުބައިތުންނަށް ރުހުން ހޯދުމާއި މީސްތަކުންގެ މެދުގައި ހަމަހަމަ ކަން ޤާއިމު ކޮށް ޢަރަބީންނާއި ޢަޖަމީންގެ މެދުގައި ތަފާތު ނޮކޮށް ޤުރުއާނުގައި ވާ ގޮތަށް  ޢަމަލު ކުރުމަށް ގޮވާލުން ވެގެން ދިޔައީ މަވާލީންގެ ތަރުޙީބު ޢައްބާސީންނަށް އޮހިގެން ދިޔަ ސަބަބަކަށެވެ.[13]
" ޢައްބާސީންގެ ވަންހަނާ ވެފައިވާ އެޖެންޑާއާއިގެން އެމީހުން ކުރި ހޯދަމުން ދިޔައިރު މީސްތަކުން ބައި ޢަތު ހިފަމުން ދިޔައީ ވަކި ޢައްބާސީންގެ ތެރެއިން ވަކި މީހަކަށް ނޫނެވެ. ނަމަވެސް މާތް ނަބިއްޔާ މުޙައްމަދުން ސައްލަﷲ އަލައިހި ވަސައްލަމްގެ އާލު ބައިތުންގެ ތެރެއިން ކަނޑައެޅޭ މީހަކަށެވެ. އެއީ މުސްލިމުންގެ ޚަލީފާއަކަށް އެންމެ ޙައްޤު ކަންބޮޑީ މާތް ނަބިއްޔު ސައްލަﷲ ޢަލައިހި ވަސައްލަމްގެ އަހުލުންގެ ތެރެއިން މީހަކު ކަމަށް ވާންޖެހޭނެ ކަމަށް ދެކިގެންނެވެ. މިގޮތުން ފާރިސީން ޢަލަވީންނަށް ތާޢީދު ކުރަނީ ޙުސައިން ރަޟިޔަﷲ ޢަންހު ފާރިސީންގެ  އެންމެ ފަހު ރަސްކަލުން ( يزدجرد) އަންހެން ބޭކަނބަލަކާއި ކައިވެނި ބައްލަވައި ގެންފައިވާތީވެ."[14]
ޚުރާސާނާއި އިރާގާއި އަދިވެސް ދަޢުވަތު ފަތުރަމުންދިޔަ ތަންތަނުން ހުރިހާ ޚަބަރެއް ނަގުލު ކުރަމުން ދިޔައީ ކޫފާގެ ދުޢާތުންނަށެވެ. އަދި ކޫފާއިން ޙުމައިމާގައިވާ  އިމާމު މުޙައްމަދަށެވެ.  ސަބަބަކީ ޢައްބާސީންގެ މިޙަރަކާތުގެ އިސްކޮށް ކެންޕެއިން ކޮށްދޭ މޭސްތިރިން ތިބި ތަނަކީ ކޫފާ ކަމަށް ވާތީއެވެ. ޚާއްސަ ގޮތެއްގައި ކޫފާގެ ކެންޕޭން މެނޭޖަރު  بَكِّيرُ بن مَاهَانُ ފާހަގަ ކޮށްލަންޖެހެއެވެ. އޭނައަކީ މުއްސަނދި އަދި ކޫފާގެ ނުފޫޒު ގަދަ ފަރާތެއްކަމުން މިދައުވަތު ފަތުރައި، މިދައުވަތަގެ ހުރިހާ ކަމަކަށް އެހީވެދިން ރުކުން ކަމުގައި އޭނަވެގެން ދިޔައެވެ.  
އިމާމު ޠަބަރީ ރިވާކުރެއްވިއެވެ. " ހަމަޔަޤީނުންވެސް بَكِّيرُ بن مَاهَانُ ޢައްބާސީންގެ އިމާމު މުޙައްމަދަށް  އޭނަގެ ހުރިހާ މުދަލެއް ހުސްކޮށްލިގޮތަށް އޭނަގެ އަތުގައިވާ ހަތަރު ޤުޟްބާން ރިހި، އަދި ހަތަރު ޤުޟްބާން ރަން ދެއްވިއެވެ. މިކަމުގެ ސަބަބުން بَكِّيرُ بن مَاهَانُ އާއި އިމާމު މުޙައްމަދާއި ދެމެދު ވަރަށް ބޮޑަށް އިތުބާރު ކުރެވޭ ގުޅުމެއް އުފެދިގެން ދިޔައެވެ. "[15]
ޢައްބާސީންގެ ދަޢުވަތު މިގޮތުގައި ކުރިޔަށް ދަނިކޮށް ހިޖުރައިން 125  ވަނަ އަހަރުގައި އިމާމު މުޙައްމަދު  ޙުމައިމާގައި އަވަހާރަ ވިއެވެ.  އަވަހާރަވުމުގެ ކުރިން އެކަލޭގެ ފާނުގެވަނީ ދަރިކަލުން އިބްރާހީމު  އިމާމަކަމަށް ހަމަޖައްސަވައި ޢައްބާސީންގެ ކޭންޕޭން ކުރިޔަށް ގެންގޮސް ވެރިކަން ހޯދުމުގެ މަސައްކަތް ކުރަންފެށުމަށް ވަޞިއްޔަތްކޮށްފައެވެ. 
