Sunday, May 16, 2021

އަވަސް ކަޅިޔަކުން ޤުދުސްގެ ތާރީޚު

                                                       

އަވަސް ކަޅިޔަކުން ޤުދުސްގެ ތާރީޚު

ތަރުޖަމާ: މުޙައްމަދު މަންޞުރު އާދަމް 

  ޤުދުސްގެ ތާރީޚަށް އަލިއަޅުވާލާނަމަ ރުޖޫއަވާން ޖެހެނީ މީގެ 500 ހާސް އަހަރު  ކުރިއަށެވެ. މިއީ ދުނިޔޭގެ އެންމެ ޤަދީމީ ސިޓީ ތަކުގެ ތެރެއިން ހިމެނޭ އެއްސިޓީއެވެ. މިދިގު ތާރީޚުގައި މިސިޓީގައި ވަޒަންވެރިވި އެކި އެކި ވަޒަންވެރީން މިސިޓީއަށް އެކިނަންތައް ދިނެވެ.

މީލާދީން ސަނަތުގެ 3000 އަހަރުކުރިން  ކަންޢާނީން މިބިމަށް ހިޖުރަކުރުމަށްފަހު މިތަނަށް "أورساليم" "أورشليم"  ގެ ނަން ދިނެވެ. މާނައަކީ ސަލާމާތްތެރި ރައްކާތެރި ސިޓީއެވެ. ނުވަތަ އިލާހުގެ ރައްކާތެރި ސިޓީއެވެ. ޢިބްރީ ބަހުން ކިޔަނީ " "يروشاليم" އެވެ. މާނައަކީ މުގައްދަސް ގެކޮޅެވެ. ތަވްރާތުގައި މިނަން 680 ފަހަރު ޒިކުރުކުރެވިފައި ވެއެވެ.

ޔޫނާނީންގެ ދުވަސްވަރު މިސިޓީގެ ނަން މަޝްހޫރުވެގެން ގޮސްފައިވަނީ " إيلياء" އިލްޔާއުގެ ނަމުންނެވެ. މާނައީ ﷲ ގެ ގެކޮޅެވެ.

ކަންޢާނީން މިސިޓީގައި ކުރި އެންމެ ފާހަގަ ކުރެވޭ މަސައްކަތަކީ ޖީޙޫން ފެންގަޑުން ގުދުސްގެ ތެރެއަަށް ފެންލިބޭހެން ކޮނުނު ބިންގަރާހުގެ މަސައްކަތެވެ. ޖީޙޫން ފެންގަނޑު އޮންނަނީ ޤަދްރޫން ވާދީގައެވެ. މިއަދު މިތަނަށް ކިޔަނީ "ޢައިނު ސިލްވާނެވެ".

·        އަސްލު ޤުދުސްގެ ވަޒަންވެރިން:

ޔަބޫސީ ޤަބީލާގެ މީހުން (ކަންޢާނީންގެ ދަރިކޮޅުގެ ތެރެއިން ދަރިކޮޅެއް) ޤުދުސްގައި ވަޒަންވެރިވިކަމަށް ބުނެވެނީ މީލާދީ ސަނަތުގެ 2500 އަހަރުގެ ކުރިންނެވެ. އެއަށްފަހު މިސިޓީއަށް " ޔަބޫސް' ގެ ނަން ދިނެވެ.

          

·        ފިރުޢަވްނުންގެ ވެރިކަން : (16- 14 ބީ.ސީ):

ޤުދުސް މިސްރުގެ ބާރުގެ ދަށަށް ދިޔައީ މިލާދީ ސަނަތުގެކުރިން 16 ވަނަ ގަރުނުގެތެރޭގައެވެ. އެއަށްފަހު إخناتون ގެ ރަސްކަމުގެ ދުވަސްވަރު  "الخابيرو" ކިޔޭ ބަދަވީޤަބީލާތަކެއް ގުދުސްއަށް ހަމަލާދީ އެމީހުންގެ ބާރުގެ ދަށަށް ގުދުސް ގެނެއެވެ. އަދި މިޞްރުގެ ޙާކިމް (عبدي خيبا) އަށް ގުދުސް އަނބުރާ އެމީހުންގެ ބާރުގެ ދަށަށް ގެންނަށް މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި ޚަޕީރޯންގެ ބާރުގެ ދަށުގައި ދުވަސްތަކެއްވަންދެން ޤުދުސް އޮތެވެ.  އަދި މިސްރުގެ ރަސްގެފާނު ސެޓީ 1 ވަނަ ( King Seti ) ގުދުސް މިނިވަންކުރަން ކުރި  މަސައްކަތުން މިސްރުގެ ބާރުގެ ދަށަށް ޤުދުސް އަނބުރާ ގެނެއެވެ.