"ހަމަ އެއަހަރު (125 ހ) ކޫފާގެ ޙަރަކާތްތެރިޔާ  بَكِّيرُ بن مَاهَانُ ވެސް އަވަހާރަ ވެއްޖެއެވެ. އަދި އެކަލޭގެ ފާނު  ކޫފާގައި ދަޢުވަތު ފަތުރާނެ މޭސްތިރިއެއް ކަމުގައި ހަމަޖެއްސެވީ އެކަލޭގެ ފާނުގެ ދަރިކަނބަލުންގެ ފިރިކަލުން أبُوسَلَمَةُ الخَلَّالُ އެވެ. އަބޫ ސަލަމާ އަކީ ޢައްބާސީ ޚިލާފަތުގެ އެންމެ ފުރަތަމަ ވަޒީރު އާލު މުޙައްމަދުގެ ލަޤަބު ލިބިގެންނެވި ފަރާތެވެ."[16]
އިބްރާހީމް ބުނު މުޙައްމަދު އިމާމަކަށް ވުމަށްފަހު އެކަލޭގެ ފާނާއި ހަމައަށް ވަރަށް ތޫނުފިލި ޢަރަބި ބަހަށާއި ފާރިސީ ބަހަށް މޮޅު ޒުވާނަކު ވާޞިލުވިއެވެ. ނަމަކީ ޢަބްދުއްރަހުމާނެވެ. ކުންޔަތަކީ އަބޫ މުސްލިމް އަލް ޚުރާސާނީ އެވެ. މީނަގެ މޮޅުކަމާއި ކުޅަދާނަކަން ފެނި އިމާމު އިބްރާހީމް އޭނަ ޢައްބާސީންގެ ދަޢުވަތު ފަތުރާމީހެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. އަދި ވަރަށް ބޮޑަށް އޭނަޔަށް އިތުބާރު ކުރައްވާ  ޚުރާސާނުގައި ދަޢުވަތު ފަތުރާނެ އިސްމީހެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
ބުނެވޭ ގޮތުގައި  އަބޫ މުސްލިމަކީ ފާރިސީ އެކެވެ. ޢައްބާސީންގެ ފަރާތުން މިނިވަންވި އަޅެކެވެ.
އެހެން ރިވާޔަތެއްގައި ވެއެވެ. " އަބޫ މުސްލިމަކީ ޢަރަބީންގެ ތެރެއިން ވާ މީހެކެވެ.[17] އެހެނީ އެކަލޭގެ ފާނަކީ سليط  بن عبدالله بن العباس   ގެ ދަރިކަލެވެ. މިކަމަށް ބާރުދޭ ނުވަތަ ހެކިދޭ ބަސްފުޅެއް ޢިމާމު އިބްރާހީ ވިދާޅުވެފައިވެއެވެ. އެއީ " يا عبد الرحمن إنك رجل منا أهل البيت " މާނައީ "އޭ ޢަބުދުއްރަޙްމާނުއެވެ. ކަލެއަކީ  އަރަމެންގެ ތެރެއިންވާ އަހުލު ބައިތުންގެ މީހެކެވެ."
މި ރިވާޔަތަކީ މަޢުޟޫއު ރިވާޔަތެއްކަމަށް التاريخ العباسي والفاطمي  ކިޔާފޮތް ލިޔުއްވި މުއައްލިފު ވަނީ ވިދާލުވެފައެވެ. ސަބަބަކީ އަބޫމުސްލިމު އަލްޚުރާސާނީ އަކީ  ފާރިސީ އެއްކަމަށް ދަލާލަތު ކުރާ ގިނަ  ޤަރީނާތަކެއްވާތީއެވެ."[18]
ޢައްބާސީންގެ  ދަޢުވަތު ޢުމަވީންނަށް ނުރައްކަލަކަށްވުން
ކޮންމެ އަކަސް އަބޫމުސްލިމުލް ޚުރާސާނީ  ހިޖުރައިން 129 ވަނަ އަހަރު ޚުރާސާނުގައި މިސިއްރު ދަޢުވަތު ފަތުރަމުން ގޮސް މީސްތަކުންގެ ކިބައިން އާލު ބައިތުންގެ އިމާމަށް ބައިޢަތު ހިފަން ފެށިއެވެ. އެންމެ ފުރަތަމަވެސް ފާރިސީ މަވާލީން އަބޫމުސްލިމުލް ޚުރާސާނީ އާއި ގުޅުނެވެ.  އެއީ ޚުރާސާނުގެ އަޣުލަބިއްޔަތެވެ. އެއަށް ފަހު  ޔަމަނިއްޔަ ޤަބީލާތަކުގެ މަށްޗަށްވެސް އަބޫމުސްލިމުލް ޚުރާސާނީ ކުރި ހޯދިއެވެ. ޔަމަނީ ޤަބީލާތައް އަބޫމުސްލުމު އާއި ބައިޢަތު ހިފުމުގެ އެއްމެ ބޮޑު އެއްސަބަބަކީ  އެޤަބީލާ އާއި މުޟަރު ވަންހައާއި ކުރީއްސުރެވެސް އޮތް ދެކޮޅުވެރިކަމެވެ. 
މިހާހިސާބަށް ކަންތައް ދިޔުމުން ޚުރާސާނުގައި އެއިރު ހުންނެވި އުމަވީންގެ ވާލީ ( ގަވަރުނަރ)  މުޟަރު ވަންހައިގެ ނަސްރު ބުނު ސައްޔާރު ޢަރަބީން ފާރިސީންނާއި ދެކޮޅަށް އެއްގަލަކަށް އެރުވޭތޯ ވަރަށް މަސައްކަތް ކުރެއްވިއެވެ. މިގޮތުން ޔަމަނީންނަށް  ސިޓީ ފުނުއްވަވާ ކުރީގެ ޢަޞަބީ ގޮތް ދޫކޮށް އެއްބައި ވުމަށް އެދުނެވެ. އަދި އެކަމަށް ބާރުދިނުމުގެ  ޅެން  ބަހުރުވައިން   ޤަބީލާ ތަކަށް  ފާރިސީން ގެ  ނުރައްކާ ހާމަ ކުރަމުން ދިޔައެވެ. މިސާލެއްގެ ގޮތުން މަޝްހޫރު ޅެމެއްގެ  ބައިތެއް މިތާގައި ނަކަލު ކޮށްލާނަމެވެ.
من كان يسألني أن أصل دينهم ..... فإن دينهم أن تهلك العرب[19]
މާނަ: ކާކުހޭ ސުވާލު ކުރަނީ އެމީހުންގެ ދީނާއި މެދު  ހަމަޔަޤީނުންވެސް  އެމީހުންގެ ދީނަކީ ޢަރަބީން ހަލާކުވެދިޔުމެވެ.
ނަމަވެސް ނަސްރު ބުނު ސައްޔާރުގެ މަސައްކަތް އަބޫމުސްލިމުގެ މޮޅު ވިސްނުގެ ކުރިމަތީގައި  ނާކާމިޔާބުވިއެވެ. ޔަމަނީންގެ ވެރިޔަކަށް އެއިރު ހުންނެވި ޒަޢީމު الكرماني  ސުލްޙަ ވުމަށް ޝަރުޠު ކުރީ ނަސްރު ބުނު ސައްޔާރު  ޚުރާސާނުގެ ވާލީކަމުން ވަކިވުމަށެވެ. މިހެންވެ މިދެޤަބީލާގެ މެދުގައި  ޞުލްޙަ ޤާއިމު ވެގެނެއް ނުދިޔައެވެ.[20]
އަބޫ މުސްލިމުލް ޚުރާސާނީގެ ބާރު ވަރުގަދަވެގެން ދިޔުމުން މިސިއްރު ދަޢުވާ ފާޅުކޮށް ސީދާ އުމަވީންނާއި ދެކޮޅަށް ތެދުވިއެވެ. އަދި ފަރުބަދު ތަކުގެ މަތީގައި އަލިފާން ރޯކުރިއެވެ. އަދި ކަޅު ކުލައަކީ ޢައްބާސީންގެ ޝިޢާރު ކަމުގައި ހަދައި އަބޫމުސްލިމު އާއި އޭނާގެ ބައިވެރިން ކަޅު ހެދުމުގައި ޢައްބާސީންގެ ވެރިކަމެއް ޤާއިމު ކުރުމަށް ނުކުތެވެ.