·        ޔަހޫދީންގެ ވެރިކަން: (977- 586 ބީ.ސީ)

ޤުދުސްގެ ދިގު ތާރީޚުގައި ޔަހޫދީންގެ ވެރިކަމެއް ޤުދުސްގައި ދެމިގެން ގޮސްފައިވާތީ ފެންނަނީ އެންމެ 73 އަހަރުއަށެވެ. އެއީ މީލާދީ ސަނަތުގެ 977 ކުރިން  ދާވޫދު ޢަލައިހިއްސަލާމް ޤުދުސް އެކަލޭގެފާނުގެ ބާރުގެ ދަަށަށް ގެންދިޔަ ހިސާބުންވެ. ދާވޫދު ޢަލައިހިއްސަލާމް ޤުދުސް އެކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނެވުމަށްފަހު " ދާވޫދު ސިޓީ" ގެ ނަމުން ގުދުސްއަށް ނަން ދެއްވިއެވެ. އަދި ރީތި ގަނޑުވަރަކާއި ގިނަ ކިއްލާތަކެއް ބިނާކުރެއްވިއެވެ. ދާވޫދު ޢަލައިއްސަލާމްގެ ވެރިކަން ދެމިގެން ދިޔައީ 40 އަހަރަށެެވެ. އެއަށް އެވެރިކަން  ދާވޫދު ޢަލައިހިއްސަލާމްގެ ދަރިކަލުން ސުލައިމާން ޢަލައިހިއްސަލާމަށް ވާރުތަވިއެވެ. އަދި ސުލައިމާން ޢަލައިހިއްސަލާމް 33 އަހަރުވަންދެން ޤުދުސްގައި ވެރިކަންކުރެއްވިއެވެ. އެއަށްފަހު ސުލައިމާނުގެ ފާނުގެ ދަރިކަލުން (رحبعام) ގެ ވެރިކަމުގައި  ޔަހޫދީ ދައުލަތް ބައިބައިވެ ޤުދުސްގެ ނަން  "أور شليم " އަށް  އަނެއްކާވެސް ބަދަލުކުރެވުނެވެ.

·        ބާބިލީންގެ ވެރިކަން: (586 – 537 ބީ.ސީ)

ބާބިލުގެ ރަސްގެފާނު (نَبُوخَذُ، نَصَّر-ދެވަނަ) ފަލަސްޠިނަަށް އަރައި  ޔަހޫދީންގެ އެންމެ ފަހު ރަސްގެފާނު "صِدْقِيَا بن يُوشِيَا " ބަލިކޮށް މީލާދީ ސަނަތުގެ  586 އަހރުގެ ކުރިން  ގުދުސް އަޅުވެތިކޮށްލިއެވެ. އަދި ގުދުސްގައި ތިބި ޔަހޫދީން އަޅުވެތިކޮށް ޔަހޫދީންގެ ރަސްގެފާނުވެސް އަސީރުކޮށްގެން ބާބިލަށް ގެންދިޔައެވެ.

·        ފާރިސީންގެ ވެރިކަން: (537- 333 ބީ.ސީ)

ފާރިސީންގެ ރަސްގެފާނު ( قورش) ވެރިކަމުގައި ( 538 ބީ.ސީ ) ޔަހޫދީންނަށް ބާބިލުން ޤުދުސް އައުމުގެ ހުއްދަދެވުނެވެ.

·        ޔޫނާނީންގެ ވެރިކަން: (333 – 63 ބީ.ސީ)

ގަދަފަދަ އިސްކަންދަރު ރަސްގެފާނު ފަލަސްޠީނާއި ޤުދުސްއަށް ވެރިވެގަތީ މީލާދީ ސަނަތުގެ ކުރިން 333 ވަނަ އަހަރުއެވެ. އަދި އިސްކަންދަރު ރަސްގެފާނަށްފަހު މަޤުދޫނީންނާއި  ( Macedonian  ) ބަޠާލިމާއިން (Ptolemies ) ޤުދުސްގައި ވެރިކަންކުރަމުން ގެންދިޔައެވެ.  ބަޠްލައިމޫސް  (Ptolemy ) މިސްރުގައި އެމީހުންގެ ވެރިަކަމާއި ފަލަސްޠިނު އެއްކޮށްލީ 323 ބީ.ސީ ގައެވެ. އެއަށްފަހު މީލާދީ ސަނަތުގެ 198 ވަނަ އަހަރު ކުރިން ސޫރިޔާގައި އޮތް ސަލްޖޫގީންގެ ވެރިކަމުގެ ބާރުގެ ދަށަށް ޤުދުސް ދިޔައެވެ.