ކަޅުކުލަ ޢައްބާސީންގެ ޝިޢާރެއްކަމުގައި ހެދުމުގެ ބޭނުމާއި ބެހޭގޮތުން މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވަނީ އުމަވީން ޤަތުލުކޮށް ޝަހީދުކޮށްލައިފައިވާ އާލުބައިތުންގެ ހިތާމައިގެ ރަމްޒެއްގެ ގޮތުގައި ކަޅުކުލަ އިޚްތިޔާރު ކުރީ ކަމުގައެވެ.  ނަމަވެސް ބައެއް މުއައްރިޚުން މިކަމާއި އެއްބަސްވެ ނުލައްވެއެވެ.
އަބޫމުސްލިމަށް މުޅިޚުރާސާނުގެ ލަގަން އެއިރު ވަނީ ލބިފައެވެ. އެހެން ކަމުން އެކަމުގެ ނުރައްކަލާއި ބެހޭ ގޮތުން އުމަވީންގެ ޚަލީފާ މަރުވާން ބުނު މުޙައްމަދަށް ނަސްރު ބުނު ސައްޔާރު ޅެންބަހުން ލިޔުނެވެ.
أرى بين الرماد وميض جمر ... ويوشك أن يكون له ضرام
فإن النار بالعودين تورى ... وإن الفعل يقدمه الكلام
أقول من التعجب ليت شعري ... أأيقاظ أمية أم نيام؟[21]
ތަރުޖަމާ :
-     އަހަންނަށް އެބަފެނެއޭ  އަޅިތަކުގެ ތެރެއިން އަނގުރު ކޮޅެއް .... ކައިރި ވާހެން ހީވެޔޭ ހުޅުފަޅައިގެން ހިގައިދާނެހެން.
-      ހަމަޔަޤީނުންވެސް ދެދަނޑި ކޮޅު ގޭނިގެންނޭ  އަލިފާން ހިފާނީ ...... އަދި ހަމަ ޔަޤީނުންވެސް  ހަނގުރާމައިގެ ފެށުމަކީވެސް ވާހަކަޔެކޭ.
-     އަހަރެން ބުނަމޭ ހައިރާން ކަމާއި އެކު މިޅެން ވާނަ ނަމަހީ .......އަޅެ ފަހެ ތިތިބީ ނިދާފަ ހެއްޔޭ! ނުވަތަ ހޭލާހެއްޔޭ! ނުވަތަ މަރުވެފަ ހެއްޔޭ!
މިހާވަރަށް އަބޫ މުސްލިމުގެ ނުރައްކާ ފާޅުކުރުމުންވެސް   ޚަލީފާ ރައްދުގައި ޖަވާބު ދެއްވީ     " احفظ ناحيتك بجندك "  ތިބާ ތިބާގެ ސިފައިންގެ އެހީގައި ތިބާގެ ފާރާތް ރައްކާތެރި ކުރާށެވެ. މިހެން ޖަވާބު ދެއްވަން ޚަލީފާ މަރުވާނަށް ޖެހިވަޑައިގަތީ އުމަވީ ދައުލަތުގެ އެތެރޭގެ ކޯޅުން ހަމަޔަކަށް އެޅުމަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔުމާއި ގުޅިގެންނެވެ.

ހާޝިމީ ވަންހައިން ޚަލީފާ އަކަށް ވާން ދަޢުވަތު ފަތުރާ އިމާމަކީ ކާކުކަން އުމަވީންނަށް އެނގުން  އަދި އައްބާސީންގެ ނުރައްކަލާ ކުރިމަތި ލުން

" މިދަނޑިވަޅުގައި އިމާމު އިބްރާހީމް އަބޫމުސްލިމަށް ފުނުވި ސިޓީ އެއް އުމަވީން ގެ އަތުގައި ޖެހި ޚަލީފާއަށް މިޚަބަރު ފޯރައްޖެވެ. އެހިނދު އިމާމު އިބުރާހީމް ޙުމައިމާގައި ހައްޔަރު ކުރުމަށް އަމުރުކޮށް  ޙައްރާން ގެ ޖަލެއްގައި އިމާމު އިބުރާހީމް  ބަންދު ކުރިއެވެ. އަދި ފަހުން ޚަލީފާގެ އަމުރަށް އެކަލޭގެ ފާނު ޤަތުލު ކުރެވުނެވެ. "[22]
އިމާމު އިބްރާހީމް ހައްޔަރު ކުރެވުނު އިރު އެކަލޭގެ ފާނުގެ  ވަނީ އެކަލޭގެ ފާނުގެ ކޮށްކޮ އަބޫލް ޢައްބާސު އަކީ އެކަލޭގެ ފާނަށް ފަހު ޢައްބާސީންގެ އިމާމު ކަމުގައި ހަމަޖައްސަވައި  އެކަމަށް  ވަޞިއްޔަތް ކޮށްފައެވެ. އަދި އެއިރު އެދި ވަޑައިގެންފައި ވަނީ ޢަބޫ އަލްޢައްބާސް އެކަލޭގެ ފާނުގެ  އަޚުންތައް ގޮވައިގެން  ޙުމައިމާ ދޫކުރައްވާ  ކޫފާއަށް ވަޑައިގަތުމަށެވެ.  އެހެން ކަމުން ޢަބުލްޢައްބާސް ޙުމައިމާއިން ސިއްރިޔާތުގައި ކޫފާއަށް ނުކުމެ ވަޑައިގަތެވެ. މިކަމުގެ ޚަބަރު ކޫފާގައި ހުންނަވާ އައްބާސީންގެ ދަޢުވަތު ފަތުރާ ލީޑަރު އަބޫ ސަލަމަތުލް ޚައްލާލަށް ލިބިވަޑައިގެން  ކޫފާއަށް ނުވަނުމަށް އެންގިވިއެވެ. ސަބަބަކީ އެބޭފުޅުންގެ ނަފްސުތަކަށް ނުރައްކާ ވެދާނެތީއެވެ. އަދި އެއިރު އެދިވަޑައިގެންނެވީ ކޫފާގެ ބޭރުގައި އެބޭފުޅުން މަޑުކުރެއްވުމަށެވެ. ނަމަވެސް އެގޮތަށް އެބޭފުޅުން ބޭނުންފުޅު ނުވުމުން މަޖުބޫރީ ގޮތެއްގައި  ކޫފާއިން އެބޭފުޅުން ތިބޭނެ ތަނެއްގެ އިންތިޒާމް ހަމަޖައްސަވައި ދެއްވިއެވެ. މިގޮތުން ޢައްބާސީން ތިބެންޖެހުނީ  ފޮރުވިފައިވާ ކިސަޑުން ހަދައިފައިވާ މަވާލީއެއްގެ ގޭގައެވެ. އަދި އެމީހުންގެ ވާހަކަ ހުރިހާ ޝީޢީންނާއި ބޮޑެތި ލީޑަރުންނަށްވެސް އަބޫ ސަލަމަތުލް ޚައްލާލު ސިއްރު ކުރެއްވިއެވެ.
މިގޮތުން ގާތްގަޑަކަށް 2 މަސް ވެދެން ޢައްބާސީންނަށް މީސްތަކުންގެ ތެރެއަށް ނުނިކުމެ ސިއްރުން އުޅެންޖެހުނެވެ.[23]
މިކަންތައް މިގޮތަށް ހިނގަމުން ދިޔައިރު ހިޖުރައިން 131 ވަނައަހަރު ޚުރާސާނުގައި އަބޫމުސްލިމް ވަރަށް ބޮޑު ލަޝްކަރެއް އެކުލަވާލައްވައި އެތަނުގައި އެއިރު ވާލީ އަކަށް ހުންނެވި ނަޞްރު ބުނު ޞައްޔާރުގެ ސިފައިން ބަލިކޮށް ޚުރާސާނުގެ ވެރިރަށް މަރުވު އޭނަގެ ބާރުގެ ދަށަށް  ގެނެއެވެ. އެހެން ކަމުން ނަޞްރު ބުނު ޞައްޔާރަށް މަޖުބޫރުވީ ހަނގުރާމައިން ފިލާށެވެ. މިގޮތުން ފިލައިގެން  އިރާގަށް އައުމަށް މިސްރާބު ޖެހިއެވެ. އަދި އަބޫމުސްލިމުގެ ލަޝްކަރު ފަހަތުން އޭނައަތުލުމަށް ނުކުތެވެ. ނަމަވެސް  އިރާގަށް އައި މަގުމަތީގައި  އައްރައްޔު އާއި ހިސާބުން ނަޞްރު ބުނު ސައްޔާރު އަވަހާރަ ވެއްޖެއެވެ.
ޤަޙްޠަބާ ބުނު ޝަބީބުގެ  ކޮމާންޑަރ ކަމުގެ  ދަށުން އައި އަބޫ މުސްލިމުގެ ލަޝްކަރު ރަށްތައް އެމީހުންގެ ބާރުގެ ދަށަށް ގެންނަމުން އައިސް ޢިރާގާއި އަރާހަމަކުރިއެވެ.މިހިސާބުން ޢިރާޤުގައި ޢާމިލަކަށް ( ވެރިޔަކަށް ) ހުންނެވި ޔަޒީދު ބުނު ޙުބައިރާ  ފަހަތަށް ޖެހި ޢިރާގުގެ ދެކުނުގައި އޮންނަ ވާސީޠުގައި އޭނަގެ ލަޝްކަރު ރުކުރުވާލިއެވެ.