·        ރޯމަނުންގެ ވެރިކަން: (63 ބީ.ސީ – 636މ)

ރޯމަނުންގެ ލަޝްކަރުގެ ވެރިޔާ ޕޮންޕެޖީ Pompeji 63 ބީ.ސީ ގައި ޤުދުސް އަށް ވެރިވެގަނެ ރޯމަނުންގެ އެންޕަރާގެ ވެރިކަމުގެ ތެރެޔަށް ގުދުސް އެއްކޮށްލިއެވެ. އަދި ރޯމަނުންގެ ވެރިކަން މީލާދީން 636 އާއި ހަމައަަށް ދެމިގެންދިޔައެވެ. މިދުވަސްވަރުގެ ތެރޭގައި ގިނަގިނަ ހާދިޘާތައް ޤުދުސްގައި ހިނގައިފައިވެއެވެ. މިގޮތުން މީލާދީން 66 ފެށިގެން 70 އާއި ދެމެދު ޔަހޫދީން ހިންގި މަދަނީ ނުކިޔަންތެރިކަން ދެއްކުމުގެ ނަތީޖާއަކަށްވެގެންދިޔައީ އެއިރު ޤުދުސްގައި ހުރި ރޯމަނުންގެ ޙާކިމް ޓިޓޮސް (Titus ) ބާރުގެ ބޭނުންކޮށް މުޅިމަދީނާ އަންދާލާ ޔަހޫދީން އަސީރުކުރުވިއެވެ. އެއަށްފަހު އަނެއްކާވެސް ކަންކަން ހަމަޔަކަށް އެޅުނެވެ. ނަމަވެސް ޔަހޫދީން ދެވަނަ ފަހަރަށް މަދަނީ ބަސްނޭހުމެއްގައި ނުކުމެ މީލާދީން 115 އާއި 132މ ގައި ޤުދުސް އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ރޯމާނުންގެ އެންޕަރާ ހަޑްރިއަން  (Hadrian )ބާރުގެ ބޭނުންކޮށް އެއިރުޤުދުސްގައި ތިބި މަސީޙީން ފިޔަވައި އެންމެ ޔަހޫދީން ޤުުދުސުން ނެރެލައި ބޭރުކޮށްލައި ޤުދުސްގެ ނަން "إيلياء" އަށް ބަދަލުކޮށް ޔަހޫދީއަކަށް ޤުދުސްގައި ވަޒަންވެރިނުވެވޭގޮތް ހެދިއެވެ.

 ·        ކަނީސަތުލް ޤިޔާމާ:

ރޯމަނުންގެ އެންޕަރާ قسطنطين 1 (Constantine I) ރޯމަނުންގެ ވެރިރަށް (ރޫމް) އިން ބައިޒަންޓައިން (Byzantium) އަށް ބަދަލުކޮށް ދައުލަތުގެ ރަސްމީ ދީނަކީ ކްރިސްޓިއަން ދީންކަމަށް އިޢުލާނުކުރިއެވެ. މިކަމުގެ ސަބަބުން ޤުދުސްގައި މަސީޙީން  މީލާދީން 326މ ކަނީސަތުލް ޤިޔާމާ ބިނާކުރިއެވެ.

·        ފާރިސީންގެ އެނބުރިއައުން :

މީލާދީން 395 ގައި ރޯމަނުންގެ ވެރިކަން ބައިބައި ވުމަމީ ފާރިސީންނަށް ޤުދުސަށް ވެރިވުމަށް ލިބުނު ރަނުގެ ފުރުޞަަތަކަށްވިއެވެ. އެހެންކަމުން މީލާދީން  614 ގައި ން 628 ފާރިސީންގެ ވެރިކަން ޤުދުސްގައި ހިނގިއެވެ. އަދި ރޯމަނުން އެެމީހުންގެ ބާރުގެ ދަށަށް ޤުދުސް ގެނެވޭތޯ ކުރިމަސައްކަތުުން އަނެއްކާވެސް ޤުދުސް މީލާދީން 636މ އެމީހުންނަށް ލިބިގެން ދިޔައެވެ.