އަދި އެއިރު ކޫފާގެ ޙާލަތުވެސް އެއްކޮށް ބަދަލުވެއްޖެއެވެ.  ޢައްބާސީންގެ ދުޢާތުން ނުކުމެ މުޅި ކޫފާއަށް ވެރިވުމުން އެތަނުގެ ޢުމަވީންގެ  ޢާމިލަކަށް ހުންނެވި މުޙައްމަދު ބުނު ޚާލިދުލް ޢަބުދުﷲ އަލްޤަސްރީ އަށް ޢައްބާސީންގެ ކުރިމަތީގައި ބާރުވެރިކަމެއް ނުދެއްކުނެވެ. އެހެންކަމުން  ޢައްބާސީންނަށް ކޫފާ އޭނަ ޙަވާލު ކުރިއެވެ. [24]

އަބޫ އަލްޢައްބާސަށް ބައިޢަތު ހިފުން

އާލު ބައިތުންގެ ވެރިކަމެއް ޤާއިމު ކުރަން ނުކުތް މީހުން ކޫފާ އެމީހުންގެ ބާރުގެ ދަށަށް ގެނައުން އަބޫ އަލްޢައްބާސް އޭނަ ހުރި ބިންގަރާހުން ފާޅުވިއެވެ. އަދި  އެރަށުގެ  މިސްކިތަށް ވަދެ  އަބޫސަލަމަތުލް ޚައްލާލު  އަބުލް ޢައްބާސް  އަކީ އެމީހުންގެ އިމާމު ކަމުގައި  އިޢުލާނުކޮށް މީސްތަކުންނަށް އެކަލޭގެ ފާނަށް ބައިޢަތު ހިފުމަށް ގޮވާލިއެވެ. މިހިސާބުން މީސްތަކުން އެކަލޭގެ ފާނަށް ބައިޢަތު ހިފަން ފެށިއެވެ. އެއަށް ފަހު ޢަބުލް ޢައްބާސް އެކަލޭގެ ފާނުގެ  މަޝްހޫރު އަދި އަސަރުގަދަ ޚުޠުބާ  ހިޖުރައިން 132  އަހަރު 12 ރަބީއުލް އައްވަލު  ވީ ހުކުރުދުވަހު ދެއްވިއެވެ. މިޚުތުބާގައި އާލު މުޙައްމަދު (صلى الله عليه وسلم)  އާއިލާއަށް ޚިލާފަތް ޙައްޤުކަން ބަޔާން ކުރެއްވިއެވެ. މިޚުޠުބާ ތާރީޚުއްޠަބަރީގެ 6ވަނަ މުޖައްލަދުގެ 82 ވަނަ ޞަފްޙާގައި ވާރިދު ވެފައިވެއެވެ. މިޚުތުބާގައި އާލު މުޙައްމަދު ((صلى الله عليه وسلم)  )  އާއިލާއަށް ޚިލާފަތް ޙައްޤުކަން ބަޔާން ކުރެއްވިއެވެ.

އުމަވީންގެ ޚިލާފަތް ނިމުން
އަބުލް ޢައްބާސަށް ބައިޢަތު ހިފަން ފެށުނުއިރު ޢައްބާސީންގެ ބާރުގެ ދަށަށް  ނުގެނެވި ވާތަނަކީ  އުމަވީންގެ  ޝާމް ކަރެއެވެ. އެހެންކަމުން އުމަވީންގެ އެންމެ ފަހުގެ ޚަލީފާ މަރުވާން ބުނު މުޙައްމަދަށް ނިޔާ ކަނޑައެޅުމަށްޓަކައި  އަބުލްޢައްބާސްގެ އަމުރުފުޅަށް އެކަލޭގެ ފާނުގެ ބޮޑުބޭބެ ޢަބުﷲ ބުނު ޢަލީ މަރުވާން ބުނު މުޙައްމަދާއި ހަނގުރާމަ ކުރުމަށް 30،000 މީހުންގެ ލަޝްކަރަކާއި އެކު ފުނުވުނެވެ. އެއިރު އުމަވީންގެ ޚަލީފާވެސް ޢައްބާސީންނާއި ހަނގުރާމަ ކުރުމަށް ނުކުމެ ވަޑައިގަތެވެ. އަދި މިދެލަޝްކަރު  ޒާބު ކޯރުގެ      ( އިރާޤުގެ މޫސަލް އާއި   ދިމާލުން )ކައިރިން ބައްދަލުވެއްޖެއެވެ.
ބުނެވޭ ގޮތުގައި މަރުވާންގެ ލަޝްކަރުގެ ޢަދަދަކީ   80000 ހެވެ. ހިޖުރީ ސަނަތުން 132 އަހަރު ޖުމާދިލް އާޚިރާ މަހުގައި 2 ދުވަސް ވަންދެން ހިނގި މިހަނގުރާމައިގައި  މަރުވާންގެ ލަޝްކަރުގެ ވަރަށްގިނަބަޔަކު ޒާބު ކޯރަށް ޣަރަޤުވެ އުމަވީންގެ ލަޝްކަރު ބަލިވެ، އުމަވީ ޚަލީފާ މަރުވާން ފިއްލަވާ ވަޑައިގަތެވެ.
މިގޮތުން ފުރަތަމަ ފިއްލަވައިގެން ޙައްރާންނަށް ވަޑައި ގަތެވެ. އަދި މިތާނގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ދެން ވަޑައިގެންނެވީ ޤިއްނިސްރީން އަށެވެ. އެއަށް ފަހު ޙިމްޞަށެވެ. އަދި ދިމިޝްގަށް ވަޑައިގަތެވެ. އަދި އެންމެ ފަހު މަންޒިލެއްގެ ގޮތުން މިޞްރަށް ވަޑައިގަތެވެ. ނަމަވެސް ފޯރިއާއި ޖޯޝުގައި އުމަވީންނަށް ނިޔާކަނޑަ އަޅަމުން އައި ޢަބުދުﷲ ބުނު ޢަލީގެ ލަޝްކަރައް ފިއްލަވައިގެން އުޅުއްވޭ ގޮތެއްނުވިއެވެ. މިސްރުގެ ޤަރުޔާއެއްކަމުގައިވާ ބުވައިސީރީގެ ފިއްލަވައިގެން އުޅުއްވަނިކޮށް27 ޛުލްހިއްޖާ 132 ހ ޢައްބާސީން އެކަލޭގެ ފާނު ގަތުލުކޮށްލިއެވެ.
މިހާހިސާބުން ޢުމަވީން  އިރުމަތީ ސަރަހައްދުގައި (މެދުއިރުމަތީގައި ) ކުރަމުން އައި ޒަވާންވީ ވެރިކަން ( 41ހ-132ހ) ނިމި ޢައްބާސީންގެ ވެރިކަމުގެ ދުވަސްވަރަށް  ދުނިޔެ އަލިވެލިއެވެ.
އަދި އަބުލް ޢައްބާސްގެ ޚިލާފަތު ރަސްމީ ކޮށް ޢިއުލާންވެގެންދިޔައެވެ.[25]

އުމަވީ ދައުލަތް ވެއްޓެން މެދުވެރިވި ސަބަބު ތައް
1-        ވިރާސީ ޢާއިލީ ރަސްކަން ހިންގުން
2-     -ރަސްކަމުގެ ނިޒާމު ކަނޑައެޅިފައިވާ ގޮތާއި އެނިޒާމު ތަޠުބީޤު ނުބައި ގޮތުގައި ކުރުން މިސާލު :ޖިޒީ ނުވަތަ ޚުރާޖުނެގުން އިތުރުކުރުން – މާލީ ތަނަވަސްކަން ހޯދުމަށް ބާރުގެ ބޭނުން ކުރުން- އިސްލާމީ ލަޝްކަރުގައި ބައިވެރިވާ ޢަޖަމީންނަށް ބައި ނުދިނުން.
3-      -ވެރިން މުދަލާއި ފައިސާއަށް ދަހިވެތުވުން
4-    ވެރިން ކުޅިވަރާއި މަޖަލަށް ފައިސާ ހޭދަކުރުން
5-       ޢަރަބިޤަބީލާއަށް އިސްކަންދިނުމާއި ޢަޖަމީންނާއި ޢަރަބީން ތަފާތުކުރުން
    މިސާލު :އަރަބީން ނޫން އިސްލާމުންނަކީ އަގެއްނެތް ބަޔެއްކަމުގައި ދެކުން
6- އިސްލާމުންގެ ތެރޭގައި އިދިކޮޅު ސިޔާސީ ވާދަވެރިންގެ އުފެދުމުން އެމީހުން ނަށް ނުރަގަޅު ނިޔާތައް ކަނޑައެޅުން  މިސާލު : ޝީޢީން – ޚަވާރިޖުން – އަދި ޒުބައިރީން
7- محمد (ص) ގެ އާލު ބައިތުންނަށް ރުހުން ހޯދުމުގެ ސިއްރު ގޮވާލުން ފެތުރި އެގޮވާލުމަށް މީސްތަކުން އިޖާބަ ދިނުން. [27]
އުމަވީ ދައުލަތުގެ ވާހަކަ ތާރީޚު އިލްވެރިން ޒިކުރު ކުރާނަމަ ފުތޫޙާތުގެ ވާހަކަ ޒުކުރުކުރާނެވެ. ޢައްބާސީ ދަޢުލަތުގެ ވާހަކަ ދައްކާނަމަ ޢިލްމާއި ފިޤްހާއި އަބިއްޔާތަށް ގެނައި އިންގިލާބުގެ ވާހަކަ ޒިކުރު ކުރެއެވެ.