·        އިސްރާއު އަދި މިޢުރާޖުގެ ހާދިޘާ: (621م/ 10هـ)

ގާތްގަނޑަކަށް މިލާދީން 621 ގައި މިއުންމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم  މައްކާގެ މަސްޖިދުލް ޙަރާމުން މަސްޖިދުލް އަޤުޞާ އަށް   ޤުދުސް އަށް ގެންދެވުނެވެ. އަދި އެއަށްފަހު އުޑުކޮޅުތަކަށް އަރައިވަޑައިގަތެވެ.

·        މުސްލިމުން ޤުދުސް ފަތަޙަކުރުން-  ފުރަތަމަ ޒަމާން : (636 - 1072م)

މުސްލިމުންގެ 2 ވަނަ ޚަލީފާ عمر بن الخطاب رضي الله عنه ޤުދުސް ވަދެވަޑައިގެންނެވީ  ހިޖުރައިން 15 ވަނަ އަހަރު މީލާދީން 636 ނުވަތަ 638 ގައެވެ.

މުސްލިމުންގެ ލަޝްކަރަށް ޤުދުސް ފަތަޙަ ވެގެންދިޔައީ މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ أبو عبيدة عامر بن الجراح އަށް ޤުދުސްގެ ޙާކިމް بطريرك صفرونيوس ( Patriarch Sophronius) ޢުމަރުގެފާނަށް މެނުވީ ޤުދުސް ޙަވާލު ނުކުރެެވުމަށް ޝަރުޠުކުރެއްވުމާއި އެކުގައެވެ. އެނހިދު ޢުމަރުގެފާނު ޤުދުސްއަށް ވަޑައިގެން އެތަނުގެ ނަޞާރާއިންނާއި އެކު " العُهدة العُمَريَّة" އެއްބަސްވުން އެކުލަވާލިއެވެ. މި އެއްބަސްވުމަކީ މަސީޙީންނަށް ފުރިހަމަ މިނަިވަންކަމާއިއެކު އެމީހުންގެ ދީނުގެ މަތީގައި ތިބުމުގެ ފުރުޞަތު ޖިޒީދިނުމާއި އެކު އޮތްކަން އަންގައިދޭ އެއްބަސްވުމެކެވެ. މިއެއްބަސް ވުމުގައި ޤުދުސްގައި އެއްވެސް ޔަހޫދީއެއް ވަޒަންވެރިކުރުވައިގެންނުވާނެކަމަށް ޝަރުޠުކުރެވިފައިވެއެވެ.

މިހާހިސާބުން ޤުދުސް މުސްލިމުންގެ ވެރިކަމުގެ ނިޒާމުގެ ދަށަށް ވަދެގެން ދިޔައީއެވެ.

ތަރައްޤީއާއި ތަހުޒީބުގެ ދަންމަރަކަށް މުޅިޤުދުސް އަލިވިލުނީއެވެ. އުމަވީންގެ ޚަލީފާ عبد الملك بن مروان ގެ ދުވަސްވަރު ޤުދުސްގެ މަސްޖިދުލް އަޤްޞާގެ ޙަރިމް ތެރޭގައި އިމާރާތްކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ލާމަސީލު 8 ކަން މިސްކިތެއް ބިނާކުރެއްވިއެވެ. އެއީ مسجد قبة الصخرة އެވެ. މިއަދުވެސް މަސްޖިދުލް އަޤުޞާގެ ހަރިމް ތެރޭގައި ރަންކުލައިގެ ގުއްބެއްގައި އެފެންނަނީ  މިިމިސްކިތެވެ.

މުސްލިމުންގެ ވެރިކަން އެއްވެރިކަމުން އަނެއްވެރިކަމުން ފޮރިޅިގެން ދިޔަނަމަވެސް ޤުދުސް މުލިމުންގެ ބާރުގެ ދަށުގައި މިނިވަން މާޙައުލެއްގައި މިލާދީން 1099 ވަނަ އަހަރާއި ހަމަޔަށް ދެމިއޮތެވެ.