އުމަވީން 92 އަހަރު ވަންދެން ( 41 - 132 ހ) އެމީހުންގެ ޚިލާފަތް މެދުއިރު މަތީގައި ހިންގިއެވެ. އަދި ޢައްބާސީންގެ ވެރިކަން ގާތްގަޑަކަށް (132 އަހަރުން ފެށިގެން 656 ހ)  6 ޤަރުނު ވަންދެން ދެމިގެންދިޔައެވެ.


ޢަލަވީންގެ ފަރާތުން ޢައްބާސީންނަށް ވެރިކަން ފުރޮޅުނު ގޮތް ، އަދި ޢައްބާސީންގެ ފުރަތަމަ ދައުރުގައި ވެރިކަން ކުރެއްވި ޚާލީފާއިންގެ ދަރިކޮޅު ދައްކުވައިދޭ ޗާޓެއް.

            ޢައްބާސީ ދަޢުލަތުގެ ސަރަހައްދު ދައްކުވައިދޭ ތަޞްވީރެއް


ربنا عليك توكلنا وإليك أنبنا وإليك المصير ، وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين .

މުޙައްމަދު މަންޞޫރު އާދަމް



[1] -  ބައްލަވާ الدولة العباسية  العصر العباسي الأول ص /13
[2] - އަލްޙުމައިމާ : އުރުދުންގެ ތެރޭގައިވާ ކުޑައަވަށަކަށް ކިޔާނަމެއް
[3]  الدولة العباسية  العصر العباسي الأول ص /14
[4] - الكامل في التاريخ ، ابن الأثير ، ج 5 ص 539
[5]  - في التاريخ العباسي والفاطمي، أحمد مختار العبادي ، أستاذ  التاريخ الإسلامي بجامعة الاسكندرية  وبيروت العربيةص 22. - أنظر : تاريخ الدولة  العباسية. ص 69 ،
[6]  - أنظر : في التاريخ العباسي والفاطمي، ص 17
[7] - انظر الطبري س 2 ص 1358 وص 1988، - والمحبر لابن حبيب ص 465، - ورسائل الجاحظ ج 1 ص 22،
 - والازدي تاريخ الموصل ص 26 .
[8]  -  تاريخ الدولة العباسية ، نبيلة حسن محمد ،كلية الآداب جامعة الاسكندرية ، 1993، دار المعرفة  الجامعية . ص 70.
[9]  - سورة الأعراف  155
[10] - سورة المائدة، الآية 12.
[11]  - صحيح مسلم، مسلم بن الحجاج أبو الحسين القشيري النيسابوري، دار إحياء التراث العربيبيروت، محمد فؤاد عبد الباقي، ج 3، ص133.
[12] - اخبار الدولة العباسية ص 214- 215 
[13] - أنظر : التاريخ العباسي والفاطمي ، ص  23
[14]  - المصدر السابق ، ص ، 23
[15] - المصدر السابق ، ص ، 23
[16] - المصدر السابق ، ص ، 23
[17]  - مروج الذهب ،  المسعودي ، ج 1، ص451 .
[18] - المصدر السابق ، ص ، 24 ، -  الفخري في الآداب السلطانية، ابن الطقطقي،ج 1 ، ص 50.
[19] - أنساب الأشراف، أنساب الأشراف، ج 1 ، ص 499. -  الكامل في التاريخ ، ابن الأثير، ج 2 ، ص 472.
[20] - المرجع  السابق ، ص ، 25
[21]  - تاريخ اليعقوبي ،ج 1،  247 -  نهاية الأرب في فنون الأدب ،  شهاب الدين أحمد بن عبد الوهاب النويري، ج 21 ص 322.
الكامل في التاريخ ، ابن الأثير ، ج 2 ، ص 472.
[22] - التاريخ العباسي والفاطمي ، ص 27.
[23] التاريخ العباسي والفاطمي ، ص 27.
[24] - التاريخ العباسي والفاطمي ، ص 28
[25] - مقدمة ابن خلدون 113  ، تاريخ الدولة  العربية لفلهوزن ص 522 وما بعده.
[26] - التاريخ العباسي والفاطمي ، ص 29.
[27] - الدولة العباسية  العصر العباسي الأول ، عصر القوة والنفوذ والعمل ، 

No comments:

Post a Comment