·        ޞަލީބީންގެ ވެރިކަން:

މުސްލިމުންގެ ވެރިަކަމުގެ ދަށުގައި ގާތްގަޑަކަށް 5 ޤަރުނު ހޭދަވުމަށްފަހު މުސްލިމުންގެ ވެރިކަމުގެ ނި×ޒާމުގައި ސަލްޖޫޤީންނާއި ފާޠިމީންގެ މެދުގައި އުފެދުނު ކޯޅުންގަނޑުގެތެރޭގައި ޞަލީބީން ޤުދުސްއަށް ވަދެގަތެވެ. ގާތްގަޑަކަށް 70 ހާސްމުސްލިމުން ގަތުލުކޮށް ޝަހީދުކޮށްލައި މުސްލިމުންގެ އެކިތަންތަނަށް ބޮޑެތި ގެއްލުންތައްދިނުމަށްފަހު މީލާދީން 1099 ގައި އެމީހުންގެ ބާރުގެ ދަށަށް ޤުދުސްގެންދިޔައެވެ. އެއަށްފަހު ޤުދުސްގައި މަސީޙީންގެ ކެތޮލިކް ނިޒާމްގެ ޝިޢާރުތައްފާޅުކުރާ ވެރިަކަމެއްފެށުނެވެ.  އަދި މިވެރިކަން 88 އަހަރަށް ދެމިގެންދިޔައެވެ.

 ·         މުސްލިމުންގެ ޤުދުސްގައި ދެވަނަފަހަރަށް ވެރިކަންކުރުން:

މުސްލިމުންގެ ޤާއިދު صلاح الدين الأيوبي ކުރެއްވި މަސައްކަތުން މުސްލިމުންގެ ލަޝްކަރު އެއްކޮށް ޞަލީބީންނާއި ދެކޮޅަށްރުކުރުވާލައި ޙިއްޠީންކިޔޭ ސަރަހައްދުގައި ވަރުގަދަ ހަނގުރާމައެއްކޮށް ޞަލީބީން ބަލިކޮށްލައި އިސްލާމީ އުންމަތް ފަޚުރުވެރިވާފަދަ ނަޞްރެއް ހޯދައި ދެއްވިއެވެ. އަދި އެއިރު ޤުދުސްގައި ވަޒަންވެރި ވެގެންތިބި މަސީހީންނާއި މެދު ހެޔޮކޮށް މުޢާމަލާއިކުރެއްވުމުން صلاح الدين الأيوبي  މަސީހީންގެ ލޯބިވެސް ލިބިގެންދިޔައެވެ. އެއަށްފަހު  قبة الصخرة ގައި ނަގާފައި ހުރި ޞަލީބު ތިރިކޮށް އަލުން ޤުދުސް މަރާމާތުކޮށް ޤުުދުސް ދުޝްމަނުންގެ ކިބައިން ރައްކާތެރިކުރުމަށް އަހަމިއްޔަތުކަންދެއްވިއެވެ.

·        ޞަލީބީންގެ ދެވަނަ ޒަމާން:

ޞަލާޙުއްދީން ނިޔާވެދިޔުމަށްފަހު ޞަޤްލިއްޔާ ( Sicily ) ރަސްގެފާނު ފްރެޑްރިކް ގެ މަސައްކަތުން އަނެއްކާވެސް ޞަލީބީންގެ ބާރުގެ ދަށަށް ޤުދުސް ދިޔައެވެ. ނަމަވެސް ގާތްގަޑަކަށް 11 އަހަރަށްފަހު މީލާދީން 1244 ގައި އައްޔޫބީންގެ އެއިރުގެ ރަސްގެފާނު الصالح نجم الدين أيوب ޞަލީބީންގެ ކިބައިން ޤުދުސް މިނިވަންކޮށް އަނބުރާ މުސްލިމުންގެ ބާރުގެ ދަށަށް ގެންނެވިއެވެ.

·        މަމާލިކުންގެ ވެރިކަން:

ޤުދުސްގައި މަމާލިކީންގެ ވެރިކަންކުރިދުވަސްވަރުވެސް ޤުދުސް މަޣޫލުންގެ އުނދަގުލާއި ދުއްތުރާތައް ކުރިިމަތިވެގެންދިޔައެވެ. މިކަމުގެ ސަބަބުން މީލާދީން 1259 ގައި  سيف الدين قطز އާއި الظاهر بيبرس ގެ ލީޑާރޝިޕްގެ ދަށުން މުސްލިމުން މަޣޫލުންނާއި ފިސާރި ވަރުގަދަ ހަނގުރާމައެއްކޮށް ޢައިންޖާލޫޠުގައި މަޣޫލުންގެ މަށްޗަށް ވަރުގަދަ ނަސްރެއް ހޯދިއެވެ. މަމާލިކުންގެ ވެރިކަން ޤުދުސް އާއި މިސްރާއި ޝާމްކަރަގައި 1517މ ހަމަޔަށް ދެމިއޮތެވެ.

·        އުޘްމާނީންގެ ވެރިކަން:

އުސްމާނީންގެ ލަޝްކަރު ފަލަސްޠީނަށް ވަދެގަތީ السلطان سليم الأول ގެ  ވެރިކަމުގެ ދަށުން   مرج دابق ގެ ހަނގުރާމައަށްފަހު މީލާދީން 1615- 1616މ ގައެވެ. އެއަށް އުޘްމާނީ ޚިލާފަތުގެ ދަށަށް ޤުދުސް ވަދެގެންދިޔައެވެ. އަދި މީލާދީން  1831 ން 1840  އާއި ދެމެދު މިޞްރުގައި محمد علي އުފެއްދި ވެރިކަމުގައި ޤުދުސް މިޞްރާއި ގުޅާލިއެވެ. އެއަށްފަހު އަނެއްކާވެސް އުޘްމާނީ ޚިލާފަތުގެ ދަށަށް ޤުދުސްގެ ވެރިކަން ފޮރޮޅުނެވެ. އަދި ފުރަތަމަ ބޮޑުހަނގުރާމަޔާއި ޖެހެންދެންވެސް ޤުދުސްގައި ވެރިކަން ކުރަމުން ދިޔައީ އުޘްމާނީންނެވެ.

·        އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ޤުދުސް :

ފުރަތަމ ބޮޑުހަނގުރާމައިން އުޘްމާނީން ބަލިވެ ޤުދުސުން އުޘްމާނީން ނެރެބޭރުކޮށްލިއެވެ. މިލާދީން 1917 ގައި އިންގިރޭސީންގެ ހިމާޔަތުގެ ދަށަށް މުޅިފަލަސްޠީނާއި ޤުދުސް ގެންދިޔައެވެ. އަދި އިނގިރޭސީންގެ ބެލުމުގެ ދަށުން ފަލަސްޠީނުގެ ވެރިރަށަކީ ޤުދުސް ކަމުގައި ނިންމިއެވެ. މިލާދީން 1920 ން– 1948 އާއި ދެމެދު ވެގެން ދިޔައީ އާދުވަސްވަރަކަށް ފަލަސްޠީނު ކުރިމަތިލި ދުވަސްވަރަކަށެވެ. ޚާއްސަގޮތެއްގައި އިނގިރޭސިން  އެމީހުން 1917 ގައި ޔަހޫދީންނަށް ވެފައިވާ އެއްބަސްވުމެއްގެެ (Balfour Declaration)  ދަށުން ފަލަސްޠީނަަށް ޔަހޫދީން ހިޖުރަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީ އިތުރުކުރުވަމުން ދިޔައެވެ.

·        އިނގިރޭސީންގެ ޙިމާޔަތުންވީއްލުމާއި އިސްރާޢީލު ކިޔާ ދައުލަތެއް އިޢުލާނުކުރުން:

މީލާދީން 1948 ގައި އިގިރޭސީންގެ ހިމާޔަތުން ފަލަސްޠީނު މިނިވަންކުރިކަން އިޢުލާންކޮށް އެމީހުންގެ ބާރުތައް ފަހަތައްޖެއްސިއެވެ. މިއަސްކަރީ އަދި ސިޔާސީ ހުސްކަމުގައި ޞިހްޔޫނީން އެމީހުންގެ އިސްރާޢީލު ދައުލަތް ޤާއިމްކުރިކަން އިޢުލާންކުރިއެވެ. އަދި 03 ޑިސެންބަރ 1948 ގައި އިސްރާޢީލުގެ ބޮޑުވަޒީރު ޑޭވިޑް ބެން ގޯރިއަން ( David Ben-Gurion) އިސްރާއީލުގެ ވެރިރަށަކީ ހުޅަނގު ޤުދުސް ކަމުގައި އިޢުލާނުކުރިއެވެ. އެއިރު އިރުމަތީ ޤުދުސް އޮތީ އުރުދުންގެ ބާރުގެ ދަށުގައެވެ. ނަމަވެސް ޖޫން  1967މ ގައި ކުރެވުނު ޢަރަބި އިސްރާއީލު ހަނގުރާމައިގައި ޢަަރަބީން ބަލިވެ އިރުމަތީ ޤުދުސް ވެސް އިސްރާއީލުގެ އަޅުވެތިކަމުގެދަށަށް ދިޔައެވެ